ރެއާލުން 36 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި

ކަޑީޒް ކޮޅަށް ޑިއާޒް ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ ބޯލާ ޑޮޓް ނެޓް

ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން 36 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ރެއާލަށް ލަލީގާގެ ޗެމްޕިއަންކަން ލިބުނީ ކަޑީޒްއާ ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބު ކުރުމުގެ އިތުރުން އެ ޓީމާ އެންމެ ގާތުން ވާދަކުރަމުންދިޔަ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ، ޖިރޯނާ އަތުން ބަލިވުމުންނެވެ. އެހެންވެ، ބާލީ ހަތަރު މެޗު އޮއްވައި ރެއާލަށް ވަނީ ލީގުގެ ތަށި ޔަގީންވެފައެވެ.

އެ ޓީމުން ވަނީ މި ސީޒަންގައި މިހާތަނަށް ލީގުގައި ކުޅުނު 34 މެޗުގެ ތެރެއިން 27 މެޗު ކާމިޔާބުކޮށް 87 ޕޮއިންޓް ހޯދައިފައެވެ. އަދި، ހަ މެޗުން އެއްވަރުވެފައިވާއިރު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. މިހާރު ތާވަލުގެ ދެވަނައިގައި އޮތް ޖިރޯނާއަށް ލިބިފައިވަނީ 74 ޕޮއިންޓް ކަމުން އެ ޓީމު ބާކީ އޮތް ހަތަރު މެޗު ކާމިޔާބުކުރި ނަމަވެސް އެންމެ ގިނަ ވެގެން ލިބޭނީ 86 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކަޑީޒްއާ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ރެއާލުން ވަނީ މެޗުގެ 51 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ޖަހައިދިން ލަނޑުން މެޗުގެ ލީޑު ނަގައިފައެވެ. އަދި، މެޗުގެ 68 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ޖަހައިދިން ލަނޑާ އެކު އެ ޓީމުންވަނީ މެޗުގައި ލީޑު ފުޅާކޮށްފައެވެ. މިއީ އޭނާ މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި 18 ވަނަ ލަނޑެވެ. ރެއާލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޖަހައިދިނީ ހޮސެލޫއެވެ.

މި ކާމިޔާބީއާ އެކު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ބަޔޭން މިޔުނިކާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު ލީގު ކާމިޔާބުކުރެވިފައިވުން ވެގެންދާނީ ރެއާލަށް ލިބިގެންދާނެ އިތުރު ހިތްހަމަޖެހުމަކާއި ހިތްވަރެކެވެ.

އެ ޓީމުން މިހާރު ވަނީ ލީގުގައި އެންމެ ވާދަވެރި ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވާ މިދިޔަ ސީޒަންގެ ޗެމްޕިއަން ބާސާއަށް ވުރެ ނުވަ ފަހަރު އިތުރަށް ލީގު ކާމިޔާބުކޮށްފައެވެ. ބާސާއަށް ލަލީގާ ކާމިޔާބު ކުރެވިފައިވަނީ 27 ފަހަރެވެ.

މިއީ ކާލޯ އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ރެއާލުން ލަލީގާ ކާމިޔާބުކުރާ ދެވަނަ ފަހަރެވެ. ރެއާލުން ވަނީ އެންޗެލޯޓީގެ ކޯޗުކަމުގެ ދަށުން 2021 -2022 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ.

މި ސީޒަންގައި މިހާތަނަށް 87 ޕޮއިންޓް ހޯދާފައިވާ ރެއާލަށް 99 ޕޮއިންޓާ އެކު ސީޒަން ނިންމާލުމުގެ ފުރުސަތު އެބައޮތެވެ. އެހެން ވެއްޖެނަމަ މި ސީޒަން ވެގެންދާނީ ރެއާލަށް ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދޭ ސީޒަނަށެވެ.

comment ކޮމެންޓް