މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވުމުން، ދައުލަތުން މީޑިއާތަކަށް ފައިސާ ދެވޭނެ: ނައިބު ރައީސް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ޕީއެސްއެމްގައި: މީޑިއާތަކުގެ ހާލަތު ރަނގަޅު ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ނައިބު ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ސުޕަމެޖޯރިޓީއާއެކު ދައުލަތުން މީޑިއާތަކަށް ދޭ ފައިސާ ހަމަޖެހޭނެ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރޭ ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ޕީއެސްއެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ މީޑިއާތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޚަރަދު ދެކޮޅު ނުޖެހުން ކަމަށެވެ.

އެހެންވެ މީޑިއާތަކާއި ނޫސްވެރިން ކުރިއެރުވުމަށްޓަކައި ދައުލަތުން މަސައްކަތްތަކެއް ފެށި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ކަން ދިމާކުރި ގޮތުން އަޅުގަނޑުމެންނަށް ސަރުކާރު ލިބުނު އިރުގައި މަޖިލީހުގެ މެޖޯރިޓީ މިއޮތީ އިދިކޮޅު ފަރާތްތަކަށް، މިހާރުގެ އިދިކޮޅު ފަރާތްތަކަށް. އެހެންވީމަ ދައުލަތުގެ ބަޖެޓުން ރައީސް ބޭނުންފުޅުވީ ކޮންމެ މީޑިއާ އަކަށް، ބަޖެޓުން ފުރަތަމަ ފަހަރަށް، ކޮންމެވެސް އެއްޗެއް ދެވޭނެ ގޮތެއް ހަމަޖައްސަން," ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެކަމުގެ އުސޫލު މިހާރު އޮތީ ކަނޑައަޅައި ނިމިފައި ކަމަށާއި ސުޕަމެޖޯރިޓީ އޮތް މަޖިލީހާއެކު، މީޑިއާތަކަށް ރައީސް ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވޭނެ ކަމަށެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު: މީޑިއާތަކުގެ ހާލަތު ރަނގަޅު ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ނައިބު ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އިތުރަށް ނައިބު ރައީސް ވިދާޅުވީ މީޑިއާތަކުން އެކި ތަންތަނުގައި އުޅެނީ ވަރަށް ދަތި ހާލުގައި ކަމަށާއި އެކަންވެސް ފަސޭހަ ކޮށްދިނުމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

"އެހެންވީމަ، އަޅުގަނޑުމެންގެ ރައީސްގެ ވައުދު ފުއްދުމަށްޓަކައި މިހާރު އެ އޮތީ ހުޅުމާލެއިން ބިމެއް ކަނޑައަޅުއްވައިފައި، މީޑިއާތަކުން ގޮސްފައި އެބޭފުޅުން ބޭނުންވާގޮތަށް އެތަންތަން ބައްޓަން ކުރެވިގެން މަސައްކަތް ކުރެވޭނެ ތަނެއް ބިންގާ އެޅިފައި އެ އޮތީ ފެއްޓިފައި،" ނައިބު ރައީސް ވިދާޅުވިއެވެ.

މި އަހަރު ތެރޭ އެ މަޝްރޫއު ހިނގާނެކަމުގެ އުންމީދު އެބަ އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިގާލީ މަރުހަލާގެ ތެރޭގައި ވެސް ފެނުނީ ނޫސްވެރިންނާ ބައްދަލު ކުރައްވައި ނޫސްވެރިންނާ ގާތް ގުޅުމެއް ބަދަހި ކުރެއްވި މަންޒަރު ކަމަށެވެ. އަދި ރައީސް، ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވައި އެކަންކަމަށް ޖަވާބުދާރީ ވެވަޑައިގަތް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 21ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ޕީއެންސީއަށް 66 ގޮނޑި ލިބިފައިވެއެވެ.

comment ކޮމެންޓް