ޑިޓެންޝަންގައި ބަހައްޓާ ކޮންމެ ބިދޭސީއަކަށް މަހަކު 27،000 ރުފިޔާ ހަރަދުވޭ

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ހިންގާ އޮޕަރޭޝަން 'ކުރަނގި'ގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުސާ ނަދީމް

ކުށްކުރުމުގެ ސަބަބުން ޑިޓެންޝަނުގައި ތިބޭ ބިދޭސީން ބަލަހައްޓަން މަހެއްގެ މައްޗަށް ބޮލަކަށް 27،000 ރުފިޔާ ޚަރަދުކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ހިންގާ އޮޕަރޭޝަން 'ކުރަނގި'ގެ އަމަލީ މަސައްކަތް ފަށަން ކ. ހިންމަފުށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށް ފަހު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އުސޫލެއްގެ ގޮތުން ޖިނާއީ އެއްވެސް ކުށަކަށް އަރައިގެންފިނަމަ 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓު ކުރަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މީހުން ރާއްޖޭގައި ޑިޓެންޝަނަށް ލައިގެންދާ ކޮންމެ ދުވަހަކީ ވެސް ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ޚަރަދެއް ކަމަށެވެ.

"މަހެއްގެ މައްޗަށް މީގެ މީހަކު ބަލަހައްޓަންދޭ 27،000 ރުފިޔާ މަހަކު. މިއީ ވަރަށް ބޮޑު ކޯސްޓެއް އަސްލު. އެހެންވީމާ، މި ކޯސްޓު ބެއާކުރާކަން އަޅުގަނޑުމެން ބެނުމެއްނުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވެ، އެ ޚަރަދުގެ ބުރަ ނުއުފުލާން ޖިނާއީ ބޮޑު ކުށަކަށް ނުވަތަ ދިވެހި ރައްޔިތުންގެ ހައްގަކަށް އަރައިނުގަންނަ ނަމަ، 48 ގަޑިއިރު ތެރޭގައި ޑީޕޯޓުކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރު އިހުސާން: އޭނާ ވިދާޅުވީ، ޑިޓެންޝަންގައި ބައިތިއްބާ ކޮންމެ ބިދޭސީއަކަށް މަހަކު 27،000 ރުފިޔާ ހަރަދުވާ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

"ސާޅީސް އަށް ގަޑިއިރު ވެސް މި ނަގަނީ އެ މީހާގެ ޓިކެޓު ޕްރޮސެސިންނާއި އައިޑެންޓިޓީ ވެރިފިކޭޝަންއާ މި ހުރިހާ ކަމެއް ކުރަން،" މިނިސްޓަރު ވިދާޅުވިއެެވެ.

އެކަމަކު، ބައެއް ފަހަރު އެއްވެސް އައިޑީއެއް ނެތް ބިދޭސީންނާ ވެސް ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ މީހުން ޑީޕޯޓުކުރަން ދުވަސްކޮޅެއް ނަގާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެއީ، އެމްބަސީއާ ގުޅިގެން ވަގުތީ ޓްރެވެލް ޑޮކިއުމަންޓެއް ހައްދަން ނަގާ ދުވަސްކޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތަށް 48 ގަޑިއިރު ތެރޭގައި ޑީޕޯޓުކުރި ނަމަވެސް ދިވެއްސެއްގެ ބޮޑު ހައްގަކަށް އަރައިގެންފި ނަމަ، ޑީޕޯޓުނުކޮށް ރާއްޖޭގައި ބަހައްޓައިގެން ޝަރީއަތް ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"ޚާއްސަކޮށް މީހަކު މެރުން ފަދަ ނޫނިއްޔާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން ފަދަ ކަމެއް ކޮށްފިއްޔާ ދުލެއް ނުކުރާނަން. ހަމަ ރާއްޖޭގައި މި އިންނަ އުސޫލުގެ ތެރެއިން އަޅުގަނޑުމެން އެ މީހަކަށް ފިޔަވަޅު އަޅާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން 'އޮޕަރޭޝަން ކުރަނގި'ގެ ނަމުގައި މިއަދު ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. މިނިސްޓަރު ވަނީ މި ޕްރޮސެސް މި ގޮތަށް ކުރިއަށްދާ ކަމަށްވާ ނަމަ މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް