ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރައްވައިފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ޒަމީރު ވަނީ އެ ގައުމުގެ ޝެއިޚް ނަހްޔާންއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު ހަވާލުކޮށްދެއްވާފައެވެ.
މި ބައްދަވުމުގައި، ރާއްޖެއާއި އެ ގައުމާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަގުވާމީ މަސްރަހުގައި ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުމާ ގުޅޭ ގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، މިނިސްޓަރު ޒަމީރު ވަނީ ޔޫއޭއީން ރާއްޖެއާ ދެމެދު ބަހައްޓަމުން އަންނަ ގާތް ގުޅުމާއި އެހީތެރިކަމުގެ އިތުރުން އެއްބާރުލުން ފާހަގަކުރައްވައި އެކަންކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޒަމީރުގެ އަރިހުގައި، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި އެމްބެސެޑާއެޓްލާޖް އަޙުމަދު ނަސީރާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާގެ އިތުރުން އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަ ޙައްސާން ވަހީދު ބައިވެރިވަޑައިގެންނެވިއެވެ.
މިދިޔަ ހޯމަ ދުވަހު ޒަމީރު ޔޫއޭއީއަށް ވަޑައިގެންނެވީ ޝެއިޚް ނަހްޔާންގެ ދައުވަތަކަށެވެ.
އެ ދަތުރުފުޅުގެ ތެރެއިން ޒަމީރު ވަނީ، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓާ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައި އެ ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.