ސިޔާމަށް އޮތް ލޯބި ދައްކައިދިނީ ބޮޑު އަގުލަބިއްޔަތަކުން

ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ މޫސާ ނަދީމް

ވޭތުވެދިޔަ ހަތަރު ދައުރު ރައްޔިތުންގެ މަޖިލީހުގައި ދ. މީދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު, ފަސް ވަނަ ދައުރަކަށް ވެސް އެ ދާއިރާއަށް އިންތިޚާބުކޮށްފިއެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިޚާބުގައި ސިޔާމް މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެ މަނިކުފާނާ ވާދަކުރެއްވި ދެ ކެންޑިޑޭޓުންނާ އަޅައިބަލާއިރު، ބޮޑު ތަފާތަކުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖައިން ދައްކާ ގޮތުގައި ސިޔާމަށް ވަނީ 2156 ވޯޓުގެ ތެރެއިން 1558 ވޯޓު ލިބިފައެވެ. އެއީ 73.73 ޕަސެންޓް ވޯޓެވެ.

އެ މަނިކުފާނާ އެންމެ ގާތުން ވާދަކުރި މިނިވަން ކެންޑިޑޭޓް އަލީ ރަޝީދަށް ލިބުނީ 304 ވޯޓެވެ. އެ ދާއިރާއަށް އެމްޑީޕީން ކުރިމަތިލި އިޔާސް އިސްމާއީލް ލަތީފަށް ލިބުނީ 251 ވޯޓެވެ.

ވޭތުވެދިޔަ ތިން ދައުރަށް އެކަނި ބެލިނަމަވެސް ސިޔާމް އިންތިޚާބު ކާމިޔާބު ކުރައްވަމުން ގެންދަވަނީ ފަހަރަކަށް ފަހު ފަހަރެއް އިތުރަށް ވޯޓް ހޯއްދަވައިގެންނެވެ. އެގޮތުން 2014 ވަނަ އަހަރު 1140 ވޯޓުން އިންތިޚާބު ކާމިޔާބު ކުރެއްވިއިރު 2019 ވަނަ އަހަރު އިންތިޚާބު ކާމިޔާބު ކުރެއްވީ 1426 ވޯޓުންނެވެ. އީސީގެ ހިސާބުތައް ދައްކާގޮތުން މިފަހަރުގެ އިންތިޚާބުން ސިޔާމަށް ވަނީ އެއަށް ވުރެން މާ ގިނައިން ވޯޓް ލިބިވަޑައިގެންފައެވެ.

ސިޔާމް ފަސް ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޚިޔާލު ހޯއްދެވިއެވެ. އެގޮތުން . ބަނޑިދުއާއި ހުޅުދެއްޔާއި މީދޫ އަދި ރިނބިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

އެ ބައްދަލުވުންތަކުގައި، ސިޔާމް އިތުރު ދައުރަކަށް ވާދަކުރުމަށް އެދި، ވަރަށް ގިނަ ރައްޔިތުން ޚިޔާލު ފާޅުކޮށްފައެވެ.

އެހެންވެ، ސިޔާމް އިތުރު ދައުރަކަށް ވާދަކުރައްވާކަން އިއުލާން ކުރެއްވީ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.

https://sun.mv/188516

އެ މަނިކުފާނު ވަނީ ދ. އަތޮޅުގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ސަރުކާރާ ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް