ސިޔާމް، މަޖިލީހުގެ އިތުރު ދައުރަކަށް ކުރިމަތިލައްވަނީ

ސިޔާމް، ދ. މީދުއާއި ރިނބިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން: މީދޫ ދާއިރާއަށް އިތުރު ދައުރަކަށް ވާދަ ކުރައްވާނެ ކަމަށް ސިޔާމް މިރޭ އިއުލާންކުރެއްވި -- ސަން ފޮޓޯ

ވޭތުވެދިޔަ ހަތަރު ދައުރު ރައްޔިތުންގެ މަޖިލީހުގައި ދ. މީދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަޙުމަދު ސިޔާމް މުޙައްމަދު, ފަސް ވަނަ ދައުރަކަށް ވެސް އެ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން މިރޭ އިއުލާން ކުރައްވައިފިއެވެ.

މީދޫ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރެއާއި މިރޭ ވެސް ސިޔާމާ ބައްދަލުކޮށްފައެވެ. އެގޮތުން ރޭ ދ. ބަނޑިދުއައި ހުޅުދެލީގެ އިސް ރައްޔިތުން އެ މަނިކުފާނާ ބައްދަލުކުރެއްވިއިރު، މިރޭ ބައްދަލުކުރީ ރިނިބިދުއާއި މީދޫގެ ރައްޔިތުންނެވެ.

އެ ދެ ޖަލްސާގައި ވަރަށް ގިނަ ރައްޔިތުންވަނީ ސިޔާމް އިތުރު ދައުރަކަށް ވާދަކުރުމަށް އެދި، ޚިޔާލު ފާޅުކޮށްފައެވެ. ރޭގެ ޖަލްސާގައި ސިޔާމް ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނީ މީދުއާއި ރިނބިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު، ﷲގެ ރަހްމަތްފުޅާއި ވާގިފުޅުން މިފަހަރު ތިޔަ ރައްޔިތުން އެދިލެއްވީތީ އަދި އަޅުގަނޑުވެސް ތިބޭފުޅުންނަށް އެކަން ކޮށްދޭން ބޭނުން އަދިވެސް ވާތީވެ، ﷲގެ ރަހުމަތްފުޅާއި ވާގިފުޅުން އަޅުގަނޑު މިނިންމީ ދ. މީދޫ ދާއިރާއަށް ކުރިމަތިލާން،" މިރޭގެ ޖަލްސާގައި ސިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ތާއިދުކުރެއްވި ސިޔާމް އިތުރަށް ވިދާޅުވީ، ރައީސަކީ މީދޫ ދާއިރާއާ ގާތް ބޭފުޅެއް ކަމަށެވެ. އަދި ރައީސަކީ މީގެ ކުރިން، ސިޔާމްގެ މޯލްޑިވްސް ޑެވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ މެންބަރެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިޔާމް، ދ. މީދުއާއި ރިނބިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން: މީދޫ ދާއިރާއަށް އިތުރު ދައުރަކަށް ވާދަ ކުރައްވާނެ ކަމަށް ސިޔާމް މިރޭ އިއުލާންކުރެއްވި -- ސަން ފޮޓޯ

ރައީސް މީގެ ކުރިން ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު، އެމްޑީއޭގެ ނައިބު ލީޑަރުގެ ގޮތުގައި ވެސް ހުންނަވައި ހޯއްދެވި ކާމިޔާބީތައް ސިޔާމް ފާހަގަކުރެއްވިއެވެ.

"އެ މަނިކުފާނުގެ ވަޒީރުކަމުގައި ރާއްޖެ ނުދެކޭވަރު ބޮޑެތި އިންވެސްޓްމެންޓްތައް ގެނެސްދެއްވައި، ރާއްޖެ ނުދެކޭވަރުގެ ބުރިޖުތައް އަޅުއްވައި، ރާއްޖެ ނުދެކޭ ވަރު އުސް އިމާރާތްތައް އަޅުއްވައި، މިފަދަ ވަރަށް ބޮޑެތި އުމްރާނީ މަސައްކަތްތައް ރާއްޖޭގައި ދުވަހަކު ވެސް ނުކުރެވޭ ވަރަށް ކުރެއްވި،" ސިޔާމް ވިދާޅުވިއެވެ.

އިތުރު ދައުރަކަށް ވާދަކުރައްވާއިރު، ދ. އަތޮޅުގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ސަރުކާރާ ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު އެރުވިއެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުއިއްޒާ ވާހަކަދައްކައިގެން ވީހާވެސް ކައިރިން މަސައްކަތްކޮށް، އިރާދަކުރެއްވިއްޔާ މި އަތޮޅަށް ގެންނަން ޖެހޭ ހުރިހާ ތަރައްގީގެ މަޝްރޫއުތައް ގެނައުމުގައި އަޅުގަނޑު އެއްވެސް ފަހެއް ނުޖެހި މަސައްކަތް ކުރާނެ ވާހަކަ ތިޔަ ރައްޔިތުންނަށް ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިސްކޮށް ހުންނަވާ ޕީއެންސީންވަނީ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މީދުއިން ކެންޑިޑޭޓަކު ނުނެރެން ނިންމައިފައެވެ. އެ ދާއިރާގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ ދާއިރާތަކަށް ވެސް ކުރިމަތިނުލާން އެ ޕާޓީން ވަނީ ނިންމައިފައެވެ.

https://sun.mv/187873

ޕީއެންސީން ބުނި ގޮތުގައި އެގޮތަށް ނިންމާފައިވަނީ އެ ޕާޓީތަކުގެ ލީޑަރުންނަށް އިޚުތިރާމު ކުރުމުގެ ގޮތުންނެވެ.

comment ކޮމެންޓް