މިއީ މިނިވަންކަމަށް އަސަރުކުރާ ކަންކަން ނައްތާލަން މަސައްކަތް ކުރަންވީ ވަގުތު: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ އަހްމަދު އަމަން

ގައުމުގެ މިނިވަންކަމަށް އަސަރުކުރާ އެތައް ކަމެއް މުޖުތަމައުގެ ތެރޭގައި ފަތުރަމުން ދާކަމަށާއި، މިއީ އެފަދަ ދަށުދަރަޖައިގެ އަމަލުތައް ރާއްޖެއިން ނައްތާލަން މަސައްކަތްކުރުމަށް އަޒުމު ކަނޑައަޅަންވީ ވަގުތު ކަމަށް، އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބާތުގައި ފޮނުއްވި ޚިޠާބުގައެވެ.

މި ޚިޠާބުގައި ސިޔާމް ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރޭ މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހި ރައްޔިތުންނަށާއި އެމްޑީއޭގެ އެންމެހާ މެންބަރުންނަށް އަރިސްކުރައްވާފައެވެ.

ސިޔާމް ވިދާޅުވީ މިއަދު ދުނިޔޭގެ ބަދަލުވަމުންދާ ވަޔާއި، އޮއިވަރުގައި ރާއްޖެއަށް ވެސް އެތައް ގޮންޖެހުމަކާއި ކުރިމަތިވަމުންދާ ކަމަށެވެ. ވަކިން ޚާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް "ލޯ އަޅައިގެން ތިބެ"، މިނިވަންކަމަށް އަސަރުކުރާ އެތައް ކަމެއް މިއަދު ވެސް މުޖުތަމައުގެ ތެރޭގައި ފެތުރުމަށް އެފަދަ ފަރާތްތަކުން މަސައްކަތް ކުރަމުން ދާކަމަށް ސިޔާމް ވިދާޅުވިއެވެ.

އެގޮތުން ދޮގު ޚަބަރު ފެތުރުން އާއްމު ކުރުމާއި، މީހުންގެ އަބުރާ އިއްޒަތަށް ބެލުމެއްނެތި، އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް މުޖުތަމައުގައި ފަރުދުންގެ ހައްގުތަކަށް ގެއްލުންދިނުމަކީ ވެސް މިނިވަންކަން ކަމުގައި ދެއްކުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ، މިއަދު މިނިވަން ދުވަސް ފާހަގަކުރާއިރު މިއީ އެފަދަ ދަށުދަރަޖައިގެ އަމަލުތައް ރާއްޖެއިން ނައްތާލުމަށް މަސައްކަތްކުރުމަށް އަޒުމު ކަނޑައަޅަންވީ މުނާސަބަތުކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރޭއިރު، މިއަދު ކުރިމަތިލާންޖެހިފައި ވަނީ އިގްތިސާދީ ގޮތުން ވެސް ދަތި އުނދަގޫ ދުވަސްތަކަކާކަން ސިޔާމް ފާހަގަކުރެއްވިއެވެ. އަދި އެކަމުން އަރައިގަތުމަށް ހުރިހާ ރައްޔިތުން އެކުގައި މަސައްކަތްކުރުމަށް ސިޔާމް ގޮވާލެއްވިއެވެ.

އަޅުގަނޑުމެންގެ އިގްތިސާދަށް ކުރިމަތިވެފައިވާ މި ދަތި ދުވަސްތަކުން ގައުމުގެ އިގްތިސާދު ސަލާމަތްކޮށް ރަނގަޅު ހާލަތަކަށް ބަދަލުކުރުމަށް އެންމެން ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށާއި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކޮށް، ނަސޭހަތްތެރިވަން. އަދި ކޮންމެ ފަރުދަކީ ވެސް ދިރިއުޅުމަށްޓަކައި އާމްދަނީ ލިބޭނެ މަސައްކަތެއް ކުރާ މީހަކަށް ވުމުގެ އަޒުމު އާކޮށް މަސައްކަތްކުރުމަށް އަޅުގަނޑު ހަނދާންކޮށްދެން، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް

ހަމައެއާއެކު މި މުނާސަބަތުގައި، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވި ބަތަލުންގެ ޒިކުރާ އައުކުރުމަކީ ކޮންމެހެން ވެސް ކުރުން މުހިންމު ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް މިނިވަންކަމުގެ ބާނީ، ރައީސް އިބްރާހީމް ނާސިރު ގެންގުޅުއްވި ހިކުމަތްތެރިކަމާއި، ދުރުވިސްނެވުމާއި، ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ މަތިވެރި ސިޔާސަތަކީ މިއަދުވެސް އޭގެން ނަމޫނާ ހާސިލުކުރަންޖެހޭ ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވި އެންމެހާ އަބުތާލުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދަންނަވާފައެވެ.

comment ކޮމެންޓް