ކުރިން ހެދި ގޯސް ތަކުރާރު ނުކުރައްވާތި!

ރައީސް މުއިއްޒުގެ ފަހަތްޕުޅުން މަޖިލީސް -- ސަން ގްރެފިކްސް

ސަރުކާރުތަކަށް ރާއްޖެ ތަރައްގީ ނުކުރެވެނީ ރައްޔިތުން އެއްބާރުލުން ނުދީގެންނެއް ނޫނެވެ. އޭގެ ހެއްކަކީ އާ ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ރައްޔިތުންގެ މަޖިލީސްތަކުގެ ތެރެއިން ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރު ފިޔަވާ އެހެން ހުރިހާ ސަރުކާރުތަކަކަށް ވެރިކަން ކުރުމުގެ ބާރާއެކު ގާނޫނު ހެދުމުގެ ބާރު ވެސް ރައްޔިތުން ދިނީތީއެވެ. ބޭނުން ގޮތަކަށް ވެރިކަން ކުރުމުގެ ފުރިހަމަ އިހުތިޔާރު ރައްޔިތުން ސަރުކާރުތަކަށް ދިނެވެ. ނަމަވެސް އަމިއްލަ އެދުން އިސްކުރުމާއެކު މާ އެދެވޭ ނަތީޖާއެއް ނުނެރެވުނީއެވެ. އިއްޔެ ބޭއްވި މަޖިލީސް އިންތިޚާބުގައި ރައްޔިތުން މިވަނީ އަނެއްކާ ވެސް ސަރުކާރަކަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ދީފައެވެ.

ވަގުތީ ނަތީޖާތަކަށް ބަލާއިރު ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 68 ގޮނޑި އެބަލިބެއެވެ. އަދި، އަމިއްލަ ގޮތުން ހޮވިފައިވާ މެންބަރުންގެ ތެރޭގައި ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބައެއް ކެންޑިޑޭޓުން އެބަހިމެނެއެވެ. މި ހުރިހާ ގޮނޑިއެއް އެއްކޮށްލުމުން މަޖިލީހުގެ ތިންބައިކުޅަ ދެ ބަޔަކަށް ވުރެ އިތުރަށް ވެސް ޕީއެންސީއަށް ގޮނޑި މިވަނީ ލިބިފައެވެ. މަޖިލީހުން ކުރަން ބޭނުން ކޮންމެ ކަމެއް ފަސޭހަކަމާ އެކު ކުރެވޭ ވަރަށެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ ދިހަ ވަރަކަށް ގޮނޑިއެވެ. އެހެންކަމުން އިދިކޮޅު ޕާޓީއަށް މަޖިލީހުގެ ތެރެއިން ކުރެވޭނެ ޖެއްސުމެއް ނޯންނާނެއެވެ. މިހާ ބޮޑު މެޖޯރިޓީއެއް ސަރުކާރަށް ލިބުމަކީ ވެރިކަން ކުރަން ދެގުނަ ފަސޭހަވާނެ ކަމެކެވެ. ނަމަވެސް މާޒީން އިބުރަތް ހާސިލުކުރަން ޖެހެއެވެ.

https://sun.mv/191127

ކުރިން ހޭވީ ހަޑި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރަޓިކް އުސޫލުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ނަޝީދަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުން ލިބުނު ބޮޑު ނާކާމިޔާބީއެވެ. މަޖިލީހުގެ މެޖޯރިޓީ އެ އިންތިޚާބުގައި ހޯއްދެވީ އޭރު އިދިކޮޅުގައި އޮތް، ދިގު 30 އަހަރުގެ ވެރިކަން ގެއްލުނު ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޑީއާރުޕީއެވެ. އިދިކޮޅު ޑީއާރުޕީން އެމްޑީޕީގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވަން ފެށިއެވެ. ވަޒީރުންނަށް ރުހުން ނުދިނުންފަދަ އެތައް ކަމަކާއެކުއެވެ. އެއާއެކު މުޅި ކެބިނެޓް އެކީގައި އިސްތިއުފާ ދިނުންފަދަ އެތައް ޑްރާމާއެއް އޭރު ހިނގިއެވެ. އަދި، މަޖިލީހުގެ މެންބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ފެށިއެވެ. ނަމަވެސް އެއާއެކު ވެސް އެމްޑީޕީއަށް މާ ބޮޑު މެޖޯރިޓީއެއް އެ ފަހަރު މަޖިލީހުގެ ތެރެއިން ނުހޯދުނެވެ.

ދައުރުގެ މެދެއްހާ ހިސާބުން ނަޝީދުގެ ވެރިކަން ނިމުމަކަށް އައިއިރު މަޖިލީހުގެ ތެރެއިން ދިމާވި ދަތިތަކަކީ އެ ސަރުކާރަށް ވެރިކަން ކުރަން އުނދަގޫތައް ކުރިމަތި ކުރުވި ކަމެކެވެ.

އޭގެ ފަހުން ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރައްވައިގެން ވެރިކަމަށް ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރަށްވިގޮތް ފެނި މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަށް ޔާމީންގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެކަމުގެ ނަތީޖާ ވެސް ރަނގަޅެވެ. އޭރު ވެރިކަން ކުރަމުން ދިޔަ ޕީޕީއެމަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދިނެވެ. އޭރުގެ މަޖިލީހުގެ 85 ގޮނޑީގެ ތެރެއިން 33 ގޮނޑި ޕީޕީއެމުން އެކަނި ހޯދިއެވެ. އަދި، އެ ސަރުކާރު ކޯލިޝަންގައި އޮތް އެމްޑީއޭއާއި ޖުމްހޫރީ ޕާޓީން ވެސް ގޮނޑިތައް ކާމިޔާބު ކުރިއެވެ. އިދިކޮޅުގައި އޮތް އެމްޑީޕީއަށް ލިބުނީ 26 ގޮނޑިއެވެ. އެއާއެކު ފަސޭހަކޮށް ވެރިކަން ކޮށްލަން ޔާމީނަށް ފުރުސަތު ލިބިގެންދިޔައެވެ.

އަށާރަވަނަ މަޖިލީހުގެ މެންބަރުންތަކެއް: ޕީޕީއެމަށް މެޖޯރިޓީ ލިބި އެ ފަހަރު ހެދީ ގޯސްތަކެއް --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

އެއާއެކު އާރާއި ގަދަ ބާރާ އެކު ވެރިކަން ކުރައްވަމުން ގެންދެވި ޔާމީނަށް ވެރިކަން ކުރުމުގެ ނިޒާމާއި ގާނޫނު ހެދުމުގެ ނިޒާމުގެ ތެރެއިން ބޭނުން ކަމެއް ކުރައްވައިގެން ރާއްޖެ ތަރައްގީކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތް ޕީޕީއެމްގެ އޭރުގެ ގިނަ މެންބަރުންތަކެއް ހެއްލިގެން ދިޔައީ ފައިސާއަށެވެ. ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށާއި އޭރުގެ ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތައް އިންތިހާއަށް ކުރެވޭއިރު އެ ފައިސާ ލިބުނު މީހުންގެ ތެރޭގައި އޭރު ޕީޕީއެމް ތަމުސީލުކުރަން މަޖިލީހުގައި ތިބި ގިނަ މެންބަރުންތަކެއް ހިމެނޭކަމަށް ތުހުމަތުކުރެވެއެވެ. އެ މެންބަރުން އޭރު އުޅެމުންދިޔައީ މުސާރައާ ނުބައްދަލު ދިރިއުޅުންތަކެކެވެ.

ޔާމީންގެ ވެރިކަމަކީ މައްސަލަތައް ބޮޑު ވެރިކަމެކެވެ. ކޮރަޕްޝަންގެ އަމަލުތައް ފާޅުގައި ހިންގި ކަމަށް ގިނަ ތުހުމަތުތައް ކުރެވުނު ވެރިކަމެކެވެ. ނައިބު ރައީސުންނާއި ވަޒީރުން ބަދަލު ކުރެއްވުން އާއްމު ކަމަކަށްވިއެވެ. މަޖިލީހުގެ ތެރެއިން ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރަމުންދިޔައެވެ. އިދިކޮޅު ހުރިހާ ލީޑަރުން ކަހަލަ ގޮތަކަށް ބަންދު ކުރިއެވެ. މަޖިލީހުގެ ރައީސަކަށް އޭރު ހުންނެވި އަބްދުﷲ މަސީހު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވަމުން ގެންދަވާ ކަމަށް އެތައް ތުހުމަތުތަކެއް ކުރެވުނެވެ. އެއާއެކު މަސީހު ވަކިކުރަން އިދިކޮޅު އެމްޑީޕީން މަސައްކަތް ފެށިއެވެ. އެ މަސައްކަތަށް ޕީޕީއެމްގެ ތެރެއިން ބައެއް މެންބަރުން ސިއްރާއި ފާޅުގައި އެއްބާރުލުން ދޭންފެށިއެވެ. މިފަދަ އެތައް ކަމަކާހުރެ މެޖޯރިޓީ އޮތް ޕީޕީއެމް މެންބަރުން ބައިބައިވިއެވެ. އެންމެ ފަހުން އެ ސަރުކާރު ބަދަލު ވެގެންދިޔައީ މަޖިލީހުގެ ތެރެއިން އަމިއްލަ ޕާޓީގެ ތެރޭގައި ވެސް ހިނގި ބައިބައިވުންތަކުގެ ތެރެއިންނެވެ.

ހަމަނުޖެހުންތައް ބޮޑު ޔާމީންގެ އެ ފަސް އަހަރަކީ ރާއްޖެ މިހާތަނަށް ދުށް އެންމެ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ވެސް ގެނައި ފަސް އަހަރެވެ. ހަގީގަތަކީ ވެރިކަމުގެ ފުރިހަމަ ބާރާއި މަޖިލީހުގެ މެޖޯރިޓީއާ އެކު ގައުމަށް ހެޔޮ ބަދަލުތަކެއް ގެންނަން ޔާމީނަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ ކަމެވެ. ހެޔޮ ބަދަލުތަކެއް ގެނައި ނަމަވެސް އެންމެ އެކަށޭނަ ބަދަލެއް ނުގެނެވުނެވެ. އަދި، މަޖިލީހުގެ މެޖޯރީޓީގެ ބޭނުން ހިފީ ވެސް އެންމެ ރަނގަޅަކަށް ނޫނެވެ. މެންބަރުންނަކީ ކޮރަޕްޓް ބަޔަކަށް ހެދިއެވެ. އެހެން އެކަންވީ ލިބުނު ބާރުގެ ބޭނުން ރަނގަޅަށް ނުކުރީމައެވެ.

ވައްކަމާއި އަނިޔާވެރިކަމާއި ހުތުމުހުތާރުކަމާ ދެކޮޅަށް 2018 ގެ ރިޔާސީ ރޭހަށް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީއާއި އެމްއާރުއެމް އެކުލަވާލި ކޯލިޝަނުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ނުކުންނެވީ ގިނަ އުއްމީދުތަކެއް ރައްޔިތުންނަށް ދެއްވަމުންނެވެ. ރައްޔިތުން އެކަން ގަބޫލު ކުރައްވައި އެ ފަހަރު ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ޞާލިހަށް ކާމިޔާބު ކޮށްދިނެވެ. އެ ވަރުން އަދި ވީއެއް ނޫނެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ ނުލިބުމުން ކަންތައް ވެގެންދިޔަ ގޮތް އެ މަނިކުފާނު ރައްޔިތުންނަށް ހަނދާން ކޮށްދެއްވައި ރާއްޖެ ތަރައްގީ ކުރަން މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އެއާއެކު ޖެހިގެން އައި 2019 ވަނަ އަހަރުގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އެކަނި ރައްޔިތުން ދިނެވެ. މިހާރު މި ހިނގާ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 65 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ލިބުނީ ހަމަ އެންމެ އަށް ގޮނޑިއެވެ.

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ވެރިކަމުގެ ބާރާއި މަޖިލީހުގެ މެޖޯރިޓީއާއެކު ބޭނުން ގޮތަކަށް ވެރިކަން ކުރުމުގެ ބާރު ޞާލިޙަށް ލިބިވަޑައިގަތަސް އެންމެ އެދެވޭ ނަތީޖާއެއް ނުފެނުނެވެ. މި ހިނގާ މަޖިލީހުގެ ހާލަތު ބުނެދިނުމަށް މާ ތަފުސީލުކޮށް ލިޔާކަށް ނުޖެހެއެވެ. އެންމެނަށް އެ އޮތީ އެ ތަނުގެ ހާލަތު ފެންނާށެވެ. ވައްކަމާއި ދެކޮޅަށް ކެމްޕެއިން ކޮށްގެން މަޖިލީހަށް ހޮވުމާ އެކު އެމްޑީޕީގެ ގިނަ މެންބަރުން އިސްކަން ދެއްވީ އަމިއްލަ ވިޔަފާރިއާއި މާލީ ތަނަވަސްކަން ހޯދާށެވެ. ނަޝީދާއި ޞާލިހާ ދެމެދު މައްސަލަ ގޯސްވި ހިސާބުން ޞާލިޙު ގިނަ މެންބަރުން ހޯއްދެވީ ސަރުކާރުން ވިޔަފާރި ޕްރޮޖެކްޓްތައް އެ މެންބަރުންނަށް ދީގެން ކަމަށް އެތައް ތުހުމަތެއް ކުރެވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން އެންމެ އެ އެދެވޭ ނަތީޖާ މިހާރު މި ހިނގާ މަޖިލީހަކަށް ވެސް ނުދެއްކުނެވެ. އަދި، އެމްޑީޕީގެ ވެރިކަން ނިމުމާ އެކު އެ ޕާޓީގެ 13 މެންބަރުން ކޮޅު ބަދަލުކޮށްލައި އާ ސަރުކާރާ ގުޅުނީއެވެ.

ރައީސް މުއިއްޒަށް ވެސް ރައްޔިތުން ފުރުސަތު ދެއްވައިފި

ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް އެތައް ޕްރެޝަރަކާ އެކު ހިންގަމުން އަންނަ ރައީސް މުއިއްޒުގެ ވެރިކަމަށް ވެސް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެރިކަން ފެށުނުއިރު ސަރުކާރުގެ މެޖޯރިޓީ އިދިކޮޅުގައި އޮތުމެވެ. ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ސަރުކާރަށް އެއްބާރުލުމެއް ނުދެއެވެ. ބައެއް ވަޒީރުންނަށް ރުހުން ނުދިނުމާއި ރައީސް އަޒުލުކުރުމުގެ ބިރު ދެއްކުންފަދަ އެތައް ކަމެއް ކުރާތީއެވެ.

އެފަދަ ސަބަބުތައް ހުރުމާ އެކު ވޭތުވެދިޔަ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ތަކުރާރުކޮށް އަބަދު ވިދާޅުވަމުން ގެންދެވި އެއް ވާހަކައަކީ ރާއްޖެ ތަރައްގީކުރަން މަޖިލީހުގެ ސާފު އަގުލަބިއްޔަތު ސަރުކާރަށް ބޭނުންވާ ކަމަށެވެ. ބާރު ސުޕީޑުގައި ދިވެހީންގެ ރާއްޖެއަށް ދެވޭނީ އޭރުން ކަމަށެވެ. ރައްޔިތުން މިވަނީ އެ ފުރިހަމަ ބާރު ރައީސް މުއިއްޒަށާއި އެ ޕާޓީއަށް ދެއްވައިފައެވެ. މި ބާރަކީ މީގެ ކުރީ ދެ ސަރުކާރަކަށް ވެސް ރައްޔިތުން ދެއްވާފައިވާ ބާރެކެވެ. އޭރު ކަންކަން ވެގެންދިޔަ ގޮތަކީ މި ސަރުކާރަށް އިބުރަތެއް ކަމަށް ފުދެއެވެ.

ރައީސް މުއިއްޒު އެދިވަޑައިގެންނެވި ހުރިހާ ބާރެއް ރައްޔިތުން ސަރުކާރަށް ދެއްވައިފިއެވެ. ނަމަވެސް އާ މަޖިލީހަށް ހޮވުނު މެންބަރުން ވެސް އަމިއްލަ ވިޔަފާރިއާއި ފައިސާއަށް އިސްކަން ދީގެން އުޅެން ވެއްޖެނަމަ ޖެހޭނީ ހަމަ ކުރިން ޖެހުނު ދަތުރެވެ. އަދި، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ދެކޮޅު ނުޖެހޭ ކަންކަން ކުރަން ވެއްޖެ ނަމަވެސް ހަމަ މާޒީ ތަކުރާރު ވާނެކަން ޔަގީނެވެ. އެހެންކަމުން މާޒީއިން އިބުރަތް ލިބިގަނެ ރާއްޖެ ބަދަލު ކޮށްލުމަށް މި މެޖޯރިޓީގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހެއެވެ.

comment ކޮމެންޓް