ހަމަނުޖެހުން ހިންގުމުން މަނިޕޫރުގެ 11 މަރުކަޒެއްގައި އަލުން ވޯޓުލަނީ

ހަމަނުޖެހުން ހިންގުމުގެ ސަބަބުން އިންޑިއާގެ މަނިޕޫރުގެ 11 މަރުކަޒެއްގައި އަލުން ވޯޓުލާން ވަނީ ނިންމައިފައި. ފޮޓޯ/ބްރޫކިންގްސް

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިއާގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު އެ ގައުމުގެ އިރުއިތުރުގައި އޮންނަ މަނިޕޫރު ސްޓޭޓްގެ ވޯޓުލާ 11 މަރުކަޒެއްގެ ވޯޓު ބާތިލުކޮށް އަލުން ވޯޓުލާން ނިންމައިފިއެވެ.

އެ 11 މަރުކަޒުގައި އަލުން ވޯޓުލާން ނިންމީ ހަމަނުޖެހުން ހިންގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ތަކެއްޗަށް ގެއްލުންދިނުމާ ގުޅިގެންނެވެ.

ހަމަނުޖެހުންތަކުގައި ވޯޓުލާ މަރުކަޒުތަކުގެ އިތުރުން ވޯޓުލާން ބޭނުންކުރަމުންދިޔަ މެޝިންތަކަށް ވެސް ގެއްލުންދީފައިވެއެވެ.

އިންޑިއާގެ މައި އިދިކޮޅު ޕާޓީ, ކޮންގްރެސް ޕާޓީން ވަނީ މަނިޕޫރުގެ ވޯޓުލާ 47 މަރުކަޒެއްގެ ނަތީޖާ ބަލައިނުގަތުމަށް ގޮވައިލާފައެވެ. އަދި, އެ ތަންތަނުގައި އަލުން ވޯޓުލުން ބޭއްވުމަށް އެދިފައެވެ. ކޮންގްރެސުން ތުހުމަތު ކުރާ ގޮތުގައި, އެ މަރުކަޒުތަކުގައި ވަނީ ވޯޓުގެ ނަތީޖާ އޮޅުވައިލުމަށް މަސައްކަތްކޮށްފައެވެ.

އިންޑިޔާގެ އާންމު އިންތިޚާބުގެ ވޯޓުލުން ފަށައިފައި ވަނީ އޭޕްރިލް 19ވީ ހުކުރު ދުވަހުއެވެ. އިންތިޚާބާ ދިމާކޮށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ވޯޓުލާ މަރުކަޒުތައް ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

ގާތްގަޑަކަށް އެއް ބިލިއަން މީހުން ވޯޓުލާނެ ކަމަށް ލަފާކުރާ އިންޑިއާގެ އިންތިޚާބު އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާނެއެވެ.

އެ އިންތިޚާބުގައި އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ތިންވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހުކުރު ދުވަހު މަނިޕޫރުގައި ވޯޓުލުން ކުރިއަށް ދިޔަ ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގާފައިވާއިރު,، ހަތިޔާރު އެޅި ޖަމާއަތްތަކުން ވެސް ވަނީ ހަމަނުޖެހުންތަކުގައި ބައިވެރިވެފައެވެ. ބައެއް ގުރޫޕުތަކުން ހަތިޔާރު ބޭނުންކޮށް, ވޯޓުލާ މަރުކަޒުތައް ހިސާރު ކުރަން ވެސް މަސައްކަތް ކޮށްފައިވެއެވެ.

comment ކޮމެންޓް