އިސްރާއީލުގެ ހަމަލާއެއްކަމަށް ބެލެވޭ ހަމަލާއެއް އީރާނަށް!

އީރާނުގެ ސިޓީއެއްކަމަށްވާ އިސްފަހާން

ވޮޝިންޓަން (19 އެޕްރީލް 2024) : މި މަހުގެ 14 ވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ބާރުގަދަ ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން އީރާނަށް ވަރަށް އާދައިގެ ހައެއްކަ ހަމަލާ ދިންކަމުގެ ރިޕޯޓްތަކެއް ހާމަވެއްޖެއެވެ.

އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ އެމެރިކާގެ ނޫހެއްކަމަށްވާ "އޭބީސީ" ބުނާގޮތުން އީރާނުގެ ސިޓީއެއްކަމަށްވާ އިސްފަހާންގެ ސަރަހައްދަކަށް އިސްރާއީލުން ރޭ ވަނީ ޑްރޯން ހަމަލާތަކެއް ދީފައެވެ. ކުދިކުދި ޑްރޯންތަކެއް ބޭނުންކޮށްގެން ދިން މި ހަމަލާތަކަކީ އިސްރާއީލަށް ވާގިވެރިވާ އެޖެންޓުންތަކެއްގެ އެހީގައި ދިން ހަމަލާތަކެއްކަމަށް ބެލެވޭ ކަމަށް ވެސް "އޭބީސީ" ބުނެއެވެ.

އީރާނުގެ މަސްއޫލުވެރިއަކާ ހަވާލާދީ އެ ގައުމުގެ ބައެއް މީޑީއާތައް ބުނާގޮތުން އިސްފަހާންގެ ތެރެއިން ދެތިން ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށާއި މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމުގައެވެ. މިއީ އީރާނުގެ އެތެރޭގައި އެސެމްބްލްކޮށްގެން ގޮވާތަކެއްޗާއެކު ބަޔަކު ފޮނުވާލި އާދައިގެ ކުދި ޑްރޯންތަކެއް ވެއްޓުމުގެ ސަބަބުން ގޮވި ގޮވުންތަކެއްކަމަށް ބެލެވޭކަމަށް އީރާނުގެ މަސްއޫލުވެރިއަކުވަނީ ވިދާޅުވެފައެވެ.

އީރާނުގެ ސިފައިން މިއަދު ނެރުނު ބަޔާނެއް ބުނާގޮތުން އިސްފަހާންގެ މެދުތެރެއަށްވަނީ ގޮވާތަކެތި އަޅާފައިވާ ޑްރޯންތަކެއް ވެއްޓިފައެވެ. މިއީ އަމިއްލައަށް ވެއްޓިގަނެގެން ގޮއްވާލާ ބާވަތުގެ ކެމިކާޒީ ޑްރޯންތަކެއް ކަމަށާއި އީރާން ސިފައިންގެ މަރުކަޒެއްކަމަށްވާ "ޝިކާރީ" ބޭސް އާ ދިމާއަށްދިޔަ މީގެ ތިން ޑްރޯން ވައްޓާލާފައިވާކަމަށް އެ ބަޔާނުގައި ބުނެއެވެ. މިއީ އީރާނުގެ ބޭރުން އައިޑްރޯންތަކެއް ނޫންކަމަށާ ޑްރޯންތައް އައިސްފައިވަނީ އެތެރޭގެ ވަރަށް ކައިރި ހިސާބަކުން ކަމަށްވާތީ ޑްރޯންތައް ފޮނުވާލި ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މިއީ ރޮކެޓް ނޫނީ ބަލިސްޓިކް މިސައިލް ހަމަލާތަކެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެއެވެ. މި ޑްރޯންތަކުގެ ސަބަބުން އީރާނުގެ އެއްވެސް މުހިއްމުތާކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި މީހަކަށް ގެއްލުމެއް ލިބުނުތޯ ކަށަވަރުކުރަމުން ގެންދާ ކަމަށް ވެސް އީރާނުގެ އަސްކަރީ ބަޔާނުގައި ބުނެއެވެ.

އީރާނުގެ ކުރުދީ ބާޣީން ލައްވައި މީގެ ކުރިން ވެސް އިސްރާއީލުން އީރާނަށް މިފަދަ ކުދިކުދި ޑްރޯން ހަމަލާތައް ދީފައިވެއެވެ. އީރާނަށް ދިން މި ހަމަލާތަކާ ބެހޭގޮތުން އިސްރާއީލު އެއްޗެއް ބުނެފައެއް ނުވެއެވެ. މިއީ އިސްރާއީލުން ދިން ހަމަލާއެއްކަން ނުވަތަ އިސްރާއީލު އޭގެ ފަހަތުގައި އޮވެގެން ދިން ހަމަލާއެއްކަން ވެސް ކަށަވަރުކޮށްދިނުމަށް އިސްރާއީލުގެ އަސްކަރިއްޔާ ވަނީ ފަސްޖެހިފައެވެ. އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ އެމެރިކާގެ މީޑީއާތައް ބުނެފައިވާ ގޮތުން އީރާނުގެ އިސްފަހާންއަށް އަރާފައިވަނީ އިސްރާއީލުގެ ހަމަލާތަކެކެވެ.

ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް މި މަހުގެ އެއްވަނަ ދުވަހު އިސްރާއީލުންދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ގަދަފަދަ ހަމަލާތަކެއް މި މަހުގެ 14 ވަނަ ދުވަހު އިސްރާއީލަށް ދީފައެވެ. ޖުމުލަ 110 ބަލިސްޓިކް މިސައިލާއި 185 ޑްރޯންއާއި 81 ކްރޫޒް މިސައިލް ބޭނުންކޮށްގެން އީރާނުން ދިން މި ހަމަލާތަކުގެ 90 އިންސައްތަ ކޮންޓްރޯލްކޮށްފައިވަނީ އެމެރިކާއިންނެވެ.

މިކަމުގެ އެމެރިކާއަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި އަދި އަރަބި ގައުމެއްކަމަށްވާ އުރުދުން ވެސް އެހީތެރިވެދީފައިވެއެވެ.

އިސްރާއީލު އެކަންޏަށް މި ހަމަލާތަކުގެ 20 އިންސައްތަ ވެސް ކޮންޓްރޯން ނުކުރެވުނީސް ކަމަށް އެމެރިކާއިން ބުނެއެވެ. މިވަރުން ވެސް އީރާނުގެ ބައެއް ބަލިސްޓިކް މިސައިލް އިސްރާއީލަށް ވަނީ އަރައިފައެވެ. އަދި، އިސްރާއީލުގެ ޙައްސާސް ނިއުކްލިޔާ މަރުކަޒެއްގެ ގޯތިތެރެއަށް ވެސް އީރާނުގެ މިސައިލެއް ވެއްޓުނުކަން މިހާރުވަނީ ހާމަވެފައެވެ.

އިސްރާއީލުވަނީ މިހަލާތަކަށް ކޮންމެ ވެސް ރައްދެއް އީރާނަށް ދޭނެކަމަށް ބުނެފައެވެ. އީރާނުންވަނީ އިސްރާއީލުން ސީދާ ގޮތެއްގައި އީރާނަށް ހަމަލާތަކެއް ދީފިނަމަ އެ ހަމަލާތައް ދޭތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެއަށްވުރެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށް ދޭނެކަމަށް ބުނެ އިންޒާރު ދީފައެވެ.

comment ކޮމެންޓް