ނޭޓޯއިން މެދުއިރުމަތީގައި ހުޅުވާ ފުރަތަމަ އޮފީސް އުރުދުންގައި

ބެލްޖިއަމްގެ ބްރަސެލްސްގައި ހުންނަ ނޭޓޯގެ މައި މަރުކަޒު. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ)އިން އުރުދުންގެ ވެރިރަށް އައްމާންގައި އޮފީހެއް ހުޅުވަން ނިންމައިފިއެވެ.

މިއީ މެދުއިރުމަތީގައި ނޭޓޯއިން ހުޅުވާ ފުރަތަމަ ރަސްމީ އޮފީހެވެ.

އެ އޮފީސް ހުޅުވަން ނިންމައިފައިވާކަން އިއުލާނުކުރީ އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ދާދި ފަހުން ބޭއްވި ނޭޓޯ ސަމިޓަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ.

އެ ފިޔަވަޅަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ގައުމުތަކާ އެކު ނޭޓޯގެ ގުޅުން ވަރުގަދަ ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ނޭޓޯއިން ބުނެއެވެ. ޖޯޑަން އަކީ އެ ދެ ސަރަހައްދުގައި ވެސް ހަމަޖެހުން ގާއިމު ކުރުމަށް މުހިންމު ދައުރެއް އަދާކުރާ ގައުމެކެވެ. އަދި, ޓެރަރިޒަމާއި އަނިޔާވެރި ހަރުކަށި ފިކުރާ ދެކޮޅަށް ވަރަށް ގިނަ ދުވަހު މަސައްކަތްކުރަމުން އަންނަ ގައުމެއް ކަމަށް ވެސް ނޭޓޯއިން ބުނެއެވެ.

އައްމާނުގައި ހުޅުވާ އެ އޮފީހަކީ ނޭޓޯގެ ތަމުސީލުކުރާ އޮފީހެއްގެ ގޮތުގައި މަސައްކަތްތައް ރާވައި ހިންގާނެ އޮފީހެކެވެ. މިއީ ނޭޓޯއާއި އުރުދުންގެ ކަމާބެހޭ ފަރާތްތަކާ ދެމެދު ގަވާއިދުން ގުޅުން ބަދަހިކުރަން މަގުފަހިވާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ގައުމީ އަދި ސަރަހައްދީ ކޮންޓެކްސްޓް ރަނގަޅަށް ހިއްސާކުރެވޭ ގޮތަށް ދެނެގަތުމާއި، ޕާޓްނަޝިޕް ޕްރޮގްރާމްތަކާއި ހަރަކާތްތައް ތަރައްގީކޮށް ތަންފީޒުކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ނޭޓޯއިން ބުނެއެވެ.

އޭގެ އިތުރުން، މެދުއިރުމަތީގައި އީރާނާއި ރަޝިޔާގެ ނުފޫޒު އިތުރުވަމުންދާކަމުގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ކަމަށް ވެސް ނޭޓޯއާ ހަވަލާދީ ރިޕޯޓްތައް ބުނެއެވެ.

ނޭޓޯއަކީ ކުރީގެ ރޫސީވިލާތުގެ ކިބައިން ރައްކާތެރިކަން ހޯދުމަށް އެމެރިކާއިން އިސްވެ 1949 ވަނަ އަހަރު އުފައްދާފައިވާ އިއްތިހާދެކެވެ. ނޭޓޯގެ މެންބަރު ގައުމުތަކުގެ ގޮތުގައި 31 ގައުމު ހިމެނެއެވެ.

comment ކޮމެންޓް