އެފްޑީސީގެ ފުލެޓުތައް ނިންމަން އިތުރު 454 މިލިއަން ރުފިޔާ ބޭނުންވޭ: ހަމްދާން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ދަނީ --- ސަން ފޮޓޯ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓުގެ މަސައްކަތް ނިންމުމަށް އިތުރު 454 މިލިއަން ރުފިޔާ ބޭނުންވާކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.

ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކުރީ ސަރުކާރުން މި މަޝްރުއުގެ ސްކޯޕުގައި މުހިންމު ކަންތައްތަކެއް ނުހިމަނާ ހުރިކަމަށެވެ. އޭގެ ތެރޭގައި، ޓަވަރުތައް ކަރަންޓު ވިއުގައާ ގުޅުމާއި، ސެކިއުރިޓީ ސިސްޓަމް ގާއިމުކުރުމާއި ޓަވަރުތަކުގައި އުޅޭ މީހުންނަށް އިންޓަނެޓާއި މީޑިއާ ކަނެކްޝަން ދިނުމަށް ޖީޕީއޯއެން ނެޓްވޯކިން އެޅުމާއި ކުނި ނައްތާލުމުގެ ކަންކަން ހަމްދާން ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން، މި މަސައްކަތްތައް ނިންމުމަށް އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށާއި އެ ފައިސާ ހޯދުމަށް މަސައްކަތްކުރާ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، މި މަޝްރޫއު ފަށައިގެން 22 މަސް ތެރޭ ޖެހިފައިވަނީ މުޅި ޖުމުލަ 216 ސްލެބު ކަމަށާއި ނަމަވެސް، މި ސަރުކާރުން ފާއިތުވި ހަތަރު މަސް ތެރޭ 192 ސްލެބު ޖަހާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، މިހާރު މަހެއްގެ މައްޗަށް 10 ސްލެބުން 48 ސްލެބަށް މަަސައްކަތުގެ ރޭޓު ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޓަވަރުތަކަކީ ޖުމްލަ ދެ ބަވާތެއްގެ އެޕާޓްމެންޓު ހިމެނޭ ޓަވަރުތަކެކެވެ. އޭގެ ތެރޭގައި، ހިމެނެނީ ތިން ކޮޓަރިއާއި ދެ ކޮޓަރީގެ އެޕާޓްމެންޓެވެ.

ކޮންމެ އެޕާޓްމެންޓެއްގައި ވެސް ކޮޓަރިތަކުގެ އިތުރުން ސިޓިން ރޫމް، ފާހަނާ، ބަދިގެ އަދި ބެލްކަނީއެއް ހުރެއެވެ. ބަދިގެއާއި ސިޓިން ރޫމަކީ ވަކިން ހުންނަ ދެ ތަނަށްވާއިރު، ކޮޓަރިތަކުގެ ގޮތުގައި އެއް މާސްޓާ ބެޑްރޫމް އަދި ކުދި ރޫމްތައް ހުރެއެވެ.

މި 4،000 ފުލެޓަކީ ނިމިދިޔަ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން، ފުރަތަމަ ފުލެޓު ލިބޭ މީހުންނަށް ދޭނެ ތަންތަނެވެ.

comment ކޮމެންޓް