ސެންޓްރަލް ޕާކުގައި ގޮނޑިއާއި މޭޒު ބަހައްޓާނަމަ އެޗްޑީސީން ހުއްދަ ނަގަން ޖެހޭނެ: އެޗްޑީސީ

ސެންޓްރަލް ޕާކު ސަރަހައްދަށް ކުނި އަޅާފައި --

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ޕިކްނިކް ހެދުން ނުވަތަ އެނޫން ވެސް ކަމެއް ކުރާނަމަ، އެޗްޑީސީން ހުއްދަނަގަން ޖެހޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެޗްޑީސީން މިފަދައިން ބުނީ ސެންޓްރަލް ޕާކު ބޭނުންކުރުމަށް ކުރިއާލައި ހުއްދަ ނަގަން ޖެހޭނެކަމަށް ބުނެ ވާހަކަތަކެއް ފެތުރިފައި ވަނިކޮންނެވެ.

އެޗްޑީސީން މިއަދު ފޮނުވި މެސެޖެއްގައި ވަނީ، ހުޅުމާލޭގެ ޕާކެއް، ބީޗެއް ނުވަތަ އާންމު ކޮންމެ ސަރަހައްދެއްގައި ވެސް ޕިކްނިކް ހެދުން ފަދަ ކަންކަން ހުއްދައަކާ ނުލައި ކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ ކަމަކަށް ގޮނޑި އާއި މޭޒު ބޭނުންވާނަމަ ކުރިއާލާ އެޗްޑީސީން ހުއްދައެއް ނަގަން ޖެހޭނެ ކަމަށް އެ މެސެޖުގައި ވެއެވެ.

މީގެ އިތުރުން، ހުޅުމާލެ ސާފު ތާހިރު ތަނަކަށް ހެދުމަށް އެ ކުންފުނީގެ އިންސްޕެކްޓަރުން އަބަދު ވެސް މަސައްކަތް ކުރާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ބައެއް ކަންކަން ސާފު ކުރުމަށް އާންމުންނާ ވާހަކަ ވެސް ދައްކަފާނެކަމަށް އެ މެސެޖުގައި ވެއެވެ.

އެ މެސެޖުގައި ވަނީ، މިފަދަ ބައެއް ހާލަތްތަކުގައި އިތުރު މައުލޫމާތު ސާފުކުރުމަށް މީހުންގެ ފޯނު ނަމްބަރު ވެސް އެޗްޑީސީގެ ފަރާތުން ނެގުން އެކަށީގެންވާކަމަށެވެ.

މި ފަހުން ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ބައެއް އިވެންޓު ބޭއްވުމަށް ފަހު އެތަނަށް ކުނިތަކެއް އަޅާފައެވެ. އެޗްޑީސީން ވަނީ މިކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ސެންޓްރަލް ޕާކު ސަރަހައްދަށް ކުނި އަޅާފައި --

މާލެއާ ހުޅުމާލޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ޓަކައި ކަމާގުޅުންހުރި ފަރާތްތަކުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން މާލޭގެ ބައެއް ސަރަހައްދުތަކަށް ކުނި އަޅާ މީހުންގެ ވީޑިއޯ އާންމުކޮށް، އެ މީހުން ހޯދަން ވެސް މާލޭ ސިޓީ ކައުންސިލުން އިއުލާނު ކުރެއެވެ.

comment ކޮމެންޓް