ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑްގެ ކޯޗު ކަމުން ނޫރީ ސާހިން ވަކިކޮށްފިއެވެ.
ޑޯޓްމުންޑަށް މިއަހަރަކީ އޭހާ ކާމިޔާބު އަހަރެއް ނޫނެވެ. މިގޮތުން ބުންޑެސްލީގާގައި މިއަހަރު މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގައި އިޓާލިއަން ސެރީއާގެ ބޮލޯނިއާ އަތުން ބަލިވި މެޗާއެކު މިދިޔަ ސީޒަންގައި އެއް ކޮޅުން ފައިނަލްގައި ކުޅުނު ޑޯޓްމުންޑް ފަހު 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ހޯދުމަށް އޮތް ފުރުސަތު މިވަނީ ވަރަށް ބޮޑަށް ހަނިވެގެން ގޮސްފައެވެ. ރޭގެ މެޗު ވެގެންދިޔައީ މިފަހަރު މުބާރާތުގައި އެޓީމު ބަލިވި ތިންވަނަ މެޗަށެވެ. އަދި ފަހު 16އިން ސީދާ ޖާގައެއް ކަށަވަރު ކުރުމަށްޓަކައި ފަހު މެޗުގައި ޝަކްޓާ ޑޮނެސްކްއާ ބައްދަލުކުރާ މެޗުން މޮޅުވުމުގެ އިތުރުން އެހެން މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކަށް ބަލަން ޖެހެއެވެ.
އުމުރުން 36 އަހަރުގެ ސާހިން ހާމަކުރިގޮތުގައި ޑޯޓްމުންޑްގެ އުންމީދު ތަކާ އެއްވަރަށް އޭނާއަށް މިސީޒަންގައި މަސައްކަތް ކުރެވޭގޮތް ނުވިއެވެ. އަދި އޭނާ އަބަދުވެސް އެދޭނީ ޑޯޓްމުންޑަށް ކާމިޔާބީއަށް ކަމަށް ވެސް އޭނާ ބުނެފައިވެވެ.
ސާހިން ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ދެ ފަހަރެއްގެ މަތިން ޑޯޓްމުންޑަށް ކުޅެފައެވެ. ޑޯޓްމުންޑްގެ ކޯޗަކަށް ސާހިން ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކުރިން އެމަގާމުގައި ހުރި އެޑިން ޓާޒިޗް މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
ޑޯޓްމުންޑުން ވަނީ ސާހިން އެޓީމަށް ކޮށްދިން ހިދުމަތް ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް ބުނެފައެވެ. އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ބެލީ އެޓީމަށް ދިމާވި އަޑިގަނޑުން އަރައިގަނެވޭތޯ ގުޅިގެން މަސައްކަތް ކުރުމަށްކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެންމެ ފަހުން އެކަން ވާގޮތް ނުވުމުން ސާހިން އާއި ވަކިވާން ޖެހުންކަން ޓީމުން ވަނި ހާމަކޮށްފައެވެ.
މީގެ އިތުރުން ބޮލޯނިއާ މެޗުން ބަލިވުމުން ސާހިން ވަކިކުރުން ނޫން އިތުރު ގޮތެއް ކްލަބަށް ނެތުނީ ކަމަށް ވެސް ޑޯޓްމުންޑުން ވަނީ ބުނެފައެވެ.
ޑޯޓްމުންޑްގެ ގޮތް ނިންމާ ފަރާތްތަކުން ގަބޫލް ކުރާގޮތުގައި އެޓީމުގެ މައްސަލަ އަކީ ކުޅުންތެރިންނެވެ. ނަމަވެސް މިވަގުތު އެފަރާތްތަކަށް ވެސް ކުރެވެން އޮތް ކަމަކީ ކޯޗަށް ބަދަލެއް ގެނައުމެވެ. މިސީޒަންގައި ޖޭމި ގިޓެންސް އާއި ފީލިކްސް ނިމެންޗާ ފިޔަވާ އެޓީމުގައި ފާހަގަ ކޮށްލެވޭ ކުޅުމެއް ދައްކާ އެއްވެސް ކުޅުންތެރިއެއްނެތެވެ.