އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ސިނާ އާއި ޝެލްޓަން ޖާގަހޯދައިފި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ސިނާ އާއި ޝެލްޓަން ޖާގަހޯދައިފި --

އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިންވެންޓްގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި އެމެރިކާގެ ބެން ޝެލްޓަން ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސިނާ ޖާގަހޯދީ މުބާރާތުގެ ސިންގަލްސްގައި އަށް ވަނައަށް ސީޑު ކުރެވިފައިވާ އެލެކްސް ޑި މިނޯ އާއި ބައްދަލުކުރި މެޗު ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. އެލެކްސް ޑި މިނޯ އަކީ އޮސްޓްރޭލިއާ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ކުޅުންތެރިއެކެވެ.

އެންމެ ފަހުން ކުއާޓާ ފައިނަލްގައި ހޮލްޣާ ރޫންއާ ބައްދަލުކުރި މެޗުގައި ސިނާ ބަލިވެ އުޅުމުން އޮސްޓްރޭލިއާ ސަޕޯޓަރުން ތިބީ މިމެޗުގައި އެކަމުގެ ފައިދާ އެޤައުމުގެ ކުޅުންތެރިޔާ ޑި މިނޯއަށް ނެގިދާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ގިނަ ބަޔަކު ހީކުރިގޮތާ ހިލާފަށް މިމެޗުގައި ސިނާ ފެނިގެންދިޔައީ ވަރަށް ފޯމުގައި އިތުބާރާއެކު ކުޅެމުންދިޔަ ތަނެވެ.

މިމެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ސިނާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައި ވަނީ ހައެއް ދެއަކުންނެވެ. އަދި ފަހު ސެޓު ކާމިޔާބު ކޮށްފައިވަނި ހައެއް އެކަކުންނެވެ. ސިނާއާ މިހާތަނަށް ޑި މިނޯ ބައްދަލުކުރި 9 ފަހަރުވެސް ކާމިޔާބީ ހާސިލް ކޮށްފައިވަނީ ސިނާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުންސިނާ ބުނީ މިއަދު ހޭލިއިރު އޭނާ މެޗަށް ތައްޔާރަށް ހުރިކަން އިހްސާސް ކުރެވުން ކަމަށެވެ. އަދި އެންމެ ފަހު މެޗުގައި ދިމާވި ބަލިން އަރައިގަތުމަށްޓަކައި އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް އަރާމު ކުރިކަމަށެވެ.

ތަށި ދިފާއު ކުރުމަށް މަސައްކަތް ކުރަމުންދާ ސިނާ ސެމީ ފައިނަލްގައި ބައްދަލުކުރާނީ މިމުބާރާތުގައި އެކާވީސް ވަނައަށް ސީޑު ކުރެވިފައިވާ ޝެލްޓަން އާއެވެ. އޭނާ ސެމީ ފައިނަލުން ޖާގަހޯދީ އިޓަލީވިލާތުގެ ލޮރެންޒޯ ސޮނޭގޯ އާއި ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މިއީ އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުން ޝެލްޓަންއަށް ޖާގަހޯދުނު ފުރަތަމަ ފަހަރެވެ. މިމެޗުގެ ފުރަތަމަ ދެސެޓު ހައެއް ހަތަރެއް އަދި ހަތެއް ފަހަކުން ކާމިޔާބު ކޮށްފައިވަނީ ޝެލްޓަންއެވެ. ނަމަވެސް ތިންވަނަ ސެޓު ހަތަރެއް ހަޔަކުން ކާމިޔާބުކޮށް ސޮނޭގޯ އުންމީދު އާކުރިއެވެ.

ޝެލްޓަންއިން ފަހު ސެޓު ކާމިޔާބު ކޮށްފައިވަނީ ޓައި ބްރޭކަކަށް ގޮސް ހަތެއް ހަތަރަކުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު