ސިޓީ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ޑި ބްރުއިނާ އެ ޓީމާ ދުރަށް

ޑި ބްރުއިނާ:

އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ދުށް އެންމެ މޮޅު އެއް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބެލްޖިއަމްގެ ކެވިން ޑި ބްރުއިނާ މި ސީޒަން ނިމުމުން އެ ކްލަބް ދޫކޮށްލަން ނިންމައިފިކަން ހާމަކޮށްފިއެވެ.

ޑި ބްރުއިނާ މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމު ކުރި އަސަރުން ފުރިފާވާ މެސެޖަކާއެކުއެވެ.

ޑި ބްރުއިނާ ބުނީ ކުރިއަށްއޮތް މަސްތައް ވާނީ އޭނާ ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރާ ފަހު ދުވަސްކޮޅަށް ކަމަށެވެ. މިއީ ހާމަކުރަން ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުން މި ދުވަސް މިއީ އަންނާނެ ދުވަހެއްކަން އޭނާވެސް ގަބޫލް ކުރާ ކަމަށް ޑި ބްރުއިނާ ބުންޏެވެ.

މީގެ އިތުރުން އެ ވާހަކަ އެންމެ ފުރަތަމަ ސިޓީގެ ސަޕޯޓަރުންނަށް އަޑު އިވެންޖެހޭނީ އޭނާގެ ފަރާތުން ކަމުގައި ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑި ބްރުއިނާ ބުނީ އެ ސިޓީއަށާއި ހުރިހާ އެންމެ ކައިިރިއަށް އޭނާ ގެނުވީ ފުޓްބޯޅައިގެ ސަބަބުން ކަމަށެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ސިޓީއަށް އައިއިރު އެއީ އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލު ކޮށްލާނެ މަރުހަލާއެއްކަން އޭނާއަށް ވެސް ނޭނގޭކަމަށް ބުންޏެވެ. އޭނާ އިތުރަށް ބުނީ ސިޓީ އާއި ކްލަބާއި އެ ސިޓީގެ ރައްޔިތުންވަނީ އޭނާއަށް ހުރިހާ ކަމެއް ކޮށްދީފައި ކަމަށާއި އެހެން ކަމުން އޭނާއަށް ދެވެންއޮތް ހުރިހާ އެއްޗެއް ދިނުން ނޫން އެއްވެސް ގޮތެއް ނެތް ކަމަށް ބުންޏެވެ. އޭގެ ނަތީޖާއަކަށްވީ އެންމެން ގުޅިގެން ހުރިހާ އެއްޗެއް ކާމިޔާބު ކުރުން ކަމަށް ޑި ބްރުއިނާ ބުންޏެވެ.

އެ ކާމިޔާބުތަކާއެކު ވެސް، މިހާރު ބޭނުންވިޔަސް ނުވިޔަސް ވަނީ އަލްވަދާއު ކިޔަންޖެހޭ ވަގުތު އައިސް ޖެހިފައިކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭނާގެ އާއިލާއިން އަބަދުވެސް ދެކޭނީ މެންޗެސްޓާއަކީ އެ މީހުންގެ ގޭގެ ގޮތުގައި ކަމަށް ޑި ބްރުއިނާ ބުންޏެވެ.

އޭނާ ބުނީ ސިޓީގައި ހޭދަކުރި ތާރީޚި 10 އަހަރަށް މިސިޓީ އާއި ކްލަބާއި ސްޓާފުންގެ އިތުރުން ރައްޓެހިންނާއި އާއިލާއަށް ކިތަންމެ ވަރަކަށް ޝުކުރު އަދާކުރި ނަމަވެސް ހިތްހަމަ ޖެހޭވަރު ނުވާނެ ކަމަށެވެ.

ޑި ބްރުއިނާ އޭނާގެ އަސަރު ގަދަ މެސެޖު ނިންމާލާފައިވަނީ ސީޒަންގެ ބާކީ އޮތް މަދު ދުވަސްކޮޅު އެކުގައި ހިތްހަމަ ޖެހިގެން ހޭދަކޮށްލަން ބޭނުންކަން ހާމަކުރަމުންނެވެ.

އުމުރުން 33 އަހަރުގެ ޑި ބްރުއިނާ ސިޓީއާ ގުޅިފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މިހޭދަކުރި 10 އަހަރުގައި އޭނާވަނީ 16 ތަށި ސިޓީއާއެކު ކާމިޔާބު ކޮށްފައެވެ. އަދި ސިޓީއަށް ކުޅުނު 413 މެޗުގައި 106 ލަނޑު ވަނީ އޭނާ ކާމިޔާބު ކޮށްދީފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޑި ބްރުއިނާގެ ކެރިއަރު ސިޓީއާއެކު އިތުރަށް ކުރިއަށް ނުގެންދެވޭނެކަން ހާމަކުރުން އޭނާއަށް އެހާ ފަސޭހަ ކަމަކަށް ނުވި ކަމަށެވެ. ޕެޕް ބުނީ ޑި ބްރުއިނާ އަކީ އިންގްލަންޑްގައި ކުޅުނު އެންމެ މޮޅު އެއް މިޑްފީލްޑަރުންގެ ތެރެއިން އެކަކު ކަމަށެވެ.

ޕެޕް އޭނާ ސިފަ ކުރަނީ އެ ކްލަބް ދުށް އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ވިންސެންޓް ކޮމްޕެނީ، ސާޖިއޯ އަގުއެރޯ އަދި ޑޭވިޑް ސިލްވާއާ އެއް ފެންވަރެއްގައެވެ. ޕެޕް ހާމަކުރިގޮތުގައި މިއަދަކީ އޭނާއަށް ހިތާމަ ވެރި ދުވަހެއް ކަމަށާއި ނަމަވެސް ޑި ބްރުއިނާއަށް ކޯޗު ކޮށްދީ އޭނާ އާއި އެކު މިދުވަސްތައް ސިޓީގައި ހޭދަކުރުމުގެ ފުރުސަތު ލިބުމުން އުފާވެސް ކުރާ ކަމަށެވެ. އަދި ޑި ބްރުއިނާ އަބަދު ވެސް ވެގެންދާނީ ސިޓީ އާއިލާގެ މީހަކަށް ކަމަށާއި އޭނާއަށް މިކްލަބްގެ ދޮރު މުޅި އުމުރަށް ހުޅުވިފައި ހުންނާނެ ކަމަށެވެ.

ސިޓީން ބުނީ މިސީޒަން ނިމުމުގެ ކުރިން ޑި ބްރުއިނާގެ ހައިސިއްޔަތާ އެކަށޭނަ އަލްވަދާއުއެއް ކިޔާނެ ކަމަށެވެ. ޑި ބްރުއިނާ ސިޓީއާއެކު ހަދާފައިވާ އެއްބެސްވުން މިސީޒަނާއެކު ނިމޭނެއެވެ. އަދި އެއާއެކު އޭނާއަށް ކްލަބް ވާލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ކުޅެވުނު ނަމަވެސް ނޮކް އައުޓް ސްޓޭޖްގައި ކުޅން ބޭނުންނަމަ ޖެހޭނީ އެދުވަސް ކޮޅަށް ކޮންޓްރެކްޓް އާ ކުރާށެވެ. އެހެން ނުހަދައިފި ނަމަ އޭނާއަށް ސިޓީއަށް އެމުބާރާތުގެ ނޮކް އައުޓް ސްޓޭޖްގައި ނުކުތުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު