އެކި ސަރަހައްދުތަކުން 348 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން ގެޒެޓުގައި އާންމުކުރި އިއުލާންތަކެއްގައި ވަނީ ޖުމްލަ 348 އުޅަނދު އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން 59 އުޅަނދަކީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފަ ހުރި އުޅަނދު ކަމަށެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދުތަކުގެ ތެރޭގައި ކާރުތަކާއި ޕިކަޕުތަކާއި ސައިކަލުތަކާއި ވޭންތަކާއި ޖިޕްތަކުގެ އިތުރުން ޓްރަކްތައް ހިމެނެއެވެ. މި އުޅަނދުތައް ފުލުހުންގެ ނަގާފައިވަނީ އެކި ސަރައްދުންތަކުން ކަމަށް ފުލުހުންގެ އިއުލާނުގައިވެއެވެ.
މިގޮތުން އެ އިއުލާނުގައިވާ ގޮތުން ގިނަ އަދަދެއްގެ އުޅަނދު އިންޑަސްޓްރިއަލް ވިލެޖް ކައިރިން ނަގާފައިވާއިރު ހުޅުމާލޭގެ ސަރަހައްދުތަކުންނާއި ބޮޑުތަކުރުފާނު މަގުގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުން ވެސް އެ ޚިދުމަތަށް އުޅަނދުތައް ނަގާފައިވާ ކަމަށެވެ.
ފުލުހުން ވަނީ މިއަދުން ފެށިގެން އެ ޚިދުމަތަށް ނަގާފައިވާ އުޅަނދުތަކުގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭގައި އަނބުރާ ގެންދިޔުމަށް އެދިފައެވެ.
އެ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް ގާނޫނުގެ ދަށުން ހަމަޖައްސާފައިވާ އުސޫލުގެ މަތިން އެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް އެ ޚިދުމަތުން ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަން ފުލުހުން އިއުލާނުކުރުމާ އެކު ގަވާއިދާ ހިލާފަށް ޕާކުކުރާ މައްސަލަ މާލޭގައި ބޮއްސުންލިއެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރު ޕާކުކުރުމާއި މާލޭގެ ހަނި ގޯޅިތަކުން އުޅަނދު ނުދުއްވޭގޮތަށް ސައިކަލުތައް ޕާކުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.
ގަވާއިދާ ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައިހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.
މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންވެ، ޕާކިން ޒޯންތަކުގައި ނޫނީ ޕާކުނުކުރާން ފުލުހުން ވަނީ އެދިފައެވެ.