ފެންނަމުންދަނީ އީރާނުން އިސްރާއީލަށް ދިން ހަމަލާތައް އިސްރާއީލާއި ހުޅަނގަށް ހަޖަމު ނުކުރެވިގެން އުޅޭ މަންޒަރު

އީރާނުން އިސްރާއީލަށް ހަމަލާދީ ބަދަލުހިފުމުން މެދުއިރުމަތީގައި އުފެދިގެންދިޔަ ދިފާއީ އައު ހާލަތު ނުވަތަ "ނިއު ޑިޓަރެންސް އީކުޢޭޝަން" އިސްރާއީލާއި އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ ހުޅަނގަށް ހަޖަމު ނުކުރެވިގެން އުޅޭ މަންޒަރު ވަރަށް ބޮޑަށް ފެންނަމުންދާކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

އަލްޖަޒީރާއިން ކޮންމެ ރެއަކު ގެނެސްދޭ މުހައްލިލުންގެ އެނަލިސިސް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިސްރާއީލާބެހޭ ޚާއްސަ ތަޖުރިބާކާރެއްކަމަށްވާ ޑރ. މުސްތަފާ މުހައްނަދު ވިދާޅުވީ އިސްރާއީލުގެ ހިމާޔަތުގައި އެމެރިކާއާއި ޔޫރަޕުން މެދުއިރުމަތީގައި އުފައްދާފައި އޮތީ އިސްރާއީލަކީ ސަރަހައްދުގެ އެންމެ ބޮޑު އަސްކަރީ ބާރުކަމަށް ހަދައި އިސްރާއީލަށް ރައްދު ދޭންކެރޭވަރުގެ ގައުމެއް ސަރަހައްދުގައި އޮތުމުގެ ފުރުސަތު ނުދިނުމާއި އިސްރާއީލަށް ސަރަހައްދުގެ "އަސްކަރީ ސުޕްރެމަސީ" އޮންނަ ހާލަތު ކަމުގައެވެ.

މިހާލަތު ބިނާކޮށްފައިވަނީ އިސްރާއީލު ބޭނުންވާ ކޮންމެ ވަގުތަކު ކޮންމެ ގައުމަކަށް ހަމަލާދެވޭގޮތަށް، އަދި އިސްރާއީލުން ދޭ ހަމަލާއެއްގެ ރައްދު އިސްރާއީލަށް ނުދެވޭ ގޮތަށެވެ. އެއީ މިނޫންގޮތަކަށް ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް އަމާންކަމުގައި ނޯވެވޭނެތީއެވެ.

ނަމަވެސް އިސްރާއީލުން އީރާނުގެ އެންބަސީއަށް ދިން ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ސީދާ އިސްރާއީލަށް ހަމަލާދިނުމުން މިހާލަތު މުޅިން ބަދަލުވެ "ހަމަލާއަކަށް ހަމަލާއެއް" ނުވަތަ ޓިޓް ފޯ ޓެޓް ގެ އައު ދިފާއީ ހާލަތު އަތުވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލަށާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕަށް އުޅެނީ މިއައު ހާލަތު ހަޖަމު ނުކުރެވިގެން ކަމަށް ޑރ. މުހައްނަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދެއްކެވި އަނެއް މުހައްލިލު ޑރ. ހަސަން އައްޔޫބު ވިދާޅުވީ އީރާނުން އިސްރާއީލަށް ސީދާ ގޮތެއްގައި ހަމަލާދީ ބަދަލުހިފި މަންޒަރު ހުޅަނގަށް ހަޖަމު ނުކުރެވޭ މަންޒަރު ފެންނަނީ ވަރަށް ބޮޑަށް ކަމުގައެވެ. ހުޅަނގުގެ އަމަލުތަކުންނާއި ހުޅަނގުގެ ގައުމުތަކުގެ އިސްވެރިންގެ ބަޔާންތަކުން މިކަން ވަަރަށް ބޮޑަށް ފެންނަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރާ އަނަލެނާ ބައެރްބޮކް

ހުޅަނގުގެ އަމަލުތަކަށް ބަލާއިރު ބަދަލު ހިފުމުގެ ހަމަލާތައް އިސްރާއީލަށް ނުދިނުމަށް އެދި ހުޅަނގުން އީރާނަށް ބިރު ދެއްކި ކަމަށް އޭނާ ވިދާޅުވިއެވެ. ބިރަށް އީރާން ނުގުޑާނެކަން އެނގުމުން ހުޅަނގުގެ ލީޑަރުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އެކަން ނުކުރުމަށް އީރާނަށް ޑިޕްލޮމެޓިކް ގޮތުން ވަރަށް ބޮޑަށް އިލްތިމާސް ކުރިކަމަށް ޑރ. އައްޔޫބު ވިދާޅުވިއެވެ.

އަދި އީރާނުން އިސްރާއީލަށް ހަމަލާތައްދޭން ފެށުމުން އެހަމަލާތައް އިސްރާއީލަށް ފޯރުމުގެ ކުރިން އެ ހަމަލާތައް ހުއްޓުވަން އެމެރިކާއާއި އިނގިރޭސިވިލާތުން "ތެޅިގަތީ" ދިފާއީ ހާލަތު ބަދަލުވެ އިސްރާއީލު އެކަނިވަމުންދާ އަދި އަމިއްލަ ނަފްސު ދިފާއު ނުކުރެވޭ ހާލަތަށް އިސްރާއީލު ދާ ބޮޑުމަންޒަރު ނުދެއްކުމަށާއި އީރާނުގެ ހަމަލާތަކުން އިސްރާއީލަށް ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށް ޑރ. އައްޔޫބު ވިދާޅުވިއެވެ. އަދި އީރާން އުފެއްދި އައު ދިފާއީ ހާލަތުގެ ސަބަބުން ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދެމިއޮތުމަށް ނުރައްކާވެދާނެކަމަށް ހުޅަނގުން ބިރު ގަންނާތީއެވެ.

ނަމަވެސް އީރާނުގެ ހަމަލާތަކާއެކު ފެނުނު މަންޒަރަކީ ބައިނަލްއަގްވާމީ މުޖްތަމައުގައި އިސްރާއީލުގެ އެކަނިވެރި ވެފައިވާ މިންވަރާއި އިސްރާއީލުގެ ދިފާއުގައި ނުކުތީ އެމެރިކާއާއި އިނގިރޭސިވިލާތް އެކަނި ކަމެވެ. އީރާނުގެ ހަމަލާތަކަށް ހުރަސްއެޅުމަށް އުރުދުންއިން އެއްބާރުލުން ދިނީ އެމެރިކާގެ ބިރުދެއްކުންތަކުގެ ސަބަބުންކަން ޑރ. އައްޔޫބު ފާހަގަ ކުރެއްވިއެވެ.

އީރާނުގެ ހަމަލާތައް އިސްރާއީލަށް އަރައި ޑިޓަރެންސް އީކުއޭޝަން ބަދަލުވިއިރު އިސްރާއީލަށް ހަމްދަރުދީ ވާތަން ހުޅަނގުގެ މަދު ގައުމަކުން ނޫނީ ފެނިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުގެ ހަމަލާތައް ކުށްވެރިކުރީވެސް އެމެރިކާއާއި އިނގިރޭސިވިލާތާ ފަރަންސޭސިވިލާތާ އަދި ޖަރުމަނާއި ކެނެޑާފަދަ އިސްރާއީލަށް ސީދާގޮތެއްގައި ވާގިވެރިވާ މަދު ގައުމަކުން ކަމަށާއި އެފްރިކާ، އޭޝިއާ ލެޓިން އެމެރިކާގެ ގައުމުތަކާއި ޔޫރަޕްގެ ގިނަގައުމުތައް އީރާނުގެ ހަމަލާތައް ކުށްވެރި ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ މިގައުމުތައް ވަރަށް ދެރަވެފައިވާކަމަށް ޑރ. އައްޔޫބު ވިދާޅުވިއެވެ.

އީރާނުގެ ހަމަލާތަކާއެކު މެދުއިރުމަތީގައި އުފެދުނު ދިފާއީ އައު ހާލަތު އިސްރާއީލަށް ހަޖަމު ނުކުރެވޭ މަންޒަރު ވަރަށް ބޮޑަށް އިސްރާއީލުގެ ތެރެއިން ފެންނަމުންދާކަން ޑރ. އައްޔޫބު ފާހަގަ ކުރެއްވިއެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމެރޮން

މިމައްސަލާގައި އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓް ތެރޭގައި ބޮޑު ކޯޅުމެއް އުފެދިފައިވާއިރު އީރާނަށް ރައްދު ދީފިނަމަ ކުރިޔަށްވުރެ އެތައް ގުނައެއް ބާރަށް ބަދަލު ހިފާނެކަމުގެ އިންޒާރު އީރާން ދީފައިވާތީ އީރާނަށް ރައްދު ދޭނެތޯ ނުވަތަ ނޫންތޯ މިމައްސަލާގައި އިސްރާއީލަށް ބޮޑު އިމްތިހާނެއް ކުރިމަތިވެފައިވާކަން ޑރ. އައްޔޫބު ފާހަގަ ކުރެއްވިއެވެ.

އެމެރިކާއަށްވަނީ އީރާނަށް ރައްދު ދީފިނަމަ އީރާން ދޭނެކަމަށް ބެލެވޭ ހަމަލާތަކުން ސަރަހައްދީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައެވެ. އެހެންކަމުން އެމެރިކާ އިސްރާއީލަށް ބާރުއަޅަނީ އީރާނަށް ރައްދު ނުދިނުމަށެވެ. ނަމަވެސް ރައްދު ނުދިނުމަކީ އީރާން ކުރިމަތީގައި ބަލިކަށިވުންކަމާއި އެއީ އާދައިގެ ގައުމެއްގެ ހާލަތަށް އިސްރާއީލު ވެއްޓިގެން ދިޔުންކަން އިސްރާއީލަށް އެނގެއެވެ. އެހެންކަމުން އިސްރާއީލު ބޭނުންވަނީ އީރާނަށް ރައްދު ދިނުމަށެވެ.

ޑރ. މުހައްނަދު ވިދާޅުވިގޮތުގައި އީރާނުން އިސްރާއީލަށް ދިން ހަމަލާތަކާއެކު "ހަމަލާއަކަށް ހަމަލާއެއް" ނުވަތަ ޓިޓް ފޯ ޓެޓް ގެ ހާލަތު މެދުއިރުމަތީގައި އުފެދިއްޖެވެ. އިސްރާއީލު ހެދިގޮތެއް ހެދިގެން ނޯންނާނެކަމުގެ މަންޒަރު އީރާނުން ދައްކައިފިއެވެ. އަދި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ހަތިޔާރު ތަރައްގީ ކުރެވިދާނެކަމާއި ޓެކްނޮލޮޖީވެސް ތަރައްގީ ކުރެވިދާނެކަން އީރާނުގެ ހާލަތުން ހުޅަނގަށާއި އިސްރާއީލަށް އެނގިއްޖެއެވެ.

ހުޅަނގުން ކުރިން އުފެއްދި ޑިޓަރެންސް ނިޒާމު އީރާނުން ރޫޅާލި މައްސަލަ ހުޅަނގަށް ހަޖަމު ނުކުރެވިގެން އުޅޭކަން އެނގެނީ ހުޅަނގުގެ އިސްވެރިންގެ ބަޔާންތަކުންނެވެ.

މިގޮތުން އީރާނަކީ ސަރަހައްދުގެ ގައުމުތަކަށް އިސްވެ ހަމަލާދީ ބުލީކޮށް ސަރަހައްދުގައި ހަމަނުޖެހުން ހިންގައި މީހުން މަރައި ގަތުލުއާންމުތަކާއި ޓެރަރިޒަމް ހިންގާ ގައުމެއްކަމާއި އީރާނުން އިސްރާއީލަށް ދިން ހަމަލާތަކަކީ އީރާނުގެ މި ނުބައިކަން ދުނިޔެއަށް އެނގިގެންދާ ކަމެއްކަމަށް ވިދާޅުވެ ޖަރުމަނުގެ ޚާރިޖީ ވަޒީރާ އަނަލެނާ ބައެރްބޮކް ވަނީ އީރާނަށް ބަހުގެ ހަމަލާތައް ދެއްވައި ކޯފާވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ.

އަދި އިސްރާއީލުގެ ޓެރަރިސްޓް އަމަލުތަކަށް ވާގިވެރިވާ އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމެރޮންވެސް ވަނީ މިމޭރުމުން އީރާނަށް ބަހުގެ ހަމަލާތައް ދެއްވައި އީރާން ކުށްވެރިކޮށް ހާލަތާމެދު ކޯފާވެގެން ވާހަކަ ދައްކަވާފައެވެ.

ނަމަވެސް ސަރަހައްދުގެ ގައުމުތަކަށް އިސްވެ ހަމަލާދީ ބުލީކޮށް ސަރަހައްދުގައި ހަމަނުޖެހުން ހިންގައި މީހުން މަރައި ގަތުލުއާންމުތަކާއި ޓެރަރިޒަމް ހިންގާ ގައުމަކީ އީރާން ނޫންކަމާއި މި ހުރިހާ ކަމެއް ކުރަނީ އިސްރާއީލުކަން މިދެބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށް ޑރ. މުހައްނަދު ވިދާޅުވިއެވެ.

އީރާނުން އިސްރާއީލަށް ހަމަލާދިނީ އިސްރާއީލުގެ އެތައް ގޯނާތަކަކާ އެތައް ހަމަލާތަކެއް އީރާނުގެ މަސްލަހަތުތަކަށް އަމާޒުވެގެން ކަމާއި އީރާން އިސްރާއީލަށް ހަމަލާދިނީ އަމިއްލަ ނަފްސުގެ ދިފާއުގައިކަންވެސް މިދެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށް ޑރ. މުހައްނަދު ވިދާޅުވިއެވެ. ނަމަވެސް ނޭނގޭކަމަށް ހެދިގެން އިސްރާއީލުގެ ދިފާއުގައި ވާހަކަ ދެއްކުމަކީ މިދެގައުމަށް ހާލަތު ހަޖަމު ނުވުންކަމަށް އޭނާ ސިފަކުރެއްވިއެވެ.

އެމެރިކާގެ މަސްއޫލުވެރިން ވެސް ވަނީ އީރާނަކީ ސަރަހައްދުގައި އޮތް އެންމެ ނުރައްކާތެރި އަދި ގައުމުތަކަށް އިސްވެ ހަމަލާދީ ކުށެއްނެތް އާންމުން މަރައި ބުލީ ކުރަމުން ގެންދާ ނުކިޔަމަންތެރި ގައުމެއް ކަމަށް ސިފަކުރައްވާފައެވެ.

އިސްރާއީލުން ޣައްޒާގައި ކޮންމެ ދުވަހަކު އެތައް ގަތުލުއާންމެއް ހިންގައި 33 ހާހަށް ވުރެ ގިނަ އާންމުން މަރައި ހޮސްޕިޓަލްތައް ތަޅައި ސުންނާފަތުކޮށްފައިވާކަން އެމެރިކާއާއި ޔޫރަޕްގެ މިގައުމުތަކަށް ނޭންގެނީތޯ ޑރ. މުހައްނަދު ވަނީ ސުވާލު ކުރައްވާފައެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން އީރާނުގެ ހަމަލާ ކުށްވެރި ކުރުމަށް އެމެރިކާއާއި ޔޫރަޕުން ކުރި މަސައްކަތަށް ރަޝިއާއާއި ޗައިނާއިން ހުރަސްއެޅުމަކީވެސް އެމެރިކާއާއި ޔޫރަޕާއި އިސްރާއީލު ވަރަށް ބޮޑަށް މާޔޫސްކޮށްލި ކަމެއްކަމަށް ޑރ. މުހައްނަދު ވިދާޅުވިއެވެ.

މިއީ ހުޅަނގުގެ ބާރު ބައިނަލްއަގްވާމީ މަސްރަހުގައި ކެނޑެމުންދާ ކަމުގެ ހެއްކެއްކަން އެނގޭތީ މިހާލަތު އެމެރިކާއާއި ޔޫރަޕްގެ ބާރުތަކާއި އިސްރާއިލު އިހްސާސް ކުރަނީ ވަރަށް ހިތްދަތި ގޮތަކަށްކަން ޑރ. މުހައްނަދު ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް