ސްޕޭސް އެކްސްއަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ފަސްލައްކަ ކަސްޓަމަރުން

ސްޕޭސްއެކްސްގެ އިންސްޓޯލޭޝަން ސެޓެއް -- މިޚިދުމަތް މިހާރު ރާއްޖެއަށްވެސް ލިބޭ

ސްޕޭސް އެކްސްގެ ސެޓެލައިޓް އިންޓަނެޓް ސިސްޓަމް، ސްޓާލިންކްގެ ޔޫޒަރުންގެ ކުރިއެރުން ވަރަށް ބާރަށް އިތުރުވަމުންދާއިރު، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ކިދުމަތަށް 500،000އެއްހާ ކަސްޓަމަރުން އިތުރުވެއްޖެއެވެ.

ހޮނިހިރު ދުވަހު އެލޮން މަސްކް އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ ސްޓާލިންކްގެ ގްލޯބަލް ޔޫޒަ ބޭސް 2.7 މިލިއަނަށް އަރާފައިވާ ކަމަށެވެ.

މަސްކް މިކަން ހާމަކުރެއްވީ މާސްއަށް އިންސާނުން ފޮނުވުމަށް ސްޕޭސް އެކްސްއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޚާއްސަކޮށްފައިވާ ތަގުރީރެއްގައެވެ. އަދި މާސްއާއި އެސަރަހައްދުގައި ހައި ބެންޑްވިތް ކޮމިއުނިކޭޝަންއަށް ވެސް ސްޓާލިންކް ވަރަށް މުހިންމުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަންކަމުގެ މާބޮޑު ތަފުޞީލެއް މަސްކު ހާމައެއް ނުކުރައްވައެވެ. އެހެން ނަމަވެސް މާސްއަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓުތައް ހިމެނޭ ގޮތަށް ސްޕޭސް އެކްސްގެ އެހެން ޕްރޮޖެކްޓްތަކަށް ފަންޑު ކުރުމަށް ސްޓާލިންކްގެ ފައިދާ ބޭނުން ކުރަން ވަނީ ނިންމައިފައެވެ. އެހެންވެ، ސަބްސްކްރައިބަރުންގެ އަދަދު އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ސްޓާލިންކަކީ މުޅި ދުނިޔޭގައި ކަނެކްޓިވިޓީ ފޯރުކޮށްދީ، މަސްކްގެ އެހެން ކުންފުނިތަކުން ހިންގާ މުހިންމު ޕްރޮޖެކްޓްތަކަށް ވެސް ފައިސާ ދެއްކުމަށް ވަރަށް ބޮޑު އަގެއް ދޭ ކުންފުންޏެއްކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެ ޕްރެޒެންޓޭޝަންގައި މަސްކް ވިދާޅުވީ ދުނިޔެ ވަށައިގެން ވާ ސްޓާލިންކް ސެޓެލައިޓް ކޮންސްޓަލޭޝަންގައި މިހާރު 10،000 އަށް ވުރެ ގިނަ ލޭޒާ ހިމެނޭ ކަމަށާއި، އޭގެ ސަބަބުން ސެޓެލައިޓްތަކަށް ޖައްވުގައި އެކަތި އަނެކަޗަށް ޑޭޓާ ބީމް ކުރެވޭނެ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ސްޕޭސް އެކްސްގެ އިންޖިނިއަރަކު ބުނީ މި ލޭޒާތަކުން މިހާރުވެސް ދުވާލަކު 42 ޕެޓަބައިޓްގެ ޑޭޓާ ކަސްޓަމަރުންނަށް ޓްރާންސްމިޓް ކުރަމުން އަންނަ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްޓާލިންކްގެ ކަވަރޭޖް ފުޅާކޮށް ލެޓެންސީ ދަށްކުރުމަށް އެހީތެރިވެދޭ ކަމަށެވެ.

ދިވެހިރާއްޖެއަށް މިހާރު ލިބޭ މި ޚިދުމަތް ބޭނުންކުރާއިރު، ހޯމް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ އިތުރުން ސްޕޭސް އެކްސް އިން އަންނަނީ މޮޑިފައި ނުކުރާ ސްމާޓްފޯނުތަކަށް ބްރޯޑްބޭންޑް ބީމް ކުރެވޭނެ ސެލިއުލާ ސްޓާލިންކް ސިސްޓަމެއް ވެސް ހަދަމުންނެވެ. ހޮނިހިރު ދުވަހު އެ ކުންފުނިން ވަނީ "ޑައިރެކްޓް ޓު ސެލް" ހަ ސެޓެލައިޓުގެ ދެވަނަ ބެޗެއް ކާމިޔާބުކަމާއެކު ލޯންޗްކޮށްފައެވެ.

ސްޕޭސް އެކްސްގެ ވީޕީ މައިކަލް ނިކޮލްސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް ސްޓާލިންކްގެ 13 ސެޓެލައިޓް ފޮނުވުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އެކަމަކު މިވަގުތަށް ފޮނުވަން ނިންމާފައިވަނީ އެންމެ ހަ ސެޓެލައިޓެއް ކަމަށެވެ.

އެމެރިކާގައި ސެލިއުލާ ސްޓާލިންކް ޓެކްނޮލޮޖީ ޓެސްޓު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނައިރު، އެފްސީސީގެ ހުއްދަ ލިބެންދެން މި އަހަރުގެ ފަހުކޮޅު ޓީ-މޮބައިލްއިން މި ޚިދުމަތް ތައާރަފް ކުރުމުގެ އަމާޒަކާ އެކު އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް