ގްރޮކް 3: ސޮފްޓްވެއާ އިންޖިނިއަރުންގެ ވަޒީފާތަކަށް ނުރައްކާވަނީ

ޓެކް މަހުޖަނު އީލޮން މަސްކްގެ ގްރޮކް-3 އާއެކު ސޮފްޓްވެއާ އިންޖިނިއަރުންގެ ވަޒީފާތަކަށް ނުރައްކާވެދާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ދައްކައިފިއެވެ.

އެކްސްއޭއައި (xAI) ކުންފުނިން އިއްޔެ ތަޢާރަފުކުރި ގްރޮކް-3 އަކީ ކޯޑިންއާއި ގޭމް ހެދުމާއި ޕީއެޗްޑީ ފެންވަރުގެ ސައިންސް ސުވާލުތަކަށް ޖަވާބުދިނުމުގެ ޤާބިލުކަން ލިބިފައިވާ އޭއައި މޮޑެލްއެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އީލޮން މަސްކް އާއި އޭނާގެ ޓީމުން ބުނާ ގޮތުގައި މި އައު މޮޑެލް އަކީ ސަތޭކަ އެތައް ގަޑިއިރެއްގެ ކޯޑިންގ މަސައްކަތް ހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވޭ ފުރިހަމަ މޮޑެލް އަކަށެވެ.

ގްރޮކް-3 ގެ އެންމެ މުހިންމު ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ޑީޕްސާރޗް (DeepSearch) އަކީ އިންޖިނިއަރުންނާއި ދިރާސާކުރާ ފަރާތްތަކަށް އެހީތެރިވެދޭ އޭއައި ސާޗް އިންޖީނެކެވެ.

އާންމު ޗެޓްބޮޓްތަކާ ޚިލާފަށް، މި ވަސީލަތުން ދޭ ޖަވާބުތަކުގައި އެ ނަތީޖާއަކަށް ވާސިލުވި ގޮތުގެ ތަފްސީލު ވެސް ހިމެނެއެވެ.

ގޫގުލް އާއި މެޓާ ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ވެސް ވަނީ އެ ކުންފުނިތަކުގައި އޭއައި ބޭނުންކޮށްގެން ކޯޑް އުފައްދަމުންދާކަން ހާމަކޮށްފައެވެ.

ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗައި ބުނާ ގޮތުގައި އެ ކުންފުނީގައި މިހާރު އުފައްދާ އައު ކޯޑްގެ 25 އިންސައްތަ އުފައްދަނީ އޭއައި އިންނެވެ.

މި ކުރިއެރުންތަކާއެކު، ސޮފްޓްވެއާ އިންޖިނިއަރުންގެ ވަޒީފާތަކަށް ކުރިމަތިވެދާނެ ނުރައްކަލާމެދު ސުވާލު އުފެދެއެވެ. އޯޕަންއޭއައި ގެ ސީއީއޯ ސެމް އޯލްޓްމަން ބުނާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި މެދުފަންތީގެ ސޮފްޓްވެއާ އިންޖިނިއަރުން ކުރާ ގިނަ މަސައްކަތްތައް އޭއައި އޭޖެންޓުތަކުން ކުރާނެއެވެ. ނަމަވެސް އުނދަގޫ މައްސަލަތަކާއި އީޖާދީ ޚިޔާލުތަކަށް އިންސާނުންގެ ވިސްނުމާއި އިރުޝާދު ބޭނުންވާނެއެވެ.

މެޓާގެ ސީއީއޯ މާކް ޒަކަބާގް ފާހަގަކުރި ގޮތުގައި މި އަހަރުގެ ތެރޭގައި ޓެކް ކުންފުނިތަކުގެ މެދުފަންތީގެ އިންޖިނިއަރުންގެ މަޤާމުތަކުގައި އޭއައި ބޭނުންކުރަން ފެށިދާނެއެވެ.

މީގެ އިތުރުން އީލޮން މަސްކް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ވަޒީފާތަކަކީ އިޚްތިޔާރީ ކަމަކަށް ވެގެންދާނެކަމަށް ލަފާކޮށްފައެވެ.

މި ބަދަލުތަކާއެކު، ސޮފްޓްވެއާ އިންޖިނިއަރުން އެ ބައިމީހުންގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، އައު ޓެކްނޮލޮޖީތަކާ އެއްގޮތަށް ތައްޔާރުވުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

އެހެންނޫނީ ކުރިމަގުގައި ސޮފްޓްވެއާ އިންޖިއަރުންގެ ވަޒީފާތައް ގެއްލިގެން ދިއުމަކީ ވަރަށް ކައިރީގައި އޮތް ވިސްނުމެކެވެ.

comment ކޮމެންޓް