މ. އަތޮޅާއި މާލެ އަތޮޅާ ދެމެދު ސްޕީޑު ފެރީގެ ޚިދުމަތް ފެށުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަމީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއިއޯ އަބްދުﷲ ޒިޔާދެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ، އެމްޓީސީސީން މި ޚިދުމަތް ދޭން ފެށުމުން އެ އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ފެރީޝެޑިއުލްއާ އެއްގޮތަށް ދަތުރުކުރެވޭނެކަމުގެ ޔަގީންކަން ލިބޭ ކަމަށެވެ.
މި ސްޕީޑް ފެރީގެ ނިޒާމުގެ ސަބަބުން، އަތޮޅުތަކުގައި ދިރިއުކޭ ރައްޔިތުންނަށް ބޭސްފަރުވާއަށް ދިއުމަށް އެތައް ގުނައެއް ފަސޭހަވާނެ ކަމަށާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، އިޖުތިމާއީ ގުޅުންތައް ވެސް ބަދަހި ވާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
"މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމާއި އެކު މި ޚިދުމަތް ފުޅާވާނެ. އަދުގެ ސަރުކާރުގެ އަމާޒަކީ އާރްޓީއެލް ފެރީގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ފޯރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަސައްކަތްތަށް ލަސްކޮށް ރައްޔިތުންނަށް ދަތިވާ ގޮތަށް އަމަލުތަށް ބެހެއްޓުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.
އިތުރަށް ޒިޔާދު ވިދާޅުވީ އެމްޓީސީސީން އަންނަނީ އެ ކުންފުނިންދޭ ފެރީގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށެވެ. އަދި ތަފާތު ތަމްރީނުތަށް ވެސް ދެމުންއަންނަ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްޓީސީސީގެ ޓްރެވެލް އެޕް އަޕްގުރޭޑު ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
މުލަކު އަތޮޅާއި މާލެ އަތޮޅާ ދެމެދު ސްޕީޑު ފެރީގެ ޚިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ އިތުރުން މިއަދު ޓްރާންސްޕޯޓު މިނިސްޓްރީއާއި އެމްޓީސީސީން ވަނީ ނ، ރ، ބ، މި ތިން އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށްވެސް އެއްބަސްވުމެއްގައި ސޮއި ކުރައްވައިފައެވެ.