އާރްޓީއެލްގެ ނަމުގައި ސްކޭމް ޕޭޖަކުން ސްމާޓް ކާޑެއް ވިއްކަނީ

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކަށް ގެނައި ބަހެއް: އާރްޓީއެލްގެ ނަމުގައި ސްކޭމް ޕޭޖަކުން "ސްމާޓް ކާޑެއް" ވިއްކާތީ ސަމާލުވާން އެދިއްޖެ -- ސަން ފޮޓޯ/ ނާއިލް ހުސައިން

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ނަމުގައި ހިންގާ ސްކޭމް ފޭސްބުކް ޕޭޖަކުން، އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކާ ކަމަށާއި، އެ ކަމަށް ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން މިއަދު ބުނެފިއެވެ.

އެކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނީ، މިއަދު ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެކި ފަރާތްތަކުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާއިރު، އެ ކުންފުނީގެ ދަށުން ހިންގަމުންދާ އާރްޓީއެލްގެ ނަމުގައި ވެސް އެފަދަ ސްކޭމެއް ހިންގަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކުމުގެ މަސައްކަތްކުރާ ކަމަށް އެމްޓީސީސީން ބުންޏެވެ. އެ ޕޭޖުގައި ހިންގަމުންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީއާއި އާރްޓީއެލްއާ އެއްވެސް ގުޅުމެއް ނެތް ހަރަކާތެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީން އާ ޚިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފުކުރާނަމަ، އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ވަނީ މިއަދު އެފަދަ ސްކޭމްތައް އާންމުވެފައިވާއިރު، އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކުތަކަށް ސަމާލުވުމަށް އެދިފައެވެ. އަދި އެފަދަ ފަރާތްތަކާ އެކު އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް ކަސްޓަމަރުންގެ ކިބައިން ވަނީ އެދިފައެވެ.

އެ ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ނުހައްގުން ފައިސާ ހޯދުމަށް ކުރާ އެފަދަ ނާތަހުޒީބު އަމަލުތައް އެ ކުންފުނިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެފަދަ ކަންތައްތައްކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ކުރިމަތިވެދާނެ ކަމަށް އެ ކުންފުނިން ދެކޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޓީސީސީން ވަނީ "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖް ރިޕޯޓުކުރުމަށް އެދިފައެވެ. އެ ޕޭޖުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށާއި، އެ ޕޭޖުން ފޮނުވާ އެއްވެސް ލިންކެއް ބޭނުންނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ސްކޭމްގެ މައްސަލަތައް މިހާރު ވަރަށް ބޮޑެވެ. އެގޮތުން، ފޭކު ޕޭޖުތައް ހިންގުމާއި، އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ކުރުމާއި، ފޭކު ސްލިޕްތައް ފޮނުވުން ފަދަ ސްކޭމްގެ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް