މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމަށް އެމްޓީސީސީން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމުގެ ތެރެއިން ނ، ރ އަދި ބ އަތޮޅުގައި ފެރީގެ ޚިދުމަތް ފަށަން މިއަދު ޓްރާންސްޕޯޓު މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެެއްވީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީ މަރްޔަމް ޝަހާނާއެވެ. އަދި, އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ އާރްޓީއެލްގެ ޚިދުމަތަކީ މިހާރު ވެސް ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ދެމުން އަންނަ ޚިދުމަތެއް ކަމަށެެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން ވެސް، ރައީސް ހަމަ ވަރަށް ބޮޑަށް ވައުދު ވެވަޑައިގެންފައި އޮތީ، ހިނގަމުންދިޔަ އެއްވެސް ރައްޔިތުންނާ ގުޅުންހުރި ޕްރޮޖެކްޓެއް ހުއްޓުމަކަށް ނާންނާނެ ކަމަށް. އަދި، އެ ޕްރޮޖެކްޓުތައް ރަނގަޅުކޮށްގެން އިތުރަށް ކުރިއަށް ގެންދާނެ ވާހަކަ. އޭގެ މިސާލެއް މިއަދު ފެނިގެން މި ދިޔައީ،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތް އޮތީ ހަ ޒޯނަކަށް ބަހައިލައިގެން ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. އަދި، އޭގެ ތެރެއިން މިހާރު ތިން ޒޯނެއްގައި އެ ޚިދުމަތް ފެށައިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
ދަތުރުފަތުރުގެ ގޮތުން ރާއްޖެ ގުޅުވާލަން ކުރީ ސަރުކާރުން ފެށި އާރްޓީއެލް ފެރީގެ ޚިދުމަތް މިހާރު ކުރިއަށްގެންދަނީ ހއ. އަތޮޅާއި ހދ، ށ، ޅ، ގއ، ގދ އަތޮޅުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރީ ސަރުކާރުގައި ފެށިފައި އޮތް ނަމަވެސް ފެށިފައި އޮތީ އެންމެ ރަނގަޅަށް އިންތިޒާމު ކުރެވިގެން ނޫން ކަމަށެވެ.
"މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރަން އެމްޓީސީސީއަށް ވަރަށް ބައިވަރު ޗެލެންޖެސް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު،" މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން، މިހާރު ރޫޓުތައް ހުރީ ވެސް ރައްޔިތުން އެންމެ ބޭނުންވާގޮތަށް ނޫންކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި, މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ދޮޅުމަސްތެރޭ ވަރަށް ގިނަ ބަދަލުތަކެއް އަންނާނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.