ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޭން ގޮވާލުން، ޕީއެންސީން ކުށްވެރިކޮށްފި

ރައީސް ޑރ. މުއިއްޒާ އެކު އެ މަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ: -- ސަން ފޮޓޯ/ މޫސާ ނަދީމް

ދިއްދޫ ދާއިރާއަށް ވެރިކަން ކުރާ ޕީއެންސީން ވާދަކުރާ ކެންޑިޑޭޓަށް ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި، ހަމައެކަނި އެ ޕާޓީ މީހުންނަށް ކަރަންޓު ދޭން ގޮވާލުމުން ޕީއެންސީން އެކަން ކުށްވެރިކޮށްފިއެވެ.

މަޖިލިސް އިންތިޚާބުގައި ޕީއެންސީ ޓިކެޓުގައި ވާދަކުރާ އަބްދުއްލަތީފް މުޙައްމަދުގެ ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އެރަށު ފެނަކަ ބްރާންޗްގެ އެސިސްޓެންޓު މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވީ، މިހާރު އެހެން ގެތަކަށް ކަރަންޓު ދޭކަން ނަސީބެއް ކަމަށާއި އިންތިޚާބު ނިމެންދެން ކަރަންޓު ދޭންވީ ހަމައެކަނި ޕީއެންސީގެ މެންބަރުންގެ ގެތަކަށް އެކަނި ކަމަށެވެ.

ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ރޭ ބޭއްވި ކެންޕޭން ޖަލްސާގައި ---- ފޮޓޯ/ ޕީއެންސީ ހއ.ދިއްދޫ

އެ ވާހަކާއާ ގުޅިގެން ޕީއެންސީން ކުރި ޕޯސްޓެއްގައި ބުނީ ފެނަކައިގެ އެސިސްޓެންޓު މަގާމުގައި ހުންނަވައިގެން އަބްދުﷲ ރަޝީދު ދެއްކެވި ވާހަކަތައް އެޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެގޮތުން އޭނާ ދެއްކެވި ވާހަކަތަކަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެޕާޓީގެ ވެސް ސިޔާސަތެއް ނޫން ކަމަށް ޕީއެންސީން ބުންޏެވެ.

"ރައީސް މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން." އެ ޕޯސްޓުގައިވެއެެވެ.

އިންތިޚާބާ ގުޅިގެން ވަޒީފާތައް ދިނުމާއި މުވައްޒަފުންނަށް ބިރުދެއްކުމުގެ ކަންކަން ވެސް ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އެކަމަކު، ސަރުކާރުން އަންނަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

comment ކޮމެންޓް