ޕެލަސް އަތުން ބަލިވެ، ލިވަޕޫލް ތިންވަނައަށް ވެއްޓިއްޖެ

ލިވަޕޫލް ކޮޅަށް ލަނޑު ޖަހައިދިން އެޒޭއާއި މިޝޭލް ލަނޑަށް ފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ލީގަށް ވާދަކުރަމުން އަންނަ ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުން ބަލިވެ، ލިވަޕޫލް ތާވަލުގެ ތިންވަނައަށް ވެއްޓިއްޖެއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އަމިއްލަ ކުޅިބެލުންތެރިންގެ ކުރިމަތީގައި ކުޅުނު މި މެޗު ޕެލަސްއިން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

މި މެޗުގައި ލިވަޕޫލްގެ ފަރާތުންވަނީ ފަހަކަށް އައިސް އެ ޓީމުގެ ފަރާތުން ފެނިގެންދާ ދޯދިޔާ ކުޅުން ފެނިގެން ގޮސްފައެވެ. އެ ޓީމު އެންމެ ފަހުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި އިޓާލިއަން ސެރީއާގެ އެޓަލާންޓާއާ ބައްދަލުކުރި މެޗުން 3-0އިން ބަލިވިއިރު މެންޗެސްޓާ ޔުނައިޓެޑާ ބައްދަލުކުރި މެޗުން ވަނީ 2-2 އިން އެއްވަރުވެފައެވެ.

މި މެޗުގައި ވެސް ލިވަޕޫލް ފެނިގެންދިޔައީ ހަމަލާ އުފައްދާ ލަނޑު ޖެހުމަށް މަސައްކަތް ކުރަމުންދިޔަ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް އެޓީމަށް ލިބެމުންދިޔަ ގިނަ ފުރުސަތުތައް ނިންމާލުމުގައި މައްސަލަތައް ދިމާވަމުން ދިޔަތަން ފެނިގެންދިޔައެވެ. އަދި، ހަމައެއާއެކު ލިވަޕޫލްގެ ޑިފެންސްގައި ވޭތުވެދިޔަ ދެތިން މެޗުގައި ފެނިގެންދިޔަ ފޯރިއާއި ޖޯޝެއް ނެތް ކުޅުން މި މެޗުގެ އެކި ހިސާބުތަކުގައި ވެސް ފެނިގެންދިޔައެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ޕެލަސްއިން އުފެއްދި ކައުންޓާ އެޓޭކެއްގައި ކާމިޔާބުކުރި ލަނޑާ މެދު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވެސް ހައިރާންވެފައިހުރިކަން ފާހަގަވެގެންދިޔައެވެ. މި ލަނޑު ޕެލަސްއަށް ކާމިޔާބުކޮށްދިނީ އެބެރެޗީ އެޒޭއެވެ. މި ލަނޑު ވެގެންދިޔައީ މި ފަހަރުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް މަސައްކަތްކުރާ ތިން ޓީމުގެ ރޭހުގައި ޖެހި ވަރަށް ފާހަގަ ވެގެންދިޔަ ލަނޑަކަށެވެ.

މި ނާކާމިޔާބީއާ އެކު ލިވަޕޫލް މިހާރު މިވަނީ ކުޅުނު 29 މެޗުން ލިބިފައިވާ 71 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. އެއީ، ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއްގައި މި ވަގުތު އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މި ހަފުތާގައި ކުޅުނު މެޗު ކާމިޔާބުކޮށްފައިވުމުންނެވެ. ދެވަނައިގައި އޮތް އާސެނަލަށް ވެސް ލިބިފައިވަނީ 71 ޕޮއިންޓެވެ. އެ ޓީމު ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޕެލަސް މިހާރު އޮތީ 33 ޕޮއިންޓާ އެކު ތާވަލުގެ 14 ވަނައިގައެވެ.

comment ކޮމެންޓް