އިޓާލިއަން ސެރީއާގައި އެޓަލާންޓާއާއި ޕާމާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް, އެޓަލާންޓާއިން އެއްވަނައަށް އަރައިފިއެވެ.
ޕާމާގެ ދަނޑުގައި ކުޅުނު މި މެޗު އެޓަލާންޓާއިން ކާމިޔާބުކޮށްފައިވަނީ 3-1 އިންނެވެ.
އެޓަލާންޓާއިން ވަރަށް ފޯރީގައި ފެށި މި މެޗުގައި އެ ޓީމުންވަނީ ހަތަރުވަނަ މިނެޓުގައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މަޓިއޯ ރެޓެގޫއެވެ. މިއީ މި ސީޒަންގައި އޭނާ ލީގުގައި ކާމިޔާބުކުރި 12 ވަނަ ލަނޑެވެ.
މެޗުގެ 39 ވަނަ މިނެޓގައި އެޑަސަން ކާމިޔާބުކޮށްދިން ލަނޑާ އެކު އެޓަލާންޓާއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. މިއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ލަނޑުގެ ލީޑެއްގައި އެޓަލާންޓާ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު މިނެޓުގެ ތެރޭގައި ޕާމާއިން ވަނީ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓިއޯ ކަންސެލިއޭރީއެވެ. މި ލަނޑާ އެކު ޕާމާގެ ކުޅުން އިތުރަށް ރަނގަޅުވި ނަމަވެސް މެޗުގެ ނަތީޖާ ހަމަހަމަކުރެވޭގޮތެއް ނުވިއެވެ.
ޕާމާގެ ލަނޑެއް ފެނުމުގެ ބަދަލުގައި އަނެއްކާ ވެސް ފެނިގެންދިޔައީ އެޓަލާންޓާއިން ލަނޑެއް ޖަހައި ދެ ލަނޑުގެ ލީޑު އަނެއްކާ ވެސް ނެގި ތަނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑެމޮލާ ލޫކްމަންއެވެ.
މި ކާމިޔާބީއާ އެކު އެޓަލާންޓާއިންވަނީ 13 މެޗުން ލިބިފައިވާ 28 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައަށް ވަގުތީ ގޮތުން ކުރިއަށް ޖެހިލާފައެވެ. ޕާމާ އޮތީ 12 ޕޮއިންޓާ އެކު 13 ވަނައިގައެވެ.
ދެވަނައިގައި އެޓަލާންޓާއާއި އެއްވަރަށް ޕޮއިންޓް ލިބިގެން މި ވަގުތު އުޅޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާންއާއި ހެލަސް ވެރޯނާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 5-0 އިން ކާމިޔާބު ކޮށްފައިވަނީ އިންޓާއެވެ.
މެޗުގައި އިންޓާއިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މާކަސް ތުރާމެވެ. ދެ ލަނޑާ އެކު ތުރާމް ވަނީ ލީގުގައި މި ސީޒަންގައި ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ ހޯކިމް ކޮރެއާއާއި ސްޓެފަން ޑި ވިރީ އަދި ޔާން އައުރެލް ބިސެކެވެ.
މެޗުން ބަލިވިވުމުން ވެރޯނާ އޮތީ 12 ޕޮއިންޓާ އެކު ތާވަލުގެ 14 ވަނައިގައެވެ.
މީގެ އިތުރުން، އޭސީ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު ޔޫވޭ 25 ޕޮއިންޓާ އެކު ހަވަނައިގައި އޮތްއިރު މިލާޏް އޮތީ 19 ޕޮއިންޓާ އެކު ހަތްވަނައިގައެވެ.
މުބާރާތުގައި މިރޭ ނަޕޯލީއާއި އޭއެސް ރޯމާ ބައްދަލުކުރާ މެޗު ނަޕޯލީން ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު ލިބޭނެއެވެ.