ލިވަޕޫލުން ސައުތެމްޕްޓަން ބަލިކޮށް އަށް ޕޮއިންޓްގެ ލީޑެއް ނަގައިފި

ލިވަޕޫލުން ސައުތެމްޕްޓަން ބަލިކޮށް އަށް ޕޮއިންޓްގެ ލީޑެއް ނަގައިފި --

އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލިވަޕޫލްއިން އަށް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ސައުތެމްޕްޓަންގެ ދަނޑުގައި ކުޅުނު މިމެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. ލިވަޕޫލުން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ އެޓީމުންނެވެ.

އެހެން ނަމަވެސް ސައުތެމްޕްޓަން އިންވަނީ މިމެޗުގައި ލިވަޕޫލް ހާސްވާންޖެހޭ ވަގުތުތައް ވެސް ގެނުވާފައެވެ. ސައުތެމްޕްޓަން އިން ޑިފެންސަށް އިސްކަންދީ ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތްކުރި މިމެޗުގެ ކުރީކޮޅު ލިވަޕޫލުން އުފެއްދި ގިނަ ހަމަލާތައްވަނީ ސައުތެމްޕްޓަން އިން ދިފާއުކޮށްފައެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 30ވަނަ މިނެޓުގައި ސައުތެމްޕްޓަންގެ ޑިފެންސްއިން ހެދި ގޯހެއްގެ ފައިދާ ނަގާ ލިވަޕޫލުންނެވެ.

މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑޮމިނިކް ޒޮބޯސްޒްލާއި އެވެ. މިލަނޑާއެކު ލިވަޕޫލްއިން ވަރަށް ހަމަޖެހިލައިގެން ކުލެމުންދިޔަ ނަމަވެސް މެޗުގެ 42ވަނަ މިނެޓުގައި ސައުތެމްޕްޓަނުން އުފެއްދި ހަމަލާއެއްގައި އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް އެންޑި ރޮބާޓްސަން ސައުތެމްޕްޓަންގެ ޓައިލާ ޑިބްލިންއަށް ފައުލް ކުރުމުގެ ސަބަބުން ލިބުނު ޕެނަލްޓީއިން ލިބިގެންދިޔަ މިފުރުސަތުގައި އެޑަމް އާމްސްޓްރޯން ފޮނުވާލި ޕެނަލްޓީ ކީޕާ ކައޮއިމްހިން ކެލެހާ ދިފާއު ކުރި ނަމަވެސް އާމްސްޓްރޯން ވަނީ ރީބައުންޑް ގޯލްގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިމެޗުގެ ދެވަނަ ހާފު ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ލިވަޕޫލުން މުޅިންހެން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ސައުތެމްޕްޓަންއިން ވަނީ މެޗުގެ 56ވަނަ މިނެޓުގައި މެތިއުސް ފެނާންޑޭޒް ޖަހާދިން ލަނޑާއެކު މެޗުގެ ލީޑު ނަގާ ލިވަޕޫލަށް ސިހުން ގެނުވާފައެވެ. ނަމަވެސް ސައުތެމްޕްޓަންއަށް މި ލީޑު ދެމެހެއްޓޭވަރުވީ ނުވަ މިނެޓް ވަންދެނެވެ.

މިގޮތުން މެޗުގެ 65ވަނަ މިނެޓުގައި މުހަންމަދު ސަލާހް ޖަހައިދިން ލަނޑާއެކު އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިމެޗުން ލިވަޕޫލް މޮޅުކޮށްދިން ލަނޑު މެޗުގެ 83ވަނަ މިނެޓުގައި ލިބުން ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ސަލާހްއެވެ. މިއީ ސަލާހް މިސީޒަންގައި ލީގުގައި ކާމިޔާބު ކުރި އަށްވަނަ ލަނޑެވެ. މިހާފުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިވަޕޫލްއަށް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ. ހާއްސަކޮށް ސަލާހަށް އޭނާގެ ހެޓްރިކް ފުރިހަމަަ ކުރަންވެސް ރަނގަޅު ދެ ފުރުސަތެއްވަރު ލިބިގެންދިޔަ ނަމަވެސް އެކަން މިމެޗުގައި ވާގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ލިވަޕޫލުން މިހާރުވަނީ ކުޅުނު 12 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އަށް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ލިވަޕޫލާއި އެންމެ ގާތުން ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިއްޔެ ޓޮޓްނަމް ހޮޓްސްޕާ އަތުން ބަލިވެފައިވުމުން އެޓީމު އޮތީ 23 ޕޮއިންޓްގައެވެ.

މިއަންނަ ހަފުތާ ބަންދުގައި ލިވަޕޫލްގެ ދަނޑުގައި ސިޓީ އާއި ބައްދަލުކުރުމަށް އޮތުމުން އެލީޑު މަދުވެގެން އިތުރު އެއް ޕޮއިންޓަށް އިތުރު ކުރުމުގެ ފުރުސަތު ލިވަޕޫލްއަށް ލިބިގެން ދާނެއެވެ. މިމެޗުން ބަލިވުމުން ސައުތެމްޕްޓަން އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު