އިޓަލީވިލާތް، ޑޭވިސް ކަޕްގެ ފައިނަލަށް

ސްޕެއިންގެ މަލާގާގައި މިހާރު ކުރިއަށްދާ ޑެވިސް ކަޕް ޓެނިސް މުބާރާތުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން އިޓަލީވިލާތް ޖާގަ ހޯދީ ސެމީފައިނަލްގައި އޮސްޓްރޭލިއާއާ ބައްދަލުކޮށް ސީދާ ދެ މެޗުން ކުރިހޯދައިގެންނެވެ. މި ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އިޓަލީވިލާތުގެ މަޓިއޯ ބެރެޓީނީއާއި އޮސްޓްރޭލިއާގެ ތަނާސީ ކޮކިނާކިސްއެވެ.

މެޗު ފަހަތުން އަރައި ދެ ސެޓު އެއް ސެޓުން ކާމިޔާބުކޮށްފައިވަނީ ބެރެޓީނީއެވެ. މެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް 6-8 އިން ކާމިޔާބުކޮށްފައިވަނީ ކޮކިނާކިސްއެވެ. ނަމަވެސް، ޖެހިގެން އައި ދެ ސެޓު ބެރެޓީނީ ވަނީ 6-3 އަދި 7-5 އިން ކާމިޔާބުކޮށްފައެވެ.

ސެމީފައިނަލްގެ ދެވަނަ މެޗުގައި އިޓަލީވިލާތުގެ ފަރާތުން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ޔަނިކް ސިނާ ތަމުސީލުކުރިއިރު އޮސްޓްރޭލިއާ ފަޅިން ކުޅެފައިވަނީ އެލެކްސް ޑި މިނޯއެވެ. މެޗު 6-3 އަދި 6-4 އިން ކާމިޔާބުކޮށްފައިވަނީ ސިނާއެވެ.

މި ކާމިޔާބީއާ އެކު މުބާރާތުގެ ފައިނަލްގައި އިޓަލީވިލާތް ތަށި ދިފާއުކުރުމަށް ނުކުންނާނީ ނެދަލަންޑްސްއާ ދެކޮޅަށެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ބެރެޓީނީ ބުނީ، އޭނާއަށް ހީވީ އިޓަލީވިލާތުގައި މެޗު ކުޅެވެމުންދިޔަ ހެން ކަމަށެވެ. މި ފަހަރު އިޓަލީވިލާތުން ކުޅެމުންދާ ހުރިހާ މެޗަކަށް ވެސް އެ ޤައުމުގެ ގިނަ އަދަދެއް ސަޕޯޓަރުން ޓީމަށް ތަރުހީބު ދިނުމަށް ދާކަން ފާހަގަކުރެވެއެވެ.

ސިނާ ބުނީ، މިދިޔަ އަހަރު ޑޭވިސް ކަޕް ކާމިޔާބުކުރެވުން ވެގެންދިޔައީ އޭނާގެ ކެރިއަރުގައި އެންމެ އުފާވި އެއް ދުވަހަށް ކަމަށާއި އަދި އަނެއްކާ ފައިނަލަށް ދެވުމުން އުފާކުރާ ކަމަށެވެ. އިޓަލީވިލާތުން ފިރިހެން ޓީމު ޑޭވިސް ކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު އެ ޤައުމުގެ އަންހެން ޓީމުވަނީ ބިލީ ޖީން ކިންގް ކަޕްގެ ތަށި މިދިޔަ ހަފުތާގައި އުފުލާލާފައެވެ.

comment ކޮމެންޓް