ކުންފުނިތަކުގެ މުވައްޒަފުންގެ ވަޒީފާ ރައްކާތެރިކޮށްދޭނެ ގާނޫނެއް އެމްޑީޕީން ފާސްކުރާނަން: ޞާލިޙް

އެމްޑީޕީ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް: ކުންފުނިތަކުގެ މުވައްޒަފުންގެ ވަޒީފާ ރައްކާތެރިކޮށްދޭނެ ގާނޫނެއް އެމްޑީޕީން ފާސްކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ވަޒީފާ ރައްކާތެރިކޮށްދޭނެ ބިލެއް އެކުލަވާލައި، ގާނޫނަކަށް ހަދައިދޭނެ ކަމަށް އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ތ. ތިމަރަފުށީ ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ޞާލިޙް މިރޭ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ ކުރިއަށް އޮތީ ވަރަށް ބިރުވެރި، ނާމާން ދުވަސްތަކެއް ކަމަށެވެ. އެ މަންޒަރު މިހާރު ވެސް ފެންނަ ކަމަށް ވިދާޅުވެ އެ މަނިކުފާނު ތުހުމަތު ކުރެއްވީ ސަރުކާރުން މި އިންތިޚާބާ ދިމާކޮށް ގިނަ ބަޔަކަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު މިއަދު ދިޔަ އިސްދޫއިން ހަމައެކަނި، 115 މުވައްޒަފުން ކަނޑާލައިފި. 115 އާއިލާ މަގުމަތިކޮށްލައިފި، އެއީ ސަރުކާރަށް ތާއިދު ނުކުރާތީ،" ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީން މާފަންނު ދެކުނަށް ވާދަކުރާ ކެންޑިޑޭޓް ހަސަން އިއާދު (އިއަޑޭ)، އޭނާ އެޗްޑީސީގައި އަދާކުރަމުން އައި ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިއިން ދުވަހަކު އަޅުގަނޑު ނުދެކެން މިކަހަލަ ސަސްޕެންޝަނެއް އައި ތަނެއް. އޭގައި މި އޮންނަނީ 14 ވަނަ ދުވަހުން ފެށިގެން އިންތިޚާބު ނިމެންދެން ސަސްޕެންޑުކޮށްފައޭ ތިހިރީ 24 ވަނަ ދުވަހާ ހިސާބަށް،" ޞާލިޙް ވިދާޅުވިއެވެ.

މަޖިލިސް މެންބަރުކަން ދިގު މުއްދަތަކަށް ކުރެއްވި ޞާލިޙް ވިދާޅުވީ، ސިވިލް ސާވިސްގެ މުވައްޒަފުން ހިމާޔަތް ކުރުމަށް ޓަކައި ސިވިލް ސާވިސް ގާނޫނު، ފާސްކުރިއިރު އެކަމާ ދެކޮޅަށް އޭރު އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

"ވަރަށް ދަތި އުނދަގުލުން އެ ގާނޫނު ވެސް ފާސްކޮށް ތަސްދީގު ކުރަން ފޮނުވުމުން އަނބުރާ ފޮނުވާލީ. އޭރުގެ ބަންޑާރަ ނައިބު ދެއްވި ލަފަޔަކީ ހެޔޮ ނުވާނެޔޭ ތިކަން ނުކުރާށޭ، ސަރުކާރުގެ ބާރު ކެނޑިގެން ދާނެޔޭ،" ޞާލިޙް ވިދާޅުވިއެވެ.

އޭގެ ފަހުން އަނެއްކާވެސް އެ ގާނޫނު ފާސްކުރުމުން، ގާނޫނީ ރައްކާތެރިކަން ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް މިހާރު ލިބިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ މިއަދު ބޭނުންވަނީ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ވެސް އެ ހިމާޔަތާއި ރައްކާތެރިކަން ހޯދުން ކަމަށެވެ.

އެހެންވެ، އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށް ޞާލިޙް ވިދާޅުވިއެވެ.

comment ކޮމެންޓް