ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުން ގޯތި ލިބުނު މީހުންނަށް، ގުޅިފަޅުން ގޯތި ހޯދަން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހެވެ. އެ ފުރުސަތުގެ ސުންގަޑިއަކަށް ހަމަޖައްސާފައި އޮތީ މިރޭ 23:00އާ ހަމައަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައިވަނީ ގުޅިފަޅަށް ގޯތި ބަދަލުކުރުމަށް ފޯމް ހުށަހެޅުމަށް އިތުރު މުއްދަތު ދިނުމަށް ވަރަށް ގިނަ މީހުން އެދެމުން އަންނަ ކަމަށެވެ.
އެހެންވެ، އެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ 23:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ. ގޯތި ބަދަލުކުރުމަށް އެދި ހުށަހަޅާނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ 1347 ގޯތީގެ އަދަދާއި ބޮޑުމިނަކީ:
- 1250 އަކަފޫޓުގެ 193 ގޯތި
- 1650 އަކަފޫޓުގެ 663 ގޯތި
- 2050 އަކަފޫޓުގެ 487 ގޯތި
- 2450 އަކަފޫޓުގެ 4 ގޯތި
ހައުސިން މިނިސްޓްރީން ބުނީ، ބަދަލުކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދަަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ މީހުންގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތުންކަމަށެވެ.
އެ ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރާނެކަމަށާއި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މިނިސްޓްރީގެ ވެބްސައިޓްގައާއި ހިޔާވަހި ޕޯޓަލްގައި އާންމުކޮށްފައިވާނެކަން އިއުލާނުގައިވެއެވެ.
ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.