ހޯރަފުށީ ކައުންސިލުން އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ މައްސަލަ ބަލަން ގޮވާލައިފި

ހއ. ހޯރަފުށީ ކައުންސިލުގެ އިދާރާ --- ޓުވިޓާ ފޮޓޯ/ ހޯރަފުށީ ކައުންސިލް

ހއ. ހޯރަފުށީ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެ ކަން ކުށްވެރިކޮށް، މައްސަލަ ބަލައިދިނުމަށް ޕީޕީއެމް ޕީއެންސީން ގޮވާލައިފިއެވެ.

ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހޯރަފުށީ ކައުންސިލުން ސަރުކާރު ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން، އެ ރަށުގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށެވެ.

އެ ގޮތުން މަޖިލިސް އިންތިޚާބާ ދިމާކޮށް ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށް ވެސް އެ ކައުންސިލުން ބުނަމުންދާ ކަމަށް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

ހޯރަފުށީ ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާއި، ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާއި ކަރުދާހާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުންދާ ކަމަށާއި، އެ ކައުންސިލްގެ އަމާޒު ހުރީ ޤާނޫނުން އެ ކައުންސިލާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައި ވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިއީ ކަނޑައެޅިގެން އިންތިޚާބުތަކާބެހޭ ޤާނޫނާވެސް ޚިލާފުކަމެއްކަން ފާހަގަކޮށް،
އެހެންކަމުން ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ހޯރަފުށީ ކައުންސިލް މެމްބަރުންނަށް ގޮވާލާފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލައި ތަޙްޤީޤުކުރުމަށް ގޮވާލާފައިވެއެވެ.

ހޯރަފުށީ ކައުންސިލަށް ތުހުމަތުކޮށް ޕީޕީއެމް ޕީއެންސީން ބަޔާނެއް ނެރެފައި މިވަނީ އިންތިޚާބަށް ނުފޫޒުފޯރުވުމާއި، ގާނޫނީ އިމުން ބޭރުން ކެމްޕޭން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މިއަދު ގޮވާލާފައިވަނިކޮށެވެ.

ޅ. ފެލިވަރުގައި ހިންގާ މިފްކޯގެ މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންޓްރޯލް ކުރުމުގެ ބާރު ޕީއެންސީގެ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓަށް ދޭން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކައާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. މި މައްސަލަ ނޭޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވެސް ވަނީ އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ވަކި ފަރުދަކު ފާޅުކުރާ ޝުއޫރަކީ ޕާޓީގެ ސިޔާސަތު ނޫން ކަމަށެވެ.

ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި މަސައްކަތްކުރާ ކަމަށްބުނެ، ސިޔާސީ ޕާޓީތަކަށް ވަރަށް ބޮޑެތި ފާޑުކިޔުން އަމާޒުވެއެވެ. އާންމު ގޮތެއްގައި މި ތުހުމަތު އެންމެ ބޮޑަށް ކުރަނީ އެއިރެއްގައި ސަރުކާރުގައި އޮންނަ ޕާޓީއަކަށެވެ.

comment ކޮމެންޓް