ސިޔާސީ މަގާމު އިތުރުކުރުން ނޫން ކަމެއް މި ސަރުކާރުން ނުކުރޭ: ޞާލިޙް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް: އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރާ ހަމައެކަނި ކަމަކީ ސިޔާސީ މީހުންނަށް މުސާރަ ދިނުން ކަމަށް -- ފޮޓޯ/ އެމްޑީޕީ

ސަރުކާރަށް ސިޔާސީ މަގާމުތައް އިތުރުކޮށްގެން އެ ބޭބޭފުޅުންނަށް މުސާރަދިނުން ނޫން ކަމެއް މި ސަރުކާރުން ނުކުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ޞާލިޙް ގެންދަވަނީ ރަށްރަށަށް ދަތުރުކުރައްވަމުންނެވެ. އެގޮތުން، މިއަދު ލ. ގަމަށް ވަޑައިގެން އެ ރަށު ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ މިހާރުގެ ސަރުކާރުން އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާ ކަމަށް ތުހުމަތުކުރައްވައި، ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

"ފަސް މަސް ވަމުންދާއިރުގައި ކޮބައިތޯ ފެށި މަޝްރޫއެއް ތަރައްގީއަށްޓަކައި. އަޅުގަނޑުމެން ފަށާފައި އޮތް 1،700 މަޝްރޫއު އެކީގައި ހުއްޓާލީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"މި އަހަރަށް ފާސްކޮށްފައި ހުރި ބަޖެޓުގައި ވެސް އެ ފައިސާ ހުންނާނެ. އެހެންނަމަވެސް ހުއްޓައިލާފައި ހަމައެކަނި ކުރައްވާ ކަމަކީ ސިޔާސީ މަގާމުތަކަށް މީހުން އިތުރުކޮށް، އެ މީހުންނަށް މުސާރަ ދެނީ. އެ ނޫން އެއްވެސް ކަމެއް ނުކުރައްވާ،"

އެމްޑީޕީގެ އެޑްވައިޒަރު ޞާލިޙް މިއަދު ގަމުގައި: ވިދާޅުވީ، ސަރުކާރުން މަޝްރޫއުތައް ނުހިންގާ ކަމަށް -- ފޮޓޯ/ އެމްޑީޕީ

މިހާރު އެމްޑީޕީގެ އެޑްވައިޒަރުކަން ކުރައްވާ ޞާލިޙް ވިދާޅުވީ އެއް ގޮތަކީ މި ސަރުކާރަށް ބަޖެޓު މެނޭޖުކުރަން ނޭންގުން ކަމަށާއި އަނެއް ގޮތަކީ ގަސްތުގައި ރައްޔިތުން އަޅުވެތިކަމެއްގެ ތެރޭގައި ބައިތިއްބަން މަސައްކަތްކުރުން ކަމަށެވެ. އެއީ، ރައްޔިތުންނަށް ބިރުވެރިކަން ދެއްކުން ކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

މިހާރު ވެސް ރަށްރަށުގައި ވަޒީފާތަކުގައި ތިއްބަވާ ބޭފުޅުންނަށް ވަޒީފާގެ ބިރު ދައްކާ ކަމަށް އެ މަނިކުފާނު ވަނީ ތުހުމަތުކުރައްވައިފައެވެ.

"އެމްޑީޕީން އަބަދު ވެސް ތެދުވާނެ އެ ކަންކަމާ އިދިކޮޅަށް،" ޞާލިޙް ވިދާޅުވިއެވެ.

މި ސަރުކާރުގައި މިހާރު ވެސް ބޮޑު މުސާރަ ލިބޭ ސިޔާސީ މަގާމުތަކުގައި ގިނަ ބޭފުޅުންތަކެއް ތިއްބެވިއިރު، އިދިކޮޅު އެމްޑީޕީން އަންނަނީ އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.

ޞާލިޙް މިއަދު ލ. ގަމުގައި: އެ މަނިކުފާނު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައި -- ފޮޓޯ/ އެމްޑީޕީ

ޞާލިޙް މިއަދު ވެސް ވަނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ހެދުނީ ގޯހެއް ކަމަށް ރައްޔިތުންނަށް މިހާރު އިހުސާސްވާ ކަމަށް އެ މަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ. އެގޮތުން، އޭރު ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ރައްޔިތުންނަށް އޮޅުވާލައި، އިތުރުފުޅުހައްދަވަމުން ކަމަށް އެ މަނިކުފާނު ވަނީ ތުހުމަތު ކުރައްވައިފައެވެ.

"އަޅުގަނޑަށް ފެންނަނީ މި އިންތިޚާބުގައި އެމްޑީޕީން އިރާދަކުރެއްވިއްޔާ ބޮޑު ތަފާތަކުން މި ފަހަރު ވެސް ގޮނޑިތައް ކާމިޔާބުކުރާތަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ވަޒީފާގެ ބިރު ދައްކައި ސިޔާސީ ބޭނުމަށްޓަކައި ވަޒީފާތައް އިތުރުކުރާ ކަމަށް އިދިކޮޅުން ތުހުމަތުކުރި ނަމަވެސް ސަރުކާރުން އަންނަނީ އެ ހުރިހާ ތުހުމަތުތައް ވެސް ދޮގު ކުރަމުންނެވެ.

އަންނަ އާދިއްތަ ދުވަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު އެންމެ ގިނަ ދާއިރާތަކަށް ކެންޑިޑޭޓުން ނެރުނު އެމްޑީޕީން 90 ދާއިރާއަކަށް ވާދަކުރެއެވެ.

comment ކޮމެންޓް