ވެހިކަލް ގަތުމުގެ ނަމުގައި މޯލްޑިވްސް ވޭވުން ބޮޑު ސްކޭމެއް ހިންގިކަމަށް ބުނާ މައްސަލައެއް ބަލަނީ

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށްފައިވަނީ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށެވެ.

މި މައްސަލައަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށާއި މައްސަލައިގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފަވޭތޯ ބަލަން ބޭނުންވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ނަމަވެސް މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ނަގާފައިވަނީ ކިހާ އަދެދެއްގެ ފައިސާ ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެހެންވެ، އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ނަމުގައި ފައިސާ ދައްކާފައިވާ ފަރާތެއްނަމަ 9790048 އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން އެކި ކަހަލަ އުކުޅުތައް ބޭނުން ކޮށްގެން އަބަދު ވެސް ދަނީ ފައިސާ ހޯދަމުންނެވެ. މި ފަދަ ކަންކަމަށް ސަމާލުވުމަށާއި ހޭލުންތެރިވުމަށް ފުލުހުންނާއި އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް