އީރާނުން އިސްރާއީލަށް ޑްރޯން ހަމަލާތަކެއް ފޮނުވާލައިފި

ޓެލްއަވީވު (14 އެޕްރީލް 2024): ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އީރާނުގެ ފަސް ޑިޕްލޮމެޓުންނާއި އަސްކަރީ ދެ ކޮމާންޑަރުން އަވަހާރަކޮށްލި ޓެރަރިސްޓް ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން އީރާނުން ގިނަ އަދަދެއްގެ ޑްރޯން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނިގޮތުގައި އީރާނުން އިސްރާއީލަށް ހަމަލާދިނުމަށްޓަކައި އީރާނުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރޯން ފޮނުވާލާފައިވާކަމަށް ސެޓަލައިޓް ފޮޓޯތަކުން ހާމަވެއެވެ. އެއީ، އީރާނުގައި އުފައްދާ ޝާހިދު މަރުކާގެ ޑްރޯންކަމަށް ބެލެވޭކަމުގައެވެ.

އޭނާ ބުނިގޮތުގައި އީރާނުގެ ޑްރޯންތައް އިސްރާއީލާ ހަމައަށް އައުމަށް ހަތް ގަޑީއިރާއި އަށް ގަޑީއިރުގެ ވަގުތެއްނަގާނެ ކަމަށާއި އެ ޑްރޯންތައް ވައްޓާލުމަށް ވާންޖެހޭ ތައްޔާރީތައް އިސްރާއީލުގެ ސިފައިން ވަމުންދާކަމުގައެވެ. ނަމަވެސް ހުރިހާ ޑްރޯންތައް ވައްޓާލެވޭނެކަމުގެ ޔަގީންކަން ނެތްކަމަށް އޭނާ ބުނެފައިވެއެވެ.

އީރާން އަސްކަރިއްޔާގެ އެލީޓް ފޯސް ކަމަށްވާ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއް ބުނާގޮތުން އީރާންވަނީ ޑްރޯނުން އާދައިގެ ހަމަލާތަކެއް އިސްރާއީލުގެ ވަކިތަންތަނަށް ދިނުމުގެ ޑްރޯން އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަން ފުޅާކުރާނީ ނުވަތަ ބަލަސްޓިކް މިސައިލް ބޭނުންކޮށްގެން ހަމަލާތައް ވަރުގަދަކުރާނީ އިސްރާއީލުން ދޭނެކަމަށް ބެލެވޭ ރައްދަށް ބަލާފައިކަމަށް ވެސް އެ ބަޔާން ބުނެއެވެ.

އީރާނުންވަނީ ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އީރާނުގެ ފަސް ޑިޕްލޮމެޓުންނާއި އަސްކަރީ ދެ ކޮމާންޑަރުން އަވަހާރަކޮށްލުމަކީ ރަތްރޮނގު ހުރަސްކުރުން ކަމަށާއި އެއީ އާދައިގެ ކަމެއްނޫންކަމަށް ބުނެފައެވެ.

އިސްރާއީލުން އީރާނުގެ އެތެރޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގައި ބޮންގޮއްވުމުގެ އެތައް ޖަރީމާތަކެއް ހިންގާފައިވާއިރު އިސްރާއީލުން ގެންދަނީ ސޫރިޔާގައިވާ އީރާނުގެ އަސްކަރީ އަދި މަދަނީ އަމާޒުތަކަށް ކެނޑިނޭޅި ހަމަލާތައް ދެމުންނެވެ. މިއިން އެއްވެސް ހަމަލާއަކަށް އީރާނުން ސީދާގޮތެއްގައި ރައްދެއް ނުދެއެވެ. އެއީ، ރައްދު ދީފިނަމަ ސަރަހައްދީ ހަނގުރާމައެއް ފެށިދާނެތީއާ އަދި އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކުގެ ފޯކަސް ގެއްލި އެހެން ދިމާއަކަށް ފޯކަސް އެނބުރިދާނެތީއެވެ.

ނަމަވެސް އިސްރާއީލުން އީރާނުގެ ކޮންސިއުލޭޓަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާ ނުދީފިނަމަ އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެ ފުއްޕާފައި އުޅުމަށް އިސްރާއީލަށް ބޮޑު ހިތްވަރެއް ލިބިގެންދާނެތީ އީސްރާއީލަށް ރައްދު ނުދީ ވާނެއެހެން އެއްވެސް ގޮތެއް މިހާރު ނެތްކަމަށް އީރާން ދެކެއެވެ.

އީރާނުގެ ރައްދު ހަމަލާތަކުގެ ރައްދުގައި އަނެއްކާ އިސްރާއީލުން ހަމަލާދީފިނަމަ ނުވަތަ އެމެރިކާ ސީދާގޮތެއްގައި މި ކުރިމަތިލުންތަކުގެ ތެރެއަށް ވަދެއްޖެނަމަ ގަލްފުގައި ދަތުރުކުރާ އެމެރިކާގެ ތެޔޮޓޭންކަރުތަކަށާއި އާގު ބޯޓުތަކަށް ޑްރޯން ހަމަލާދޭން ފެށުމަކީ އެކަށީގެންވާ ކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިފަދަ ހާލަތެއްގައި ތެޔޮޓޭންކަރުތަކާއި އާގު ބޯޓުތަކުގެ އިންޝުއަރެންސް އަގު އެތައް ގުނައެއް މަތިވެގެންގޮސް ގަލްފަށް ދިޔުމަށް ފަސްޖެހި ހުޅަނގުގެ އިގްތިސާދު ހިމެނޭގޮތަށް ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރާނެކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ.

އީރާނުންވަނީ އިސްރާއީލުން އީރާނަށް ދީފާނެކަމަށް ބެލެވޭ ހަމަލާތަކަށް އެއްވެސް ގައުމަކުން އެހީތެރިވެއްޖެނަމަ އެ ގައުމަކަށް ވަރަށް ވަރުގަދައަށް ހަމަލާދޭނެކަމުގެ އިންޒާރު ދެއްވާފައެވެ. މިއީ މި ޔޫއޭއީ އާއި ބަހްރައިން ފަދަ އިސްރާއީލާ ގުޅުން އޮންނަ ގަލްފުގެ އަރަބި ދެ ގައުމަށް އީރާން ދިން އިންޒާރެއްކަމަށްވަނީ ބެލެވިފައެވެ.

މި ދެ ގައުމަކީ ވެސް އަދި ގަލްފުގެ އެއްވެސް ގައުމަކީ އީރާނާދެކޮޅަށް މާ ބޮޑު ރައްދެއް ދިނުމުގެ އަސްކަރީ ގާބިލުކަންހުރި ގައުމުތަކެއް ނޫނެވެ. އަނެއްކޮޅުން އެ ގައުމުތަކުގެ އިގުތިސާދުގެ ލޭނާރުކަމަށްވާ ތެލުގެ މަރުކަޒުތައް ހަލާކުކޮށްލުމަކީ އިސްރާއީލަށް ނޫނީ އެމެެރިކާއަށް އެހީތެރިވެއްޖެ ހާލަތެއްގައި އީރާނަށް ވަރަށް ފަސޭހައިން ކުރެވިދާނެކަމެކެވެ.

އެހެން ގައުމެއްގެ ވައިގެ ތެރޭގައި އުދުހުމުގެ ފުރުސަތު ނުލިބި އަދި އެހެން ގައުމެއްގެ ވައިގެ ޖައްވުގައި ތެޔޮ އެޅުމުގެ ފުރުސަތު ނުލިބި އިސްރާއީލުގެ ޖެޓްތަކަށް އީރާނަށް ބޮމެއް ނޭޅޭނެއެވެ. އެއީ، އީރާނާއި އިސްރާއީލާ ދެމެދު 2،000 ކިލޯމީޓަރުގެ ދުރުމިން ހުންނާތީއެވެ.

comment ކޮމެންޓް