އަސްލަމް ހުންނެވީ ޖޭއެސްސީ ހިޞާރުކޮށްގެން: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަޖިލީހުގައި: -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ހުންނެވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިޞާރުކޮށްގެން ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިފަދައިން ޝިޔާމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ޝަރީއަތް ހުކުމާ ހަމައިން ހުއްޓިފައި އޮތް މައްސަލަ ބަލަން، ޖޭއެސްސީއަށް މިއަދު ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަސްލަމް ރޭ ވިދާޅުވުމާ ގުޅިގެން އެ މަނިކުފާނަށް ރައްދު ދެއްވަމުންނެވެ.

މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ އަސްލަމް އޭރުވެސް މިހާރުވެސް ހުންނެވީ ފުއްގަނޑެއް މޮޑޭހެން ޖޭއެސްސީ ހިޞާރުކޮށްގެން ކޯޓުތަކަށް ނުފޫޒުފޯރުވަން ކަމަށެވެ.

"އަޅުގަނޑުމެން 21 އޭޕްރީލްގައި ތިކަން ނިމުމަކަށް ގެންނާނަން." މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ރޭ ވިދާޅުވި ވާހަކައަށް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާޢު ވެސް ވަނީ ރައްދު ދެއްވައިފައެވެ.

ޝުޖާޢު ވިދާޅުވީ ރައީސް ޔާމީންގެ މައްޗައް އިއްވާފައިވާ "ހަރާމް" ހުކުމް މައްސަލާގައި އަސްލަމާ ކުރިން ބައްދަލު ކުރެއްވި ކަމަށެވެ. އޭރު އަސްލަމް ވިދާޅުވީ ޔާމީން އޮންނަވަން ޖެހޭނީ ޖަލުގައި ކަމަށް ސުޖާއު ވިދާޅުވިއެވެ.

"ތިބޭފުޅާ އާވެސް އަޅުގަނޑުމެން ގޮސް ވާހަކަ ދެއްކީމޭ ތިބޭފުޅާގެ ވެރިކަމުގައި. ދެއްވި ޖަވާބު ކަންފަތުގަ އެބަހުއްޓޭ ހަރުލާފަ. ތިބޭފުޅާ އެ ދުވަހު ވިދާޅުވީ ރައީސް ޔާމީން އޮންނަންޖެހޭނީ ޖަލުގައި ކަމަށް. ގެއަށް ބަދަލު ކުރެވޭނީ [ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް] އިބޫއަށް ދެވަނަ ދައުރެއް ލިބުނީމަކަމަށް. ނަމަވެސް މިނިވަނެއް ނުކުރެވޭނެ ކަމަށް. މިއަދު ވެސް ތިބޭފުޅުންގެ އަތުގައި ބާރު އޮތީ." ޝުޖާޢު ވިދާޅުވިއެވެ.

މި ފަހުން ރައީސް ސަންއަށް ދެއްވި އިންޓަވިއޫއެއްގައި ޔާމީން މިނިވަން ކުރުމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް މުއިއްޒު ވިދާޅުވީ ޔާމީން މިނިވަން ކުރެއްވުމަށް އެމަނިކުފާން ވެވަޑައިގެންނެވި ވައުދާ ހިލާފުވެވަޑައިނުގަންނަވާ ކަމަށެވެ. އެ މަނިކުފާން ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލާފައިވާ ކަމަށާއި އެހާ ހިސާބުން ޔާމީން މިނިވަން ވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ޔާމީންގެ މައްސަލާގައި ގޮތެއް ނިންމުމުގެ ހުރިހާ ބާރެއް މިހާރު އޮތީ ޝަރުއީދާއިރާގައި ކަމަށް ވެސް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް