އީރާނުން އިސްރާއީލަށް ރައްދު ދޭނެކަމަށް ބަލައި އިސްރާއީލުގެ ދިފާއުގައި އެމެރިކާ ބާރުގަދަ މަނަވަރެއް ފޮނުވައިފި

އިސްރާއީލުގެ ހިމާޔަތުގައި އެމެރިކާ ފޮނުވި ބާރުގަދަ މަނަވަރު އިސްރާއީލުގައި ބަނދަރުކުރަނީ

ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އީރާނުގެ 5 ޑިޕްލޮމެޓުންނާއި އަސްކަރީ ދެ ކޮމާންޑަރުން އަވަހާރަކޮށްލި ޓެރަރިސްޓް ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން ކުރިޔަށްއޮތް 24 ގަޑީއިރު ތެރޭގައި އީރާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް އެމެރިކާ ބުނެފިއެވެ.

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ ދެ މަސްއޫލުވެރިއަކު "ސީބީއެސް ނިއުޒް" އަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ ޖާސޫސީ މައުލޫމާތުތަކަށް ބަލާއިރު އީރާނުން އިސްރާއީލަށް ހަމަލާދޭނީ 100 އަށްވުރެ ގިނަ ޑްރޯންއާއި އީރާނުގައި އުފައްދާ އެންމެ ސޮފިސްޓިކޭޓެޑް އަދި އެކިއުރޭޓެޑް ބަލިސްޓިކް މިސައިލްގެ ގިނަ އަދަދެއްގެ މިސައިލް އެއްފަހަރާ ފޮނުވާލައިގެންނެވެ.

މި ހަމަލާތައް ކުރިޔަށްއޮތް 24 ގަޑީއިރު ތެރޭގައި ނޫނީ 48 ގަޑީއިރު ތެރޭގައި އީރާނުން ދޭނެކަމަށް ވެސް އެމެރިކާގެ އެ ދެ މަސްއޫލުވެރިން ވިދާޅުވިއެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ މައުލޫމާތު އެމެރިކާއާއި އިސްރާއީލަށް ކުރިން ރޭކާ ނުލުމާއި އަދި އިރާގާއި އަފްޣާނިސްތާނު ފަދަ ގައުމުތަކާ ބެހޭގޮތުން ފާއިތުވި އަހަރުތަކުގައި އެމެރިކާ ހާމަކޮށްފައިވާ ޖާސޫސީ ގިނަ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކަކަށް ނުވުމުން އެ ދެ ގައުމުގެ ޖާސޫސީ މައުލޫމާތުތަކުގެ އިތުބާރު މިހާރު އެހާ ބޮޑެއްނޫނެވެ.

އެމެރިކާގެ މި މައުލޫމާތާ ބެހޭގޮތުން އީރާން އެއްޗެއް ބުނެފައެއް ނުވެއެވެ. އީރާން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކަށް އެގައުމުން ރައްދު ދޭނެއެވެ. ނަމަވެސް ރައްދުދޭނެ ގޮތަކާއި ރައްދު ދޭނެ ތަނަކާއި އަދި ވަގުތު ކަނޑައަޅާނީ އީރާނުންކަމަށާއި އެކަން އިސްރާއީލަށާއި އެމެރިކާއަށް ނޭނގޭނެ ކަމަށް ވެސް އެ ގައުމުން ބުނެފައިވެއެވެ.

އީރާނުގެ ބަލިސްޓިކް މިސައިލެއް

އެމެރިކާވަނީ އިސްރާއީލުގެ އައްސޭރިފަށުގައި އިސްރާއީލު ދިފާއުކުރުމަށް ޓަކައި މިސައިލުން ދިފާއުވުމަށް ޚާއްސަ މަނަވަރެއް ބާއްވާފައެވެ. އަނެއްކޮޅުން އިސްރާއީލުގެ މީޑީއާ ބުނާގޮތުން ބަދަލު ހިފުމުގެ ގޮތުން އީރާން ދޭނެކަމަށް ބެލެވޭ ރައްދު ހަމަލާއަށްފަހު އީރާނަށް އަލުން ހަމަލާ ދިނުމަށް އެ ގައުމުގެ ސިފައިންނާއި ޖާސޫސީ އިދާރާ "މޫސާދު" ގުޅިގެންވަނީ ވަރަށް ވަރުގަދަ ޕްލޭނެއް އެކުލަވާލާފައެވެ.

މި ޕްލޭންގައި ހަމަލާދޭނެ އީރާނުގެ ހައްސާސް ތަންތަން ވެސް ފާހަގަކޮށްފައިވާކަމަށް އިސްރާއީލުން ބުނެއެވެ. އީރާނަކީ އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ގިނަ އަދަދެއްގެ އެކިއުރޭޓް ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލާއި ސޮފިސްޓިކޭޓެޑް ޑްރޯން އުފައްދާފައިވާ ގައުމެކެވެ.

އިސްރާއީލަކީ ކުރިން އެ ގައުމަށް އެއްވެސް ފަރާތެއްގެ ހަމަލާއެއް ނަރާވަރުގެ ބާރުގަދަ އަދި މާމޮޅު ގައުމެއްކަަމަށް ޕްރޮޕަގެންޑާކުރި ގައުމެކެވެ. ނަމަވެސް ކުވައިތު ހަނގުރާމައިގާ އިރާގުން ފޮނުވާލި ބޯދާ މަރުކާގެ ބައު ސްކަޑް މިސައިލްތައް އިސްރާއީލުގެ އެތަންމިތަނަށް އަރައި އިސްރާއީލުގެ އެތަށް ބަޔަކު މަރުވުމުން އިސްރާއީލުގެ މި ޕްރޮޕަގެންޑާގެ ހަގީގަތާމެދު ބޮޑެތި ސުވާލުތަކެއް އުފެދުނެވެ.

އަނެއްކޮޅުން ހަމާސްގެ އެތައް ސަތޭކަ ހަމަލާތައް ވެސް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށާއި އެ ނޫން ތަންތަނަށް ވެސް އެރުމާއި ހިޒްބުﷲ ޖަމާއަތުން ދޭ އެތައް ސަތޭކަ ހަމަލާތައް ވެސް އިސްރާއީލަށް އެރުމާއި އިރާގުގެ ޖަމާއަތްތަކުން ދޭ ހަމަލާތައް ވެސް އިސްރާއީލަށް އެރުމުން އިސްރާއީލުގެ ހަގީގަތްވަނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ.

އެމެރިކާ ދީފައިވާ ބޮންއަޅާ ޖެޓްތައް ނެތްނަމަ އިސްރާއީލަކީ ހަމާސްގެ މުޖާހިދުން ފަސޭހައިން ހިފާނެ ގައުމެއްކަން ޣައްޒާގެ ހަނގުރާމައިން ވެސް ވަނީ ހާމަވެފައެވެ. އަދި އެމެރިކާގެ ޒަމާނީ ޓޭންކްތަކާއި ޒަމާނީ ތަފާތު ހަތިޔާރާއި ޖާސޫސީ އެހީތެރިކަމާއި ހުރިހާ ވަސީލަތްތަކާއެކު ވެސް ބިންމަތީ ހަނގުރާމައިގާ އިސްރާއީލު ބަލިކަށި މިންވަރު ވެސް ވަނީ ޣައްޒާގެ ހަނގުރާމައިން ހާމަވެފައެވެ.

އިސްރާއީލުގެ ނިއުކްލިޔާ ސައިޓްތައް ހިމެނޭގޮތަށް އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް ހަމަލާދެވޭނެ ހަ ބާވަތެއްގެ މިސައިލް އީރާނުގައި ގިނަ އަދަދަކަށް އެބަހުއްޓެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އެމެރިކާގައި އުފައްދާފައިވާ ސޮފިސްޓިކޭޓެޑް އެންޓި މިސައިލް ބެޓްރީތައް ބޭނުންކޮށްގެން މީގެތެރެއިން ގިނަ މިސައިލްތަކެއް އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލުމުގެ ގާބިލްކަން އެމެރިކާގެ އެހީގައި އިސްރާއީލު ވަނީ ވަރަށް ބޮޑަށް ހޯދާފައެވެ.

މިއާ ޚިލާފަށް އިސްރާއީލުން ދީފާނެ ހަމަލާތަކުން ދިފާއުވުމުގެ ގާބިލުކަން އީރާނުގައި ނިސްބަތުން ކުޑައެވެ. އެއީ އީރާނަކީ އިސްރާއީލާ ޚިލާފަށް އެހެން ގައުމަކަށް ބަރޯސާނުވެ އަމިއްލަ ޓެކްނޮލޮޖީގައި ހަތިޔާރު އުފައްދާ ގައުމަކަށްވާތީ އެމެރިކާ އުފައްދާފައިވާވަރުގެ އެންޓި މިސައިލް ސިސްޓަމްތައް އީރާނުގައި ނެތުމުންނެވެ.

އީރާނުގެ ދުރުރާސްތާގެ މިސައިލެއް

މުހައްލިލުން ވިދާޅުވާގޮތުގައި އިސްރާއީލުގެ ބޭނުމަކީ ޣައްޒާގައި ލިބެމުންދާ އަސްކަރީ ނާކާމިޔާބީތައް ފޮރުވުމަށާއި ޣައްޒާގެ އާންމުން މަރަމުންދިޔުމުގެ ސަބަބުން އިސްރާއީލަށް ކުރިމަތިވެފައިވާ ފިއްތުންތަކުން ސަލާމަތް ވުމަށް ޓަކައި އީރާނާއި އެމެރިކާ ކުރިމަތިލުމަކާ ދިމާއަށް ގެންދިއުމެވެ.

އެމެރިކާ ލައްވައި އީރާނަށް ގަދަފަދަ ޙަމަލާތަކެއްދީ އީރާނުގެ ނިއުކްލިޔާ ސައިޓްތަކާއި ސިނާއީ ސައިޓްތަކަށް ބޮންއަޅައި އެތަންތަން ހަލާކުކޮށް އީރާން އިނދަޖައްސާލާށެވެ. އެމެރިކާގެ ނުފޫޒުގެ ދަށުގައިވާ ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކަކީ އީރާން ހަލާކުކޮށްލަން ބޭނުންވާ ގައުމުތަކަކަށްވާތީ އިސްރާއީލުން ނޫނީ އެމެރިކާއިން އީރާނާދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ އެގައުމުތަކުގެ ތާއީދުވެސް އެމެރިކާއާއި އިސްރާއީލަށް ލިބޭނެކަމަށް އިސްރާއީލު ދެކެއެވެ.

އީރާނަށް މިހަގީގަތްތައް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އެމެރިކާއާ ނޫނީ އިސްރާއީލާ ސީދާގޮތެއްގައި ކުރިމަތިލާން ބޭނުން ނުވާކަން އެގައުމުގެ އަމަލުތަކުން ދޭހަވެއެވެ. އީރާނަށް ނުސީދާ ގޮތެއްގައި އިސްރާއީލުން ގިނަ ޙަމަލާތަކެއް ދޭއިރުވެސް އީރާން މިކަމަށް ރައްދު ދެނީ މިހުރިހާ ހަގީގަތްތަކަށް ވިސްނައިގެންނެވެ. އީރާނުން ރައްދު ހަމަލާދެނީ ޑްރޯން ބޭނުންކޮށްގެން އަދި ހޫޘީން ބޭނުންކޮށްގެން އިސްރާއީލުގެ އާގު ބޯޓުތަކަށާއި ހިޒްބުﷲ ލައްވައި އިސްރާއީލުގެ އެކިތަންތަނަށެވެ.

ނަމަވެސް އަމަލީގޮތުން އީރާނަކީ ވެސް މެދުއިރުމަތީގެ ކޮންމެ ތަނަކަށް ހަމަލާދެވޭވަރުގެ އެތައް ލައްކަ މިސައިލެއް ހުރިގައުމެކެވެ. އީރާނުގެ މިސައިލްތަކުގެ ބާރުގަދަކަން އެމެރިކާ ވެސް ގަބޫލުކުރެއެވެ. އީރާނަކީ އެގައުމުގެ ގައުމީ މަސްލަހަތަށް ނުރައްކާވެއްޖެ ހާލަތެއްގައި ގަލްފުގެ ތެލުގެ ހުރިހާ މަރުކަޒުތަކެއް ހަލާކުކޮށްލައި އަދި ގަލްފުން ތެޔޮބޭރުކުރުން ހުއްޓުވުމުގެ ގާބިލްކަން ހުރި ގައުމެއް ކަން ވެސް އެމެރިކާ ވެސް އަދި އިސްރާއީލު ވެސް ދަނެއެވެ.

އީރާނަކީ ރާޑަރަށް ނާރާ އަދި ވައްޓާ ވެސް ނުލެވޭ އަޑަށްވުރެ އަށް ގުނަ ބާރަށް ދަތުުރުކުރާ ހައިޕާސޮނިކް މިސައިލް ވެސް އުފައްދާ ގައުމެކެވެ. މީގެ އަހަރެއްހައި ދުވަސްކުރިން އީރާންވަނީ ހައިޕާސޮނިކް މިސައިލެއް ތަޖުރިބާކޮށްފައެވެ.

އީރާނަށް ގަދަފަދަ ހަމަލާތަކެއް ދީފިނަމަ ދުނިޔޭގޭ ބާޒާރުގައި ތެލުގެ އަގު ރަނަށްވެ އެމެރިކާގެ އިގްތިސާދަށް ގެއްލުންވާ ހިސާބަށް ކަންތައްދާނެކަން އެމެރިކާއަށް އެނގޭތީ އެމެރިކާ ވެސް އީރާނާދެކޮޅަށް މިފަދަ ހަނގުރާމައަކަށް ވަންނާނެކަމަށް ނުބެލެވޭކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ. އަދި މިފަދަ ހާލަތެއްގައި އޭގެ ނާޖާއިޒު ފައިދާ ރަޝިއާއި ޗައިނާ ނަގާނެކަމުގެ ބިރު ވެސް އެމެރިކާ އިހްސާސްކުރާ ކަމަށް މި ފަރާތްތަކުން ދެކެއެވެ.

ކުރިޔަށް އޮތް 24 ގަޑީއިރު ތެރޭގައި ނޫނީ 48 ގަޑީއިރު ތެރޭގައި އީރާނުން ރައްދު ހަމަލާތައް އިސްރާއީލަށް ދޭނެކަމަށް އެމެރިކާ ބުނުމަކީ އީރާނުން ހަމަލާތައް ދޭނެ ވަގުތު ވެސް އަދި ހަމަލާ ދޭނެ ގޮތް ވެސް ބަދަލުކުރާނެކަމެއްކަމަށް މުހައްލިލުން ފާހަގަ ކުރައްވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް