އެސްޑީއެފްސީ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަނީ

އެސްޑީއެފްސީ -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު، ލޯނު ދޫކުރި ތާރީޚުން ފެށިގެން 10 އަހަރަށް އިތުރު ކޮށްދިނުމަށް ނިންމައިފިއެވެ.

އެސްޑީއެފްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޢީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ހަފުތާގައި، ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ އިންޓެރެސްޓު މައާފްކޮށްދިނުމުން އަންނަ ބަދަލު ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރާނެކަމަށެވެ.

މިހާތަނަށް އިންޓެރެސްޓިގެ ގޮތުގައި ދައްކާފައިވާ ފައިސާ ލޯނުގެ ޕްރިންސިޕަލް އަދަދުން އުނި ކުރާނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ. އަދި މިގޮތަށް އުނި ކުރުމުން އެއްވެސް ފައިސާއެއް ލޯނުގެ ޕްރިންސިޕަލަށް ވުރެ އިތުރަށް ދެއްކިފައި ވާނަމަ އެ ފައިސާ ވެސް ރައްދު ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެސްޑީއެފްސީން ބުނީ މިހާތަނަށް މި ލޯނު ދައްކައި ޚަލާސްކޮށްފައިވާ މީހުން އިންޓެރެސްޓްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ދޭނެ ކަމަށެވެ.

އެސްޑީއެފްސީ ލޯނުތައް މާފުކުރިކަން ރައީސް އިއުލާނު ކޮށްފައި ވަނީ ރޭ ލ. ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ އެއްގައެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ ކޮވިޑްގެ ތެރޭގައި ވަރަށް ގިނަ މީހުން ހާލުގައި ޖެހި، ލޯނުތައް ނެގި ކަމަށެވެ. އަދި އެ ލޯންތަކުގެ އިންޓްރެސްޓް އަރަމުން ގޮސް މިހާރު ރައްޔިތުންނަށް ނުކަތާ ހިސާބަށް ގޮސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/190799

"ކޮވިޑްގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް ސަރުކާރުން މާފުކުރަން މިހާރު މި އޮތީ ނިންމާފައި. ދެން އެ ލޯނު ނެގި ފަރާތްތަކުން އީދު ބަންދަށް ފަހު ހުޅުވޭ ދުވަހުން ފެށިގެން އެސްޑީއެފްސީ ބޭންކަށް އެޕްލައި ކުރީމަ އެ އޮންނަ އެޕްލިކޭޝަނެއް ފުރިހަމަ ކޮށްފައި އެގްރިމެންޓް ހެދީމަ އިންޓްރެސްޓް މަފުވާނެ،" ރައީސް ވިދާޅުވިއެވެ.

މި ލޯނުތަކުގެ އިންޓެރެސްޓް މާފު ކުރާނޭކަން ކުރީ ސަރުކާރުން ވެސް ވަނީ އިއުލާނު ކޮށްފައެވެ. ނަމަވެސް ރައީސް ރޭ ވިދާޅުވީ އެ އިއުލާނާ އެއްގޮތަށް އަމަލު ކޮށްފައި ނުވާކަމަށެވެ.

comment ކޮމެންޓް