ލެވަކޫސެން އާއި ވެސްޓް ހޭމްގެ ފުރަތަމަ ކުރިމަތިލުން ލެވަކޫސެން ކާމިޔާބުކޮށްފި

ވެސްޓް ހޭމް ބަލިކޮށް ސެމިފައިނަލަށް ދިއުމުގެ ފުރުސަތު ލެވަކޫސެންއިންވަނީ ބޮޑުކޮށްފަ / ފޮޓޯ: ޔޫރޯ ސްޕޯޓް

ޔުއޭފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލްގައި ބަޔާ ޒީރޯ ފޯ ލެވަކޫސެން އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި ފުރަތަމަ ލެގު ލެވަކޫސެންއިން ކާމިޔާބު ކޮށްފިއެވެ.

ލެވަކޫސެންގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެވަކޫސެންއިންނެވެ. ނަމަވެސް މިއާއެކުވެސް ވެސްޓް ހޭމްގެ ޑިފެންސް ފޫއަޅުވާލުމުގައި ލެވަކޫސެންގައި މިމެޗުގައި ގިނަ ދަތިތަކަކާ ކުރިމަތިވިއެވެ.

މިމެޗަށް ވެސްޓް ހޭމް އިން ކުރިމަތިލާފައިވަނީ ރަނގަޅަށް ޑިފެންޑްކޮށް ލިބޭ ފުރުސަތުތަކުގައި ކައުންޓާ އެޓޭކްގައި ލެވަކޫސެންގެ ގޯލަށް ހަމަލާ ދިނުމަށް ވިސްނައިގެންނެވެ. މިގޮތުން ވެސްޓް ހޭމްގެ ގޭމް ޕްލޭ މެޗުގެ ބޮޑުބައިގައި މަސައްކަތް ކޮށްފައިވާކަން ފާހަގަވިއެވެ.

މިމެޗުގައި ލެވަކޫސެން އިން ވަނީ ގިނަ ހަމަލާ ތަކެއް އުފައްދާފައެވެ. ނަމަވެސް މިއާއެކުވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ވެސްޓް ހޭމްގެ މުހަންމަދު ކުޑޫސް އަށެވެ. މިކައިލް އެންޓޯނިއޯ ތަނަވަސް ކޮށްދިން ފުރުސަތުގައި ކުޑޫސް ފޮނުވާލި ހަމަލާ ދިޔައީ ލެވަކޫސެންގެ ކީޕަރު މަޓެއި ކޮވާ އާ ދިމާލަށެވެ.

މިމެޗުގައި ލެވަކޫސެން އިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޔޯނަސް ހޮފްމަންއެވެ. އަދި އެޓީމުން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޖަހައިދިނީ ވިކްޓާ ބޮނިފޭސްއެވެ.

މިކާމިޔާބީއާއެކު މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގަށް ކުރިމަތި ލާއިރު ލެވަކޫސެންއިން މިވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. މިއަންނަ ހަފުތާގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ވެސްޓް ހޭމްގެ ދަނޑުގައެވެ. އަދި މިކާމިޔާބީއާއެކު ލެވަކޫސެން މިހާރުވަނީ ބަލިނުވެ 42 މެޗު ހަމަކޮށްފައެވެ. އެހެން ކަމުން ވެސްޓް ހޭމްއަށް މިސީޒަންގައި މިހާތަނަށް ބަލިވެފައިނުވާ ލެވަކޫސެން ބަލިކުރުން ފަސޭހަ ކަމަކަށް ނުވާނެއެވެ.

މިކުއާޓާ ފައިނަލް ކާމިޔާބު ކުރާ ޓީމެއް މިމުބާރާތުގެ ސެމީފައިނަލްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިޓަލީވުލާތުގެ ބޮޑު ދެބާރު ކަމަށްވާ އޭސީ މިލާން އާއި އޭއެސް ރޯމާ ބައްދަލުކުރާ ކްއާޓާ ފައިނަލް ކާމިޔާބު ކުރާ ޓީމަކާއެވެ.

މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު މިލާންގެ ދަނޑުގައި ކުޅެ އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ރޯމާއެވެ. މިމެޗުގައި ރޯމާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ޖަހައިދިނީ ޖިއާންލޫކާ މަންޗީނީއެވެ.

މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ރޯމާގެ ދަނޑުގައި ކަމުން ސެމިފައިނަލަށް ދިއުމުގެ ފުރުސަތު މިހާރު ބޮޑުކަމަށް ގިނަ ބަޔަކު ގަބޫލް ކުރަނީ ރޯމާއެވެ. ނަމަވެސް މިލާންއިން މިސީޒަންގައި އިޓާލިއަން ސެރިއާގައި މިލާންއިން ރޯމާ ދެފަހަރު ބަލިކޮށްފައިވުމުން ރޯމާގެ ދަނޑުގައި ރޯމާ ބަލިކުރުމުގެ ފުރުސަތު މިލާންއަށް އެބައޮތެވެ.

comment ކޮމެންޓް