ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް އެކެއްގައި ގްރޫޕްގެ އެންމެ ފުލުގައި އޮތް ސްކޮޓްލަންޑުން ޕޯޗުގަލް މޮޅުވިޔަނުދީ ހިފަހައްޓާލައިފިއެވެ.
ސްކޮޓްލަންޑްގައި ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.
މެޗުގެ ހަތަރުވަނަ މިނެޓުގައި ސްކޮޓްލަންޑްގެ ސްކޮޓް މެކް ޓޮމިނޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރާ ދިމާލަށެވެ.
މެޗުގައި ޕޯޗުގަލްއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ސްކޮޓްލަންޑްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ. ޖުމުލަ 133 ލަނޑު ޤައުމީ ޓީމަށް ކާމިޔާބުކޮށްދީ ޤައުމީ ޓީމަށް 200 ވަނަ މެޗު ކުޅެމުންދިޔަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް ސްކޮޓްލަންޑްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުން ސްކޮޓްލަންޑް ބަލިވިނަމަ އެ ޓީމު ވެގެންދާނީ ޖެހިޖެހިގެން ފަސް މެޗުން ބަލިވި ސްކޮޓްލަންޑްގެ ފުރަތަމަ ޓީމަށެވެ. އެހެންކަމުން ގްރޫޕްގެ އެއްވަނައިގައި އޮތް ޕޯޗުގަލް މޮޅުވިޔަނުދީ ހިފަހައްޓާލެވުން މިއީ އެ ޓީމަށް ރަނގަޅު ނަތީޖާއެކެވެ. ނަމަވެސް، މެޗު އެއްވަރުވުމާ އެކު ސްކޮޓްލަންޑަށް އެ ޓީމު އެންމެ ފަހުން ކުޅުނު 16 މެޗުން މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.
މި ނަތީޖާއާ އެކު ޕޯޗުގަލް މިހާރު އޮތީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި، ސްކޮޓްލަންޑް އޮތީ މެޗުން ލިބުނު ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ފުލުގައެވެ.
ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ ކްރޮއޭޝިއާއާއި ޕޯލަންޑް ބައްދަލުކުރި މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ޕޯލަންޑްގައި ކުޅުނު މިމެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗު ޕޯލަންޑުން ވަރަށް ފޯރިއާ އެކު ފެށި ނަމަވެސް ކްރޮއޭޝިއާއިން ވަނީ ފަހަތުން އަރާ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށް، ޕޯލަންޑަށް ލީޑު ނަގައިދިނީ ޕިއޮޓްރޭ ޒިއެލިންސްކީއެވެ. ނަމަވެސް، ކްރޮއޭޝިއާއިންވަނީ މެޗުގެ 19 ވަނަ މިނެޓުގައި ބޯނާ ސޮސާ ކާމިޔާބުކޮށްދިން ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ 24 ވަނަ މިނެޓާއި 26 ވަނަ މިނެޓުގައި ޕެޓާ ސުސިޗް އަދި މާޓިން ބަޓުރީނާ ކާމިޔާބުކޮށްދިން ދެ ލަނޑާ އެކު ކްރޮއޭޝިއާއިން މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މެޗުގައި ޕޯލަންޑްގެ ދެވަނަ ލަނޑު 45 ވަނަ މިނެޓުގައި ނިކޮލާ ޒަލޭވްސްކީ ކާމިޔާބުކޮށްދިންއިރު މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 68 ވަނަ މިނެޓުގައި ސެބަސްޓިއަން ޒިމާންސްކީއެވެ. މެޗުގެ 76 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ޑޮމިނިކް ލިވާކޮވިޗަށް ވަނީ ރަތްކާޑު ވެސް ދައްކާފައެވެ.
މެޗު އެއްވަރުވުމުން ކްރޮއޭޝިއާ މިހާރު އޮތީ ހަތަރު މެޗުން ލިބިފައިވާ ހަތް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައެވެ. އަދި، ޕޯލަންޑް އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ.