އިންގްލަންޑްގެ ކޯޗު ކަމާ ހަވާލުވެވޭތީ ވަރަށް ފަހުރުވެރިވޭ: ޓުކެލް

ތޯމަސް ޓުކެލް: އިންގްލަންޑްގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވަލުވެވޭތީ ވަރަށް ފަހުރުވެރިވާކަމުގައި އޭނާ ބުނޭ -- ފޮޓޯ/ އޭޕީ

އިންގްލަންޑްގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވަލުވެވޭތީ ވަރަށް ފަހުރުވެރިވާކަމުގައި ޖަރުމަނުވިލާތުގެ ކޯޗު ތޯމަސް ޓުކެލް ބުނެފިއެވެ.

އިންގްލަންޑްގެ ފުޓްބޯލް އެސޯސިއޭޝަނުންވަނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެނިގެން އިންގްލަންޑްގެ ކޯޗު ކަމާ ޓުކެލް ހަވަލުވާކަން ހާމަކޮށްފައެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އޭނާ ވަނީ އިންގްލަންޑްގެ އެފްއޭއާއެކު 18 މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއާއެކު އޭނާ ވެފައިވަނީ އިންގްލަންޑްގެ ކޯޗު ކަމާ ހަވަލުވާ އިނގިރޭސިވިލާތަށް ނިސްބަތްނުވާ ތިންވަނަ ކޯޗަށެވެ. އަނެއް ދެ ކޯޗުންނަކީ ސްވިޑްންގެ ސުވެން ގޯރާން އެރިކްސަން އާއި އިޓަލީވިލާތުގެ ފަބިއޯ ކަޕެއްލޯއެވެ.

ޓުކެލް ހާމަކުރިގޮތުގައި އިންގްލަންޑް ޓީމާ ހަވާލުވުމުގެ ޝަރަފު އޭނާއަށް ދިނުމުގެ ވަރަށް ފަހުރުވެރިވެއެވެ. އަދި އިންގްލަންޑްގެ ފުޓްބޯޅަ އާއި އޭނާއާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމުގެ އިހްސާސް އޭނާއަށް ކުރެވޭތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި މިހާރުވެސް އެ ޓީމަށް ރަނގަޅު ކާމިޔާބީތަކެއް ހާސިލް ކުރެެވިފައިވާކަމަށް އޭނާ ބުންޏެވެ.

ޓުކެލް އިޝާރާތް ކޮށްފައިވަނީ އޭނާ ޗެލްސީގެ ކޯޗު ކަމުގައި ހުރެ ހޯދި ކާމިޔާބީތަކަށެވެ. އަދި އިންގްލަންޑް ޓީމުގައި ތިބި ޒުވާން ހުނަރުވެރި ކުޅުންތެރިންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ލިބޭ ހިތްހަމަ ޖެހުން އިތުރު ކަމަށްވެސް ޓުކެލް ބުންޏެވެ.

އިންގްލަންޑް އެފްއޭގެ ޗީފް އެގްޒެކެޓިވް މާކް ބުލިންހަމް ބުނީ އެފަރާތުން އިންގްލަންޑް ޓީމަށް ގެނެސްފައިއެވަނީ ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކޯޗު ކަމަށެވެ. އަދި ޓުކެލް އާއި އޭނާގެ ޓީމަކީ 2026 ވަނަ އަހަރުގެ ވާލްޑް ކަޕް ކާމިޔާބު ކޮށްދިނުމަށް އިންގްލަންޑަށް މިވަގުތު އޮތް އެންމެ ރަނގަޅު ޓީމް ކަމަށް ބުލިންހަމް ބުންޏެވެ.

އިންގްލަންޑުން 1966 ވަނަ އަހަރު އަމިއްލަ ފަސްގަނޑުގައި ބޭއްވި ވާލްޑް ކަޕް ކާމިޔާބު ކުރި ފަހުން އެ ޓީމަށް މިހާތަނަށް ބައިނަލްއަގުވާމީ މައިދާނުގައި ތަށްޓެއް ކާމިޔަބު ކުރެވިފައެއް ނުވެއެވެ.

ދެހާސް ސައްބީސް ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ ވާލްޑް ކަޕްގެ ޔޫރަޕްގެ ކޮލިފައިން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރެވެ.

އިންގްލަންޑްގެ އެފްއޭއިންވަނީ އިންގްލަންޑްގެ ކޯޗު ކަމަށް އައުމަށް ޝައުގުވެރިކަން ހުރިތޯ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކައިރިންވެސް ސާފުކޮށްފައެވެ. އަދި ނިއުކާސްލް ޔުނައިޓެޑްގެ ކޯޗު އެޑީ ހޯވް އާއި ޗެލްސީގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ ވެސް އެ މަގާމަށް ގެނައުން އެކަށީގެންވާ މީހުންގެ ލިސްޓުގައި މީގެކުރިން ހިމަނައިފައިވެއެވެ.

އިންގްލަންޑްގެ އެފްއޭއިން ހާމަކުރިގޮތުގައި އެފަރާތުން އިންޓަވިއު ކުރި ގިނަ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކަމުދިޔަ ކޯޗަކީ ޓުކެލްއެވެ. އަދި އެފްއޭގެ ބޯޑުން ޓުކެލް އެމަގާމަށް ގެނައުމަށް މިދިޔަ ހަފުތާގައިވަނީ ނިންމައިފައެވެ.

ޓުކެލްވަނީ މިމަހުގެ އަށް ވަނަ ދުވަހު އެގްރީމަންޓްގައި ސޮއި ވެސް ކޮށްފައެވެ.

comment ކޮމެންޓް