އެޓަލާންޓާއިން ލިވަޕޫލް ބަލިކޮށް ގިނަ ބަޔަކު ހައިރާންކޮށްލައިފި

އެޓަލާންޓާގެ ތިންވަނަ ލަނޑު ޕަސަލިޗް ކާމިޔާބު ކުރަނީ / ފޮޓޯ: ފްލޭޝްސްކޯ ޑޮޓް ކޮމް

ޔުއޭފާ ޔޫރޮޕާ ލީގު ކްއާޓާ ފައިނަލްގައި ލިވަޕޫލާއި އެޓަލާންޓާ ބައްދަލުކުރި ފުރަތަމަ ލެގު އެޓަލާންޓާއިން ކާމިޔާބުކޮށް ގިނަ ބަޔަކު ހައިރާންކޮށްލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓަލާންޓާއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ލިވަޕޫލުގެ ފަރާތުން އާންމުކޮށް އެޓީމުގެ ފަރާތުން ފެންނަ މޮޅު ކުޅުން ނުފެނުކަން ފާހަގަވިއެވެ.

މިމެޗަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ، އެޓީމު އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑާ ބައްދަލުކޮށް އެއްވަރުވި މެޗުގައި ނެރުނު ޓީމާ އަޅައިބަލާއިރު ހަ ބަދަލެއް ގެނެސްފައެވެ. ނަމަވެސް މިމެޗުން އެޓަލާންޓާ މޮޅުވެފައިވަނީ ހަމައެކަނި ލިވަޕޫލަށް ރަނގަޅަށް ނުކުޅެވުމުގެ އިތުރުން އެޓަލާންޓާއިން މޮޅު ކުޅުމެއް ދެއްކުމުގެ ސަބަބުންނެވެ.

މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދަފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް އެޓީމުން އުފެއްދި އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗުގެ ފުރަތަމަ ލަނޑު އެޓަލާންޓާއިން ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 38 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖިއާންލޫކާ ސްކަމަކާއެވެ. ފުރަތަމަ ހާފު މިނަތީޖާގައި އޮވެގެން ނިމުނު އިރު ގިނަ ބަޔަކަށް ހީވީ ދެވަނަ ހާފުގައި ލިވަޕޫލްގެ ކުޅުން ރަނގަޅުކުރާނެކަމަށެވެ. ނަމަވެސް އެކަން އެހެން ވުމުގެ ބަދަލުގައި މެޗުގެ 60 ވަނަ މިނެޓުގައި ފެނުނީ ސްކަމަކާ މިމެޗުގައި ޖެހި ދެވަނަ ލަނޑާ އެކު އެޓަލާންޓާއިން އެޓީމުގެ ލީޑު ފުޅާކުރި ތަނެވެ.

މިމެޗުގައި އެޓަލާންޓާއިން ކާމިޔާބު ކުރި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާރިއޯ ޕަސަލިޗްއެވެ. މިމެޗުގައި ލިވަޕޫލްގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިދެޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހަފުތާގެ ބުރާސްފަތި ދުވަހު އެޓަލާންޓާގެ ދަނޑުގައެވެ. އެހެން ކަމުން މިމުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދުމުގެ ފުރުސަތު މިހާރު ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލް ކުރަނީ އެޓަލާންޓާއެވެ.

ލިވަޕޫލް މިމުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދާނަމަ ހަތަރު ލަނޑުގެ ތަފާތުން އެމެޗު ކާމިޔާބު ކުރަން މަޖުބޫރު ވާނެއެވެ.

comment ކޮމެންޓް