ސެންޓުފުޅިއަކާއި ފައިސާ ވަގަށް ނެގި މީހަކު ތަކެއްޗާއެކު އަތުލައިގެންފި

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ފިހާރައަކުން ސެންޓުފުޅިއަކާއި ފައިސާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ ގަލޮޅުގައި ހުންނަ އާލިޔާ މާޓް ފިހާރައިން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 5:50ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ގަލޮޅު ރެސްޕޮންސް އެންޑް ޕެޓްރޯލް އާއި އިންވެސްޓިގޭޝާންއިން ކުރަމުން ދިޔަ މަސައްކަތުން މައްސަލަ ރިޕޯޓުކުރިތާ ދެ ގަޑިއިރު ތެރޭގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ ހައްޔަރުކުރިއިރު އޭނާ ވަގަށް ނެގި ތަކެތި ކަމަށްވާ ސެންޓުފުޅިއަކާއި ފޯނަކާއި 1205 ރުފިޔާ ހޯދާފައިވާ ކަން ފުލުހުން ފާހަގަކުރިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 29 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވަނީ މައްސަލަ އިތުރު ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ރޯދަމަސްތަކުގައި ވައްކަމުގެ މައްސަލަތައް އާންމުވާކަން ފާހަގަކުރެވޭއިރު، ނިމިދިޔަ ރޯދަމަހުގެ ތެރޭގައި ވައްކަމުގެ ގިނަ މައްސަލަތަކެއް ފުލުހަށް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް