އިންޑިއާ ފަތުރުވެރިން އިތުރުކުރުމަށް މަޓާޓޯއިން އިންޑިއާ ހައި ކޮމިޝަނަރާ ބައްދަލުކޮށްފި

މަޓާޓޯއިން އިންޑިއާ ހައި ކޮމިޝަނަރާ ބައްދަލުކުރުން -- ފޮޓޯ/ މަޓާޓޯ

އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރު ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރާ ބައްދަލުކޮށްފިއެވެ.

މަޓާޓޯއިން ބުނީ ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގައި ބޭއްވި މިބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ފަތުރުވެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރި ކަމަށެވެ. އެގޮތުން އިންޑިއާގެ މުހިންމު ސިޓީތަކުގައި ރޯޑްޝޯތައް ބޭއްވުމަށާއި ސޯޝަލް މީޑިއާގައި މަޝްހޫރު މީހުންނާއި މީޑިއާތައް ގެނެސް، އިޝްތިހާރު ކުރަން ރާވާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

މީގެއިތުރުން، އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެއް ކަމަށާއި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމަށް، މުޅި އިންޑިއާގައި ފާހަގަކޮށްލެވޭ ޓްރެވަލް އެސޯސިއޭޝަންތަކާއި އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރާ ކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.

މަޓާޓޯއިން ބުނީ އިންޑިއާގެ މެދުފަންތީގެ މީހުން 2030 ވަނަ އަހަރުގެ ނިޔަލަށް ބައިނަލްއަގްވާމީ ދަތުރުތަކަށް އަހަރަކު 144 ބިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިގޮތުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން 2030 ވަނަ އަހަރުގެ ނިޔަލަށް ދެގުނައަށް އިތުރުވެ 47 މިލިއަނަށް އަރާނެ ކަމަށް ޔޫރޯމޮނިޓާއިން ލަފާކުރެވޭ ކަމަށް މަޓާޓޯއިން ބުނެއެވެ. އެގޮތުން ގައުމުން ބޭރަށް އެންމެ ގިނައިން ދަތުރުކުރާ މީހުން ދިރިއުޅޭ ގައުމުތަކުގެ ލިސްޓޫން ހަ ވަނަ ޖާގަ އިންޑިއާ ހޯދާނެ ކަމަށް ޔޫރޯމޮނިޓާއިން ލަފާކޮށްފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ. އެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާ، އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަންގެ އިތުރުން ފްރާންސެވެ.

މަޓާޓޯއިން ބުނީ ހައިކޮމިޝަނަރާއެކު ބޭއްވި ބައްދަލުވުމުން ދައްކުވައިދެނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ވަރުގަދަ ކުރުމަށް އެ އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތައް ކަމަށެވެ.

comment ކޮމެންޓް