ސޮވަރިން ފަންޑު 35 މިލިއަން ޑޮލަރަށް އަރައިފި: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: -- ފޮޓޯ/ ރައީސް އޮފީސް

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް(އެސްޑީއެފް) މިހާރު 35 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އެސްޑީއެފްއަކީ ބޭރުގެ ގައުމުތަކުން ދިވެހި ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމަށްޓަކައި ފައިސާ ރައްކާ ކުރާ ފަންޑެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރު ނިމުނުއިރު އެ ފަންޑު ވަނީ ދެ މިލިއަން ޑޮލަރަށް ކުޑަ ވެފައި ކަމަށް މި ސަރުކާރުން ބުނެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާވަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އުޅުނީ ގައުމު ދަރުވާލަން ކަމަށެވެ.

އެކަންކަން މި ސަރުކާރުން ހައްލު ކުރަމުން އަންނަ ކަމަށާއި އެގޮތުން ސޮވަރިން ފަންޑު ވެސް އިތުރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ގިނަވެގެން ދެ އަހަރުތެރޭގައި ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް ތިރިކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަޑުމެންގެ ސަރުކާރަކީ ވަކި ބަޔަކަށް ގޮސް ޖެހޭނެ ބަޔެއް ނޫން. އަޅުގަޑުމެންގެ ލައިން ވަރަށް ސާފު،" ސައީދު މިއަދު ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން ކަންކަން ކޮށްފައި ހުރިގޮތުގެ ސަބަބުން މި ސަރުކާރުގެ ފުރަތަމަ ހަތަރު މަސް ވެގެން ގޮސްފައިވަނީ ގޮންޖެހުން ބޮޑު ދުވަސްތަކަކަށް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖެ ބަނގުރޫޓް ކޮށްލުމަށް އެމްޑީޕީއިން ކުރި މަސައްކަތް ހުއްޓުވީ ރައީސް މުއިއްޒު ކަމަށެވެ.

މި ފަހަރު ވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން އެ ދާއިރާގެ މަޖިލިސް މެންބަރަކަށް ހުންނެވި ސައީދު ވިދާޅުވީ މާވަށުގެ ޒުވާނުންނާއި ރައްޔިތުން އެންމެ ބޭނުންޖެހިފައި ތިބީ ވަޒީފާއަށް ކަމަށެވެ. އަދި އެކަން މާވަށު ރައްޔިތުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް