ގެއްލުންހުރި ކޮންޓެންޓްތައް ނަގަން މެޓާ އާއި ޓިކްޓޮކަށް މެލޭޝިއާއިން އަންގައިފި

ފޭސްބުކް އާއި ޓިކްޓޮކަށް މިފަދަ ގިނަމައްސަލަތަކެއް ވަނީ ކުރިމަތިވެފައި ---

ގެއްލުންހުރި ކޮންޓެންޓްތައް ނަގަން މެޓާ އާއި ޓިކްޓޮކަށް މެލޭޝިއާގެ ކަމާބެހޭ މުއައްސަސާތަކުން އެ ޕްލެޓްފޯމްތައް ނިސްބަތްވާ ކުންފުނިތަކަށް އަންގައިފިއެވެ.

މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން އަންގާފައިވަނީ ޓެކް ކުންފުނިތައް ކަމަށްވާ މެޓާ އާއި ޓިކްޓޮކް ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފެތުރެމުންދާ ގެއްލުންހުރި ކޮންޓެންޓްތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރާނެ ގޮތުގެ ތަފްސީލީ ޕްލޭންތަކެއް ފޯރުކޮށްދިނުމަށެވެ.

މެލޭޝިއާ ސަރުކާރުގެ ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމްސީއެމްސީ) އިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 2024 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް މެޓާގެ ފޭސްބުކް އަދި ޓިކްޓޮކް ފަދަ އެކި އޮންލައިން ޕްލެޓްފޯމްތަކާ ދެކޮޅަށް 50،000 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.

އިޖްތިމާޢީ މިންގަނޑުތަކަށް ނުފެތޭ ހަޑިހުތުރު ޕޯސްޓްތައް އެ ޕްލެޓްފޯމްތަކުގައި ދައުރުވާތީ އެކަމާ ދެކޮޅަށް މި މައްސަލަތައް ހުށަހަޅާފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖުމްލަ 43،000 ކޭސްއާ އަޅާބަލާއިރު އިތުރުވުމެކެވެ.

ނަސްލާއި ދީނާއި އަދި މެލޭޝިއާގެ އާދަކާދައާއި ސަޤާފަތަށް ނުފެތޭ ކަމަށް ބެލެވޭ ޕޯސްޓުތަކާ މެދު މެލޭޝިއާގެ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މައްސަލަ ޖެހިފައިވާ އެހެން ދާއިރާތަކުގެ ތެރޭގައި ހިޔާނާތާއި ގަވައިދާ ހިލާފުވުމާއި މަކަރާއި ހީލަތާއި ގުޅުން ހުރި ކޮންޓެންޓްވެސް ހިމެނެއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަދްޒިލް އިސްވެ ހުންނަވައިގެން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި މެޓާ އާއި ޓިކްޓޮކްގެ މަންދޫބުންނަށް އަންގާފައިވަނީ މޮނިޓަރިން ހަރުދަނާކޮށް، އެފަދަ ގެއްލުންހުރި ޕޯސްޓްތައް އެ ފަރާތްތަކުގެ ޕްލެޓްފޯމްތަކުން އަވަހަށް ނައްތާލުމަށް ޓަކައި ސްޓްރެޓެޖީތައް ވަގުތުން އެކުލަވާލައި ހުށަހެޅުމަށެވެ.

މެލޭޝިއާ ސަރުކާރުގެ ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމްސީއެމްސީ) އާއި ނޭޝަނަލް ޕޮލިސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ޓިކްޓޮކާއި މެޓާ އިން ބައްދަލުވުމުގައި އެއްބަސްވި ގޮތަށް ފުރިހަމަ ތަފްސީލާއެކު އިމްޕްރޫވްމަންޓް ޕްލޭނަކާއި ސްޓްރެޓެޖީއެއް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރާނަމަ އެއްވެސް އިންޒާރެއްނެތި ޖޫރިމަނާ ކުރާނެކަމަށެވެ.

މެލޭޝިއާގެ ޗެނަލްތަކާއި އެޕްލިކޭޝަންތަކުން ހަރުކަށި ކޮންޓެންޓް ތައް އަވަހަށް ނައްތާލުމަށް ސޯޝަލް މީޑިއާގެ ބޮޑެތި ކުންފުނިތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ ސަރުކާރުގެ ނުތަނަވަސްކަން އެންމެ ފަހުގެ އެންގުންތަކުން ދައްކުވައިދެއެވެ. މީގެ ކުރިން ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ދީނީ ހަރުކަށިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި 2022 ވަނަ އަހަރު ވެރިކަމާ ހަވާލުވި ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ސަރުކާރުން ސެންސަރުޝިޕް ފުޅާކުރަމުންދާ ކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެހެންނަމަވެސް، ޢާންމު އަމަންއަމާންކަމާއި، ނަސްލީ އެއްބައިވަންތަކަމާއި، އަޚްލާޤު ދެމެހެއްޓުމަށްޓަކައި ސަރުކާރުން ކުރަމުންދާ ޢަމަލުތައް ދިފާޢުކޮށްފައިވެއެވެ.

comment ކޮމެންޓް