ވަން އެމްޑީބީ ޚިޔާނާތުގެ މައްސަލައިގައި މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މައާފަށް އެދިވަޑައިގެންފި

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގް --- ފޮޓޯ/ރޮއިޓާސް

ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ފަންޑް (1އެމްޑީބީ)ގެ ޚިޔާނާތުގެ މައްސަލައިގައި ޖަލުގައި ހުންނެވި މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާކް މައާފަށް އެދިވަޑައިގެންފިއެވެ.

ޚިޔާނާތުގެ ކުށް ސާބިތުވެ، 12 އަހަރަށް ނަޖީބް ޖަލަށްލާން ހުކުމް ކުރީ 2020 ވަނަ އަހަރެވެ.

ދެހާސް ނުވަވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންވިތާ މާ ގިނަ ދުވަހެއް ނުވެ، 4.5 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ 1އެމްޑީބީއިން ނަގައި ހޮލީވުޑް ފިލްމުތައް ހެދުމަށާއި އެ ނޫން ވެސް އެކި ކަންކަން ކަމަށް ޚަރަދުކޮށްފައިވާ ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ވަނީ ތުހުމަކޮށްފައެވެ.

އެ މައްސަލައިގެ ސަބަބުން ނަޖީބުގެ ސަރުކާރު ބައިބައިވެ، 2018 ވަނަ އަހަރުގެ ބޭއްވި އިންތިޚާބުގައި އޭނާ ވަނީ ނާކާމިޔާބުވެފައެވެ. އޭނާގެ މައްޗަށް ގާނޫނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އެ މައްސަލައިގައި ހުށަހެޅި އިސްތިއުނާފުގައި ވެސް ކާމިޔާބު ލިބިނުލެއްވުމުން 2022 ވަނަ އަހަރު ވަނީ ހުކުމް ތަންފީޒުކުރައްވަން ފައްޓަވާފައެވެ.

ނަޖީބް މައާފަށް އެދިވަޑައިގެންފައިވަނީ 700 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ހަތަރު ދައުވާއަކާއި ހަމަ އެ އަދަދާގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާ ގުޅޭ ޝަރީއަތް ފަށަން ތައްޔާރުވެފައިވަނިކޮށެވެ.

އުމުރުން 71 އަހަރުގެ ނަޖީބު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކުރައްވާފައެވެ. ނަމަވެސް، ބުދަ ދުވަހު އޭނާގެ ދަރިފުޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމަދު ނިޒާރު މުހައްމަދު ނަޖީބު ވަނީ މައާފަށް އެދިވަޑައިގެން ނަޖީބު ލިޔުއްވާފައިވާ ސިޓީ ވިދާޅުވެދެއްވާފައެވެ.

"1އެމްޑީބީގެ ޚިޔާނާތް ހިނގީ މާލީ ވަޒީރު އަދި ބޮޑުވަޒީރުކަމުގައި، އަޅުގަނޑުގެ ބެލުމުގެ ދަށުގައިކަން އެނގޭ. އެކަމާމެދު ކޮންމެ ދުވަހަކު ވެސް ހިތާމަ ކުރަން،" ނަޖީބުގެ ސިޓީގައި ލިޔުއްވާފައިވެއެވެ.

"އެކަމަށްޓަކައި މެލޭޝިއާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން،"

ނަޖީބްގެ މައްޗަށް ހިންގި ދިގު ޝަރީއަތަށް ފަހު އޭނާގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން އާއި 1އެމްޑީބީ އެކައުންޓްތަކުން ނަޖީބްގެ އަމިއްލަ އެކައުންޓްތަކަށް 10.1 މިލިއަން ޑޮލަރު ޓްރާންސްފާކުރިކަން ވެސް ސާބިތުވެފައެވެ.

ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރު ވެސް މީގެ ކުރިން ވަނީ ޚިޔާނާތުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. ގެންގުޅުއްވި އަގު ބޮޑު ބްރޭންޑްތަކުގެ ދަބަހާއި ގަހަނާތަކާއި ގައުމުން ބޭރަށް ކުރި އަގު ބޮޑު ދަތުރުތަކުގެ ސަބަބުން ބޮޑެތި ޚިޔާނާތުގެ ތުހުމަތުތަކެއް ވަނީ ރަސްމާ މަންސޫރުގެ މައްޗަށް ވެސް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް