ގޫގުލްއިން މެލޭޝިއާގެ ކުންފުންޏަކާއެކު ކްލައުޑް ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ގޫގުލް ކްލައުޑް --

މެލޭޝިއާގެ ޓެކްނޮލޮޖީ ކުންފުނި ޑަގަން ނެކްސްޗޭންޖް ބަރްހާދު (ޑީއެންއެކްސް) އާއި ގޫގުލް ކްލައުޑާ ދެމެދު ގިނަ އަހަރުތަކަކަށް ދެމިގެންދާނެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގައި "ސޮވްރިން ކްލައުޑް" ޚިދުމަތްތައް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގެ މަޤްޞަދަކީ ޑޭޓާގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަމާއި ޕްރައިވަސީއާ ގުޅޭ ދާއިރާތަކުގައި ހަރުކަށި މިންގަނޑުތަކެއް ބޭނުންވާ ފަރާތްތަކަށް ކްލައުޑް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. ޚާއްޞަކޮށް ސަރުކާރުގެ ޚިދުމަތްތަކާއި، މާލީ ޚިދުމަތްތަކާއި، ޞިއްޙީ ދާއިރާ އަދި ހަކަތައިގެ ދާއިރާ ފަދަ ދާއިރާތަކަށް އަމާޒުކޮށްގެން މި ޚިދުމަތް ތަޢާރަފުކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން، ޑީއެންއެކްސްއަށް "ގޫގުލް ޑިސްޓްރިބިއުޓެޑް ކްލައުޑް" ހިންގުމުގެ ހުއްދަ ލިބޭނެއެވެ. މިއީ އިންޓަނެޓާ ގުޅުމެއް ނެތި ނުވަތަ ގޫގުލް ކްލައުޑް ސަރަޙައްދަކާ ގުޅުމެއްނެތި މަސައްކަތްކުރެވޭނެ ޙައްލެކެވެ.

ގޫގުލް ކްލައުޑްގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ވައިސް ޕްރެޒިޑެންޓް ކަރަން ބަޖްވާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން މެލޭޝިއާއަށް އެންމެ ޒަމާނީ ކްލައުޑް އިންފްރާސްޓްރަކްޗާ، ޑިވެލޮޕާ ޓޫލްސް، އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ޚިދުމަތްތައް ލިބި، ޑިޖިޓަލް ކުރިއެރުން ހޯދުމަށް މަގުފަހިވާނެއެވެ.

މީގެ އިތުރުން، ޑީއެންއެކްސް އާއި ގޫގުލް ކްލައުޑް ގުޅިގެން އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގައި ގައުމީ ފެންވަރުގެ ތަމްރީނު މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މި ދެ ފަރާތުން ބުނެފައިވެއެވެ.

ގޫގުލްއިން މިދިޔަ މެއި މަހު ވަނީ މެލޭޝިއާގައި އެ ކުންފުނީގެ ފުރަތަމަ ޑޭޓާ ސެންޓަރާއި ގޫގުލް ކްލައުޑް ސަރަޙައްދެއް ތަރައްގީކުރުމަށް ދެ ބިލިއަން ޑޮލަރު އިންވެސްޓްކުރާނެކަމަށް އިޢުލާނުކޮށްފައެވެ. މި އެއްބަސްވުމަކީ އެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބެލެވެއެވެ.

comment ކޮމެންޓް