ލަފާކުރި ވަރަށް ވުރެ ރަނގަޅު އިގުތިސާދީ ކުރިއެރުމަކާ އެކު ފައިސާ ވަރުގަދަވަމުން ދިއުމުގެ ސަބަބުން 2028 ވަނަ އަހަރުގެ ކުރީކޮޅު މެލޭޝިއާއަކީ ގިނައިން އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި ދަރަޖަކުރެވިދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން މެލޭޝިއާގެ 2024 ވަނަ އަހަރުގެ އިގުތިސާދީ ކުރިއެރުން ލަފާކުރި މިންވަރު 4.3 ޕަސެންޓުން 4.9 ޕަސެންޓަށް މަތިކުރުމުން މެލޭޝިއާ އޮތީ މި މައިލްސްޓޯނަށް ވާސިލްވުމުގެ މަގުމަތީގައި ކަމަށް މެލޭޝިއާގެ އިގުތިސާދީ މާހިރު، އަޕްރޫވާ ސަންގީ ވިދާޅުވިއެވެ.
އިގުތިސާދީ ގޮތުން ކުރިއެރުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވަމުން ދާނެ ކަމެއް ކަމަށާއި، އެއާއެކު މެލޭޝިއާ ފައިސާ ކަމަށްވާ ރިންގިޓްގެ އަގު ވެސް ރަނގަޅުވުމުން ގިނައިން އާމްދަނީ ލިބޭ ގައުމަކަށްވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އަމްރޫވާ ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ކުރިން މެލޭޝިޔާގެ އިގުތިސާދީ ދުވެލި ވަނީ 12 އިންސައްތައަށް ހަލުއިވެފައި ކަމަށާއި، ސިންގަޕޫރުގެ ފިޔަވައި ދެކުނު އިރުމަތީ އޭޝިއާގައި އިގުތިސާދީ ގޮތުން އެންމެ ރަނގަޅު ގައުމަކީ މެލޭޝިއާ ކަމަށް އަޕްރޫވާ ވިދާޅުވިއެވެ.
އަޕޫރްވާ ވަނީ ފިއުލް ސަބްސިޑީތައް ކަނޑާލުމާއި، އޯވާކޮލިފައިޑް ވަޒީފާތަކުގައި މަސައްކަތްކުރާ ގާތްގަނޑަކަށް ދެ މިލިއަން މެލޭޝިއާ މީހުންގެ ވަޒީފާގެ ދަތިތައް ނައްތާލައި، އިގުތިސާދީ ކުރިއެރުން ކަށަވަރުކުރުމަށް އިސްލާހުތައް ކަނޑައެޅުމަށް ގޮވާލާފައެވެ.
މެލޭޝިއާގެ އިގުތިސާދީ ދުވެލި މިދިޔަ އަހަރު 3.7 އިންސައްތައަށް ހަލުއިވެފައިވާއިރު، އޭގެ ކުރީ އަހަރު މެލޭޝިއާގެ އިގުތިސާދު ވަނީ 8.7 އިންސައްތައަށް ހަލުއިވެފައެވެ.
ވޯލްޑް ބޭންކުން އާމްދަނީ ބޮޑު ގައުމެއްގެ ގޮތުގައި ބަލަނީ ބޮލަކަށް ޖެހޭ ޖުމްލަ އާމްދަނީ 14،005 ޑޮލަރު ނުވަތަ އެއަށްވުރެ މަތިން ލިބޭ ގައުމުތަކެވެ.