އިގުތިސާދީ ފައިދާ ހޯދޭނެ ގޮތް ހިމެނޭ ގޮތަށް، އޭއައި ބޭނުންކުރުމުގެ މާސްޓާޕްލޭނެއް ހަދަނީ

ރައީސް މުއިއްޒު އިއްޔެ އޮތް ކެބިނެޓު ބައްދަލުވުމުގައި: އެމަނިކުފާނު ވަނީ އޭއައި ބޭނުންކުރުމުގެ މާސްޓާޕްލޭނެއް އެކުލަވައިލުމަށް ނިންމަވައިފަ -- ފޮޓޯ/ ރައީސް އޮފީސް

އާޓިފިޝަލް އިންޓެލިޖަންސް (އޭއައި)ގެ ފަންނިއްޔާތާ ގުޅޭ ގާނޫނީ ފްރޭމްވޯކް ހިމެނޭގޮތަށް މާސްޓާޕްލޭނެއް އެކުލަވައިލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ނިންމަވައިފިއެވެ.

އެމަނިކުފާނު އެފަދައިން ނިންމަވާފައި ވަނީ އިއްޔެ އޮތް ކެބިނެޓު ބައްދަލުވުމުގައި ކެބިނެޓު ވަޒީރުންގެ ލަފާފުޅާއެކުއެވެ.

ކެބިނެޓުން އެކުލަވާލަން ނިންމާފައިވާ މާސްޓާޕްލޭންގައި، އޭއައިގެ ފަންނިއްޔާތު މެދުވެރިކޮށް އިގުތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތަައް އެކުލަވައިލަން ވަނީ ނިންމަވައިފައެވެ.

އެ މާސްޓާޕްލޭންގައި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި އަމަލުކުރާނެ ގާނޫނީ ފްރޭމްވޯކެއް ހިމަނާނެއެވެ. އަދި އެފަދަ ކަންކަމުގައި ސަރަހައްދީ ގައުމުތަކުން އަމަލުކުރަމުންދާ ގޮތްތަކަށް ވެސް ބަލާނެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އޭއައިގެ ފަންނިއްޔާތާ ގުޅޭ މާސްޓާޕްލޭނެއް އެކުލަވައިލެއްވުމަށްފަހު، ހޯމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން އެކަމާ ގުޅޭ ކަރުދާސްތައް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކަނޑައަޅުއްވާފައެވެ.

https://sun.mv/197098

މިދިޔަ މަހު އެމެރިކާގައި އޮތް އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގެން ރައީސް ވަނީ ރާއްޖެގައި ޑިޖިޓަލް އިކޮނޮމީ ތަރައްގީކުރަން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން އެ މަޖިލީހުގެ ހަވާސާ ބައްދަލުވުމެއްގައި ރައީސް ވަނީ ރާއްޖެއިން އުފެއްދުންތެރިކަން އިތުރު ކުރުމަށް އޭއައި ބޭނުންކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް