މި ތިބީ ރާއްޖެއަށް އެއްބާރުލުންދީ، އާ ފުރުސަތުތައް ހުޅުވައިދޭން ތައްޔާރަށް: ޗައިނާ

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރާ އެކު ބައްދަލުކުރެއްވުން --- ފޮޓޯ/ޗައިނާގެ ފޮރިން މިނިސްޓްރީ

ޗައިނާއިން ދިވެހިރާއްޖެއަށް އެއްބާރުލުން ދީ، އާ ފުރުސަތުތަކެއް ހުށަހަޅަން ތައްޔާރަށް ތިބި ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މަރުކަޒީ ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރެއް ކަމަށްވާ ވާންގް އެ މޭރުމުން ވާހަކަފުޅުދެއްކެވީ ބެއިޖިންގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރާ އެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

ދާދި ފަހުން ނިމުނު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ މަރުކަޒީ ކޮމިޓީގެ ތިންވަނަ ޕްލެނަރީ ސެޝަންގައި 300 އަށްވުރެ ގިނަ އިސްލާހީ ފިޔަވަޅުތަކެއް ހުށަހެޅުނުކަމަށް ފާހަގަކުރައްވައި ވާންގް ވިދާޅުވީ، ޗައިނާއިން މަތީ ފެންވަރެއްގައި އިތުރަށް ހުޅުވާލާނެ ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިކަމުން ދިވެހިރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ ހުރިހާ ޤައުމުތަކަކާ އެކު އެއްބާރުލުމަށް އާ ފުރުޞަތުތަކެއް ލިބޭނެ،" ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ވާންގް ހަނދުމަފުޅުކޮށްދެއްވީ މީގެ 52 އަހަރު ކުރިން ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނީއްސުރެ، ޗައިނާއާއި ދިވެހިރާއްޖެއިން އަބަދު ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކޮށް އެހީތެރިވަމުން އައިސްފައިވާކަމެވެ. އަދި، މިއީ ޤައުމުތަކުގެ ބޮޑުކުޑަމިނުގެ ތަފާތު ހުރި ނަމަވެސް ހަމަހަމަކަމާ އެކު މުޢާމަލާތްކޮށް، ދެ ފަރާތަށް ވެސް ފައިދާވާގޮތަށް އެއްބާރުލުން ދިނުމުގެ މިސާލެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރާ އެކު ޗައިނާގެ ބެއިޖިންގައި ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ޗައިނާގެ ފޮރިން މިނިސްޓްރީ

އޭނާ ވިދާޅުވީ، ޗައިނާއިން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އެހީތެރިވުމަށް ތައްޔާރަށް ހުރި ކަމަށާއި ރާއްޖެ މިނިވަން އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލުކަން އިތުރުކުރުމަށް ވެވުނު އެންމެ ބޮޑު މިންވަރަކުން އެހީތެރިވާނެ ކަމުގައެވެ.

ޗައިނާގެ އިތުރަށް ފުޅާކުރެވޭ އިސްލާހުތަކާއި ޗައިނާގެ މޮޑަނައިޒޭޝަން ކުރިއަރުވަމުން ދިއުމަކީ ދުނިޔެއަށް އިތުރު ފައިދާތަކެއް ލިބޭނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ދުނިޔޭގެ ތަރައްޤީވަމުން އަންނަ ގައުމުތަކުން، ދުނިޔޭގެ ގޮންޖެހުންތަކަށް ކުރިމަތިލުމަށާއި ދުނިޔޭގެ ސުލްހައާއި ފާގަތިކަން ދެމެހެއްޓުމަށް އެކުގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ޗައިނާއިން ދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތީ ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.

comment ކޮމެންޓް